ބާޣީ ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން ނިންމައިފި

ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ކެބިނެޓަށް އައްޔަންކުރައްވާފައިވާ 14 ވަޒީރުންނާއި، އެ ސަރުކާރުގެ ނައިބު ރައީސް ކަމަށް އައްޔަންކޮށްފައިވާ ވަހީދުއްދީން އަށް ރުހުން ނުދޭން އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން ރަސްމީކޮށް މި ގޮތަށް ނިންމާފައިވަނީ އިއްޔެ އޮތް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުން ކަމަށް ވީ ނަމަވެސް އެމްޑީޕީން އަބަދުވެސް ބުނަމުން ގެންދަނީ މިހާރުގެ ސަރުކާރަކީ ބަޣާވާތަކުން އުފައްދާފައިވާ ޣައިރު ޤާނޫނީ ސަރުކާރަކަށް ވާތީ، މި ސަރުކާރުންކުރާ އެއް ވެސް ކަމަކަށް އެއްބާރުލުން ނުދޭނޭ ކަމަށެވެ.

ސަރުކާރަށް އެއްބާރުލުން ނުދޭން ނިންމާފައިވީ ނަމަވެސް އަމިއްލަ މެންބަރުން ހުށަހަޅާ، ރައްޔިތުންނަށް ފައިދާ ހުރި ބިލްތަކުގެ މަސައްކަތަށް އެމްޑީޕީން ފުރިހަމައަށް އެއްބާރުލުން ދޭނޭ ކަމަށް އެ ޕާޓީން ބުނެއެވެ.