ރައީސް ނަޝީދު މާލެ ވަޑައިގެންފި

ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދަށް އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، އެމްޑީޕީގެ ބައެއް ދާއިރާ ރައީސުންނާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުންނެވެ.

ރައީސް ނަޝީދު ވަނީ މިއަދު ހުޅުލޭގައި ނޫސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. އަދި މާލެ ވަޑައިގެން ރައީސް ނަޝީދު ޖުމްހޫރީ މައިދާނުގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކޮށްލެެއްވިއެވެ

ރައީސް ނަޝީދު ތިމާވެށީގެ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކާއި ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ފިލްމު، ދި އައިލެންޑް ޕްރެޒިޑެންޓް އެމެރިކާގައި ޕްރިމިއަރ ކުރުމުގެ ހަފްލާއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ނަންކިޔާލެވޭ އެތައް ނޫސްމަޖައްލާއަކަށް ބަސްދީގަތުންތައް ދެއްވައި، ރޭޑިއޯއާއި ޓީވީގެ އެތަކެއް މަޝްހޫރު ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ނަޝީދުގެ ޝަޚުޞީ ގާބިލްކަމާއި، އެމަނިފާނުގެ ތަބަޢީ ޚުލްގުފުޅުގެ އެންމެހާ މަސްދަރުތައް ހާމަވެގެންދިޔަ ފިލްމު ”ދިއައިލެންޑް ޕްރެޒިޑެންޓް” އަށް ގިނަ ޢަދަދެއްގެ މަތީފަންތީގެ އެވޯޑްތައް ވަނީ ލިބިފައެވެ. ފިލްމުގައި ރައީސް ނަޝީދުގެ ނަޒަރުން އެންމެ އިސްކަމެއް ދެއްވީ ތިމާވެއްޓާ މޫސުމަށް އަންނަ ބަދަލުތަކަށެވެ. އެއާއެކު ސައްތަ އިން ސައްތަ މުސްލިމް ދިވެހިރާއްޖޭގެ ޑިމޮކްރަސީ އިއާދަ ކުރުމަށްޓަކާ މިހާރު އެންމެ މުހިންމީ އަވަސް އިންތިޚާބެއް ކަމުގައި ފިލްމު ޕްރީމިއަރ ކުރި ހަފްލާގައި ފާހަގަ ކުރެވުނެވެ. އަދި ރާއްޖޭގެ ކަންކަމާ މެދު ދުނިޔޭގެ ނަޒަރު ހުއްޓިފައިވާ ކަން ވަރަށް ސީދާ ގޮތުގައި ހާމަކުރެވުނެވެ.