އަވަސް އިންތިޚާބެއް އިއުލާންކުރަންދެން ދިގުދެމިގެންދާ މުޒާހަރާއެއް ކުރާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ .

އަވަސް އިންތިޚާބެއް އިއުލާންކުރަންދެން ދިގުދެމިގެންދާ މުޒާހަރާއެއް ކުރާނޭ ކަމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އިންސާފުގެ މައިދާނުގައި މިހާރު ބޭނުން ކުރަމުން އަންނަ އުސްފަސްގަނޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ރޭ ވިދާޅުވީ ދިގުދެމިގެންދާ މުޒާހަރާއަކަށް އެމްޑީޕީން ވަރަށް އަވަހަށް ނުކުންނާނެ ކަމަށެވެ. އަދި މި އިޙްތިޖާޖުތައް އެމްޑީޕީން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލް ކުރުމަށްފަހުގައި ނޫނީ ހުއްޓާނުލައްވާނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ ކަންކަން ހައްލު ކުރެވޭ ވަރުގެ ބޮޑު ދިގުދެމިގެންދާ މުޒާހަރާއަކަށް. މުޅި ދުނިޔޭގެ ރައްޔިތުންނަަށް ދިވެހިންގެ އެދުން ރަނގަޅަށް ހާމަވެގެންދާ ވަރުގެ މުޒާހަރާއަކަށް. އަޅުގަނޑުމެން އެ މުޒާހަރާ އިންތިޒާމް ކުރާނަން. އަޅުގަނޑުގެ ގާތުގައި ގައުމުތަކުން އެބައަހާ ދިވެހިންގެ އިތުރުންވެސް ދިވެހިންނަށްޓަކާ އަޅުގަނޑުމެންކޮށްދޭންވީ ކޮން ކަމެއްތޯ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ފެބްރުއަރީ 7 ވަނަ ދުވަހުގެ ބަޣާވާތުގެ މައްޗަށް ވެސް ރޭގެ ޖަލްސާ ގައި ރައީސް ނަޝީދު އަލިއަޅުވާލެއްވިއެވެ. އެ ގޮތުން ބަޣާވާތް ކުރި މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެންނަވައި އެފަރާތްތަކަށް ހައްގު އަދަބު ދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އަތްޕުޅުން ވެރިކަން ފޭރިގަތް ދުވަހު ޖުމްހޫރީ މައިދާނުގައި ނުކިޔަމަންތެރިކަން ދެއްކި ފުލުހުން ކޮންޓްރޯލްކުރުމަށް ސިފައިންގެ މައި އިދާރާއިން ނުކުންނަން އުޅުނު ސިފައިން ހުއްޓުވަން ސިފައިންގެ ބައެއް އޮފިސަރުން މަސައްކަތްކުރި ކަމަށާއި، އެ އިދާރާގެ މައި ގޭޓް ހިމާޔަތްކުރަން ތިބި މީހުންނަށް އެތަނުގެ ކޮންޓްރޯލް ގެއްލުނީ ކީއްވެގެން ކަން މިނިވަން ތަހުގީގަކުން ވަރަށް ރަގަޅަށް އެނގިގެންދާނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން އެދުވަހު ސިފައިންގެ މައި އިދާރާގައި ކަންހިނގައިދިޔަ ގޮތް ރެކޯޑްކުރެވިފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.