އެމްޑީޕީގެ ރައީސް ޑރ.ޑީޑީގެ މަންމަ އަވަހާރަވެއްޖެ

އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ގެ މަންމަ އާމިނަތު ދީދީ މިއަދު އަވަހާރަވެއްޖެއެވެ.

ޑރ.ޑީޑީގެ މަންމަ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ އެތެރެހަށީގެ އާލާސްކަންފުޅަކަށް އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ.

ޑރ.ޑީޑީގެ މަންމަ، އާމިނަތު ދީދީ އަވަހާރަވުމާ ގުޅިގެން އެމަނިކުފާނު މިއަދު ފޮނުއްވި އެސްއެމްއެސްގައި ވިދާޅުވީ އިއްޔެއިން ފެށިގެން އެމަނިކުފާނުގެ މަންމަގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، އެހެން ނަމަވެސް އައިޖީއެމްއެޗްގެ އައިސީޔޫ އިން އެނދެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި މިއަދު ފަތިހު 5.15 އިން ފެށިގެން ވެންޓިލޭޓަރާ ގުޅަންޖެހޭ ކަމަށް ހޮސްޕިޓަލުން ބުނި ނަމަވެސް އެވަގުތު މުޅި އައިޖީއެމްއެޗްގައި ވެސް އެތެރެހަށީގެ ޑޮކްޓަރަކު ނެތި، ވެންޓިލޭޓަރާ ވެސް ނުގުޅި އެންމެ ފަހުން އަވަހާރަވީ ކަމަށެވެ.

މަރުޙޫމާ އާމިނަތު ދީދީގެ މޫނުދެއްކުން މިއަދު ހެނދުނު 11 އިން ފެށިގެން އާސަހަރާގައި އޮންނާނެއެވެ. އެ މަރުޙޫމާގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މިއަދުގެ އަސްރު ނަމާދަށްފަހު، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޒަމް، އިސްލާމީ މަރުކަޒުގައެވެ.

މި ކަށުނަމާދުގައި އެމްޑީޕީގެ ވީހާވެސް ގިނަ މެންބަރުން ބައިވެރިވެވަޑައިގެން ދެއްވުމަށް އެ ޕާޓީން އެދެއެވެ.