ފެބްރުއަރީ 7 އަދި 8 ގައި ފުލުހުން ހިންގާފައިވާ ޖަރީމާތައް ނުބަލައި އެހެން މައްސަލަތައް ނުބެލުމަށް ސަމީރު ޕީޖީއަށް ގޮވާލައްވައިފި

ފެބްރުއަރީ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު ފުލުހުން ހިންގާފައިވާ ޖަރީމާތައް ނުބަލައި ބަޣާވާތަށް ފަހު ހިނގައިދިޔަ ކަން ކަމާ ގުޅުންހުރި ކަމަށް ބެލެވޭ އާންމު ރައްޔިތުންގެ މައްސަލަތައް ނުބެލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ގޮވާލައްވައިފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް އަހުމަދު މުއިއްޒަށް، ސަމީރު މިއަދު ހެނދުނު ފޮނުއްވި ސިޓީ ގައި ގޮވާލައްވާފައިވަނީ ވެރިކަން ވައްޓާލުމަށް ބަޣާވާތްކުރި ފަރާތްތަކުން ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު ހިންގާފައިވާ ޤާނޫނު އަސާސީ އާއި، ޤާނޫނާއި، އިންސާނިއްޔަތާއި ޚިލާފް ޖަރީމާތަކުގައި ދިވެހި ރައްޔިތުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، އަދި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް އަމާޒުކޮށް ގަސްތުގައި އަނިޔާ ދިނުމަށާއި، މެރުމަށް ގޮވާލަމުން ފުލުހުންނާއި ސިފައިން ހިންގި އިންސާނިއްޔަތާއި ޚިލާފް ޖަރީމާ އެއް ވެސް ފަރާތަކުން މިއަދާ ހަމައަށް ވެސް އެއް ވެސް ތަޙްގީގެއް ހިންގާފައި ނުވުމުގެ ސަބަބުން ފުލުހުންނާއި، ސިފައިންގެ ތެރެއިން މި ބަޣާވާތާއި، ޖަރީމާގައި ބައިވެރިވެފައިވަނީ ކޮންބައެއްކަމާއި، އަދި އެކަމުގައި ބައިވެރިނުވަނީ ކޮންބައެއް ކަން ވެސް އެނގިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ބައެއް ރަށްރަށުގައި ބަޣާވާތުގެ ސަރުކާރާ ދެކޮޅަށް ހިންގާފައިވާ އަމަލުތައް ކުރިކަމުގެ ތުހުމަތުގައި ފުލުހުން ހިންގާފައިވާ ތަހުގީގަކީ މިނިވަން އިންސާފްވެރި ތަހުގީގެއް ކަމަށް ޕީޖީ ބަލައިގަނެ އެފަދަ މައްސަލަތައް ޝަރީއަތަށް ހުށަހެޅިގެންދާއިރު، ފުލުހުން ސީދާ އެމްޑީޕީގެ މެންބަރުންނާއި، އެޕާޓީ އަމާޒު ފަތްގަނޑަކަށް ހަދައި ޖަރީމާ ހިންގާފައިވާތީ، މިފަދަ ތުހުމަތުތަކަކީ ސައްހަ ތުހުމަތުތަކަކަށް ނުވެދާނެތީ ސަމީރު ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.
ފެބްރުއަރީ 8 ވަނަ ދުވަހު ދިއްދޫ ޕޮލިސް ސްޓޭޝަން ބަންދުކޮށްފައިވަނީ އެ ދުވަހުގެ ހާލަތަށް ބަލައި، ދިއްދޫ ރައްޔިތުންގެ އިމާރާތަކަށް ވާތީވެ، ސައްތައިންސައްތަ އެމްޑީޕީ މެންބަރުން ހިމެނޭ ދިއްދޫ ކައުންސިލްގެ މެންބަރުންނާއި، އަތޮޅު ކައުންސިލްގެ ބައެއް މެންބަރުން ފުލުހުންނާ ބައްދަލުކޮށް، ފުލުހުން އެ ދުވަހު އެތަނުގައި ތިބިނަމަ، ހިނގައިފާނޭ ހަމަނުޖެހުމަކަށާއި، އަދި ތަނަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިކުރުމަށްޓަކައި ފުލުހުންގެ ކިބައިން އެދުމުން ފުލުހުން އަމިއްލައަށް ނިންމެވި ނިންމުމަކަށްވާއިރު، ފުލުހުންގެ ތަހުގީގު އެހެން ގޮތަކަށް ބިނާކޮށްފައިވާނަމަ، އެކަމަކީ ނުހަނު ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމުގައި ދެކިވަޑައިގަންނަވާނޭ ކަމަށް ވެސް ސަމީރުގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

އެހެން ކަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުންނާއި، އަދި ޕީޖީގެ މަސައްކަތްތައް ބަލައި، ރިޕޯޓް ކުރަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޥައްސަސާތަކާއި ބެހޭ ކޮމިޓީގެ ޑެޕިއުޓީ މުގައްރިރުގެ ހައިސިއްޔަތުން މި ފަދަ ކަންކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އެކަންތައް މިނިވަންކަމާއި، މުސްތަގިއްލު ކަމާއެކު މިނިވަން ތަހުގީގެއް ހިންގާފައި މެނުވީ ރައްޔިތުންނާ މެދު ޝަރީއަތް ހިންގާނަމަ އެކަމުގެ ނޭދެވޭ ނަތީޖާ މުޖުތަމައުން ފެނުން އެކަށިގެންވާ ކަމަކަށް ވާތީ، އެ މައްސަލަތައް ހައްލުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށް ސަމީރުގެ ސިޓީގައި ޕީޖީއަށް ގޮވާލައްވާފައިވެއެވެ.