ރައީސް ނަޝީދު މާދަމާ ހެނދުނު މާލެ ވަޑައިގަންނަވާނެ

ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ ހެނދުނު މާލެވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދު ތިމާވެށީގެ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކާއި ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ފިލްމު، އެމެރިކާގައި ޕްރިމިއަރ ކުރުމުގެ ހަފްލާއަށް އެމަނިކުފާނު ކުރެއްވި މި ދަތުރުފުޅުގައި ރައީސް ނަޝީދުގެ އެމެރިކާ ދަތުރުފުޅުގައި އެގައުމުގެ ނަންކިޔާލެވޭ އެތައް ނޫސްމަޖައްލާއަކަށް ބަސްދީގަތުންތައް ދެއްވައި، ރޭޑިއޯއާއި ޓީވީގެ އެތަކެއް މަޝްހޫރު ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ނަޝީދުގެ ޝަޚުޞީ ގާބިލްކަމާ، އެމަނިފާނުގެ ތަބަޢީ ޚުލްގުފުޅުގެ އެންމެހާ މަސްދަރުތައް ހާމަވެގެންދިޔަ ފިލްމު ”ދިއައިލެންޑް ޕްރެޒިޑެންޓް” އަށް ގިނަ ޢަދަދެއްގެ މަތީފަންތީގެ އެވޯޑްތައް ވަނީ ލިބިފައެވެ. ފިލްމުގައި ރައީސް ނަޝީދުގެ ނަޒަރުން އެންމެ އިސްކަމެއް ދެއްވީ ތިމާވެއްޓާ މޫސުމަށް އަންނަ ބަދަލުތަކަށެވެ. އެއާއެކު ސައްތަ އިން ސައްތަ މުސްލިމް ދިވެހިރާއްޖޭގެ ޑިމޮކްރަސީ އިއާދަ ކުރުމަށްޓަކާ މިހާރު އެންމެ މުހިންމީ އަވަސް އިންތިޚާބެއް ކަމުގައި ފިލްމު ޕްރީމިއަރ ކުރި ހަފްލާގައި ފާހަގަ ކުރެވުނެވެ. އަދި ރާއްޖޭގެ ކަންކަމާ މެދު ދުނިޔޭގެ ނަޒަރު ހުއްޓިފައިވާ ކަން ވަރަށް ސީދާ ގޮތުގައި ހާމަކުރެވުނެވެ.

ރައީސް ނަޝީދުގެ އެމެރިކާ ގެ ޒިޔާރަތާބެހޭގޮތުން އިތުރު މައުލޫމާތު އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިން މާދަމާ ހެނދުނު 8.30 ގައި އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވީވީއައިޕީ ލައުންޖުގެ ބޭރުގައި ބާއްވާ ނޫސް ކޮންފަރެންސްގައިޢާންމުކޮށް ހާމަކޮށްދެއްވާނެ އެވެ.