އެމްޑީޕީގެ ގައުމީ މަޖިލީހުގެ 103 ވަނަ ޖަލްސާ ބާއްވައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 103 ވަނަ ބައްދަލުވުން ދަރުބާރުގޭގައި މިއަދު ބާއްވައިފިއެވެ.

ދަރުބާރުގޭ ދޮށިމޭނާ މާލަމްގައި މިއަދު ހަވީރު 5 ޖެހި އިރު ފެށި މި ޖަލްސާގައި ކެބިނެޓް އާއި ޕާލިމެންޓަރީ ގްރޫޕް އާއި ސެކްރެޓޭރިއަޓުން ޤައުމީ މަޖިލީހުގެ މެންބަރުންނަށް މަޢުލޫމާތު އެރުވުން އޮތެވެ. ކެބިނެޓްގެ ފަރާތުން މަޢުލޫމާތުދެއްވީ ރައީސް ނަޝީދުގެ ކެބިނެޓް މިނިސްޓަރ މުޙަންމަދު ޝިހާބެވެ. އަދި ޤައުމީ މަޖިލީހުގެ މެންބަރުން މިކަންކަމާ ބެހޭގޮތުން ސުވާލުކުރުމަށް ދެވޭ 20 މިނިޓް ދިނުމަށްފަހު ދެން އޮތީ އެޖެންޑާ ފާސްކުރުމެވެ.

އެޖެންޑާ ފާސްކުރުމަށްފަހު، އަސާސީ ޤަވާއިދު އިސްލާޙްކުރާ ކޮމެޓީގެ ރިޕޯޓު ހުށަހެޅުން އޮތެވެ. އަދި ރިޔާސީ ޕްރައިމަރީގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅި ޤަރާރަކާއި، އަވަސް ކޮންގްރެސްއެއް ބޭއްވުމަށް ޤަރާރެއް ހުށަހެޅިއެވެ. އަދި ބައެއް ދާއިރާތަކުގައި ބޭންކް އެކައުންޓް ހުޅުވުމާބެހޭ ޤަރާރު ވެސް ހުށަހެޅިއެވެ.

މިއަދުގެ ޖަލްސާގައި ރިޔާސީ ޕްރައިމަރީގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅި ގަރާރު ފާސްވީ ރިޔާސީ ޕްރައިމަރީ ބާއްވާނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާއި، ޗެއާޕާސަންގެ ނައިބުގެ މަގާމާއި ހުސްވެފައިވާ އެހެން މަގާމުތަކުގެ އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް ކަމަށް މިއަދު އިންތިޚާބުވެވަޑައިގަތް އަލީ ވަހީދު ހުށަހަޅުއްވައި ރައީސް ނަޝީދުގެ ކެބިނެޓްގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ތާއީދު ކުރެއްވި އިސްލާހަކާ އެކު އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބަޔަކު ބަދަލުކޮށްފައިވާތީ، އެމްޑީޕީގެ އަސާސީ ގަވައިދު ކަމަށް ބަލާނީ 2010 ވަނަ އަހަރުގެ ކޮންގްރެސް އަށް ހުށަހަޅައި ފާސްކުރި ގަވާއިދު ކަމަށާއި އަދި އެ ގަވާއިދު އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށް އެމްޑީޕީ އޭދަފުށީ ދާއިރާގެ ރައީސް އަދި ރައީސް ނަޝީދުގެ ލީގަލް އެފެއަރޒް ސެކްރެޓަރީ ހިސާން ހުސައިން ހުށަހެޅުއްވި ގަރާރުވެސް ވަނީ މެމްބަރުންގެ އިއްތިފާގުން ފާސްވެފައެވެ.

މީގެ އިތުރުން އަސާސީ ގަވާއިދަށް ބަދަލު ގަނައި މައްސަލަ އެމްޑީޕީގެ ގުނަންތަކުން ބަލައި އެފަރާތްތަކާ މެދު ފިޔަވަޅުއެޅުމަށް ވެސް ވަނީ ގައުމީ މަޖިލިސް މެންބަރުންގެ އިއްތިފާގުން ފާސްވެފައެވެ.

މި ޖަލްސާ ގައި އެމްޑީޕީ ތޮއްޑޫ ދާއިރާ އެކައުންޓް ހުޅުވުމުގެ ޤަރާރާއި، އެމްޑީޕީ އައްޑޫ ސިޓީގެ އެކައުންޓް ހުޅުވުމުގެ ޤަރާރާއި، އެމްޑީޕީ ހިންނަވަރު ދާއިރާ އެކައުންޓް ހުޅުވުމުގެ ޤަރާރުގެ އިތުރުން އަންހެނުންގެ ރޫޙުގެ އެކައުންޓް ހުޅުވުމުގެ ޤަރާރު ވެސް ވަނީ މިއަދުގެ ޖަލްސާގެ އަޤްލަބިއްޔަތަކުން ފާސްވެފައެވެ.