ޒާލިމުން އަނިޔާ ކުރާއިރު !

ފުނަމާ

ރާއްޖޭގައި އެންމެ ފުރަތަމަ މަލްޓިޕާޓީ އިންތިޚާބަކުން އުފެދުނު ސަރުކާރު ފާޅުކަން ބޮޑުގޮތެއްގައި ބަޣާވާތަކުން ވަށްޓާލައި މިއަދު ވެރިކަމުގެ ގޮނޑިއަށް ސަވާރުވެގެން އެހެރަ ބާޣީއާއި އޭނާގެ މަދަދުގާރުން އެތިބަގެން ގޮވަނީ މިއީ ގާނޫނީ ވެރިކަމެއް ކަމުގައެވެ. މުޅި ދުނިޔޭގެ ގައުމުތަކުން މިއަދުގެ ވެރިކަމާމެދު ޝައްކުގެ ނަޒަރުން ބަލަމުން ގެންދާއިރު ބާޣީ ސަރުކާރުގެ ފުލުހުން ރައްޔިތުންގެ މަށްޗަށް ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތައް އެމްނެސްޓީ އިންޓަރނެޝަނަލް ފަދަ ފަރާތްތަކުން އެގެންދަނީ ކުށްވެރި ކުރަމުންނެވެ. އެމްޑީޕީގެ ވެރިކަމުގައި ހަމަޔާއި އިންސާފުން މިގައުމުގެ ރަށްޔިތުންނަށް ހޯދައިދިން ހަމަހަމަ ކަމާއި ޚިޔާލު ފާޅުކުރުމުގެ ފުރުސަތުތައް މިއަދު ބާޣީން އެދަނީ ރަށްޔިތުންގެ އަތުން ފޭރިގަނެ ކުރީގެ ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމަށް ރާއްޖޭގެ ރަށްޔިތުން އަނބުރާ ގަންބުވަމުންނެވެ.

ފެނިހުރި ހެކިތަކުގެ މަށްޗަށް ނަޒަރު ހިންގާލާއިރު ދިވެހި ރާއްޖޭގެ މިދައުރުގެ އިންތިޚާބީ ރައީސް ނަޝީދުގެ އަތުން ވެރިކަން ފިރައިގެން މިއަދު މިގައުމުގައި ފަހުބަސް ކިޔަމުން އެގެންދަނީ މާޟީވި ތިރީސް އަހަރުގެ ޑިކްޓޭޓަރއެވެ. އޭނާގެ ދަރީންނާއި ގާތްމީހުން ދައުލަތުގެ މުހިންމު މަގާމުތަކަށް ވެރިކޮށް ފާޅުގައި އެގެންދަނީ ރާއްޖޭގެ ރަށްޔިތުންނަށް ޚާއްސަކޮށް އެމްޑީޕީގެ މެމްބަރުންނާއި މެދު އެތަކެއް ޖަރީމާތައް ހިންގަމުންނެވެ.

ފުލުހުންނާއި ، ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ، އިލްމުވެރީންނޭ ކިޔާބަޔަކާ ގުޅިގެން ނުކުމެ ވެރިކަން ވަށްޓާލުމަށްފަހު އެންމެ ފުރަތަމަ ދުވަހުވެސް އެމްޑީޕީގެ އިސްލީޑަރާއި އެމަނިކުފާނުންގެ އަރިއަހުގައި ސުލްހަވެރި ކަމާއެކު އިޙުތިޖާޖު ކުރަމުން ގެންދިޔަ އެތަކެއް މީހުންނެއް ސީދާ މަރާލުމުގެ ނިޔަތުގައި އެހިންގި ހަޑިމުޑުދާރު އަމަލު ތަކަކީ ޕޯޗުގީޒުން ރާއްޖެ އަރައި މިގައުމުގެ ރަށްޔިތުންނާއި މެދު ހިންގި އަނިޔާވެރި އަމަލުތައް ސިފަކުރުވާ ކަންކަމެވެ. އަދި އެދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް އެހިންގަނީ ހަމައެފަދަ މުޑުދާރު އެހާމެ އަނިޔާވެރި އަމަލުތަކެވެ.

ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ނުރުހުމުގެ ކަޅިތައް ވެރިކަމުގައި ލޮބާޑިލައިގެން އެތިބަ އަނިޔާވެރީންނަށް އަމާޒުވާން ފެށުމުން މިގެނެވުނީ ބަޣާވާތެއްތޯ ނުވަތަ ، ނޫންތޯ ތަހުގީގު ކުރަނީ ކަމުގައި ބުނެ ބާޣީ ވަހީދުގެ ބާޣީ ސަރުކާރުން މިއަދު އެވަނީ ބަތްކައްކާކުޅޭ ކަމިޝަނެއް ހަދާފަޔޯލައެވެ. މީގެ ކުރީން ގޮޅާގެ ސަރުކާރުން ބަޑިޖަހައި އެތަކެއް ދިވެހި ރަށްޔިތުން މަރާފައި އެއުފެއްދި ރިޔާސީ ކޮމިޝަނުން ނެރުނު ބަޔާނަށް ވީހެން މިފަހަރުވެސް އެބުނާ އެންކުއަރީ ކޮމިޝަންގެ މަސައްކަތް ނިމިގެން ދާނީ އެކަން އެކުރާ މީހުންނަށްވެސް ވާނުވާ ނޭނގޭނެ ގޮތަކަށް ކަމާމެދަކު ޝައްކު ކުރާނެ ތަނެއް ނެތެވެ. އެހާވެސް މިހާރު އެކުޅޭ ޑުރާމާ ކުރިޔާ އެއްގޮތެވެ. ހަމައެކަނި ވެރިކަމުގައި ގަދަފައި ވިއްދައިގެން ހުރި މީހާގެ ނަން ތަފާތީއެވެ. ނޫންނަމަ ގައިގެ ހަމުގެ ކުލަތަފާތީއެވެ.

ދެހާސްތޭރަ ވަނަ އަހަރުގެ ނޮވެމްބަރ މަހާއި ހަމަޔަށް ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރަކީ އެމްޑީޕީގެ މެނިފެސްޓޯ އަކާއި އެކުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ނަޝީދު ނުކުމެ ވަޑައިގެން ހިންގަވާންފެށި ސަރުކާރެކެވެ. އެމްޑީޕީގެ ވެރިކަމެކެވެ. ނަމަވެސް ކަޅުއޮށުގެ ބަނޑުދަށުގައި ބޮޑުވެ މުޑަހަންޖަކަށް ބަދަލުވާ ކޮރަކަށްޔެއްގެ މިސާލުގައި ބާޣީ ވަހީދު އެވެރިކަން މިވަނީ ފޭރިގަނެފައެވެ. އެމްޑީޕީގެ މެނިފެސްޓޯ އެއްލާލައި ސަރުކާރުން ރަށްޔިތުންނަށް ދެމުންގެންދިޔަ އެންމެހައި ޚިދުމަތްތައް ” ދައުލަުތުގެ ބަޖެޓުގައި ލޯލާރިއެއްވެސް ނެތޭ ” ގޮވަމުން އެގެންދަނީ ހުއްޓާލަމުން ނުވަތަ ހުއްޓާލާނެ ކަމުގެ އިންޒާރު ދެމުންނެވެ. މީގެ ބޭނުމަކީ ރަށްޔިތުން އިންދަޖައްސައި ވެރިކަމުގައި އެތިބަ މީހުންނަށް އާދެނުކިޔާ އެންމެން ހާލުގައި ޖެއްސުމާއި ބިރުގެންނެވުމެވެ. ގައުމުގެ ފުލުހުން އެތިބީ ތިއްތިކޮށް ފެންވަރުވައި ބާޣީންނާއި އިދިކޮޅަށް ޗުއްޕުވެސް ބުނެފި މީހަކު މަރައި ނައްތާލުމަށް ނެރެފައެވެ. އިހަށްދުވަހު ހަތިޔާރެއްނެތް އެތައްބަޔަކު ބަޑިޖަހައި ޖަލުގައި މަރާލި ޖަރީމާ ވިލަރެސް ކުރުމުގައި ބައިވެރިވި ކަމުގައި ދިވެހީން ޝައްކުކުރާ އިސްމީހުން މިއަދު އެތިބީ އަނެއްކާވެސް ދިފާއީ ބާރުތަކުގެ އިސްސަފުގައި ރުކުރުވާލާފައެވެ. އެމީހުންގެ ބަސް ނުހިނގާ ކޮންމެ މީހަކު މިއަދު އެތިބީ ހަތަރެސްފައި ބަނދެފައެވެ.

މިހުރިހައި އަނިޔާތަކުގެ ކުރިމަތީގައިވެސް އެމްޑީޕީއާއި އެކުގައި ދިވެހި އެތަކެއް ހާސް ރަށްޔިތުންނެއް ބޯނުލަނބައި ތެދުވުމުން އަނެއްކާ މިއަދު އެފެށީ އެމްޑީޕީގެ އިސްފަރާތް ތަކުގެ ގަޔަށް ލޮލަށްބޮލަށް އަރާށެވެ. އެމްޑީޕީގެ އިސް އެއްވެސް ފަރާތަކަށް މިގައުމުގައި މަގުމަތީގެ މިނިވަންކަމެއް މިއަދަކު ނެތެވެ. ރޭވިގެން އެގެންދަނީ ފާޅުގައި މަރުގެ ހަމަލާތައް ދެމުންނެވެ. އެކަމަކު މަންޒަރު ރީތިކުރުމަށް ބާޣީވަހީދު މާކަނާ ކަލޯހެން ފިލާއޮވެ ހީހީފައި ނުކުމެއިނދެ ރޯވަށްތަރު ދަށްކަމުން ހަމްދަރުދީ ފާޅުކުރަނީއެވެ. ކޮންމެ ރަށަކުން ހޫނުފެން ޖަހަމުން ގެންދާއިރު ބާޣީންގެ ޓީވީތަކުން އެގެންދަނީ ބާޣީ ކަލޭގެޔަށް މާބޮޑު ތަރުޙީބެއް އޮތްކަމުގައި ދަށްކަމުންނެވެ. ދުނިޔެއަށް ދެއްކުމަށްޓަކައި އެކުޅެމުން ގެންދާ ޑުރާމާތަކަށް ދުނިޔެ ނުސިހޭނެކަން މިބާޣީން ނުދަނެއެވެ. އަދި މިވެރީން އަނިޔާކުރަމުން އެގެންދާ މީސްތަކުންނީ މުސްލިމުންކަމާ އަނިޔާ ލިބެމުންދާ ނިކަމެތީންގެ ދުޢާއާއި ﷲގެ ހަޟްރަތާ ދެމެދު ހުރަހެއް ނުވާކަމެއް އެމީހުން ހަނދާނެއް ނެތެވެ. އެހާވެސް އެމީހުންގެ ޖާހިލުކަމާ ގަމާރުކަން ބޮޑެވެ.

އެމްޑީޕީގެ ވެރިކަން މުލުން ލުހެލައި އެމްޑީޕީ ވުޖޫދުން ފޮހެލާނެ ކަމުގެ އިންޒާރު ފުރަތަމައިނުއްސުރެ ދެމުން އެގެންދިޔަ އަނިޔާވެރީން މިއަދު އަރައިތިބެގެން އެމްޑީޕީގެ ތެރޭގައި ހައިޖާނު އުފެއްދުމަށް އެކުރަމުންގެންދާ މަސައްކަތް ތަކަކީވެސް އެހާމެ ހަޔާތްކުޑަ ހުތުރު ކަންކަމެވެ. އެގޮތުން އެމްޑީޕީއަކީ ލާދީނީ ޖަމާއަތެއް ކަމުގައި ދެއްކުމަށް އެކިފަހަރު މަތީން ކުޅެފައިވާ ޑުރާމާތައްވެސް އެދަނީ ބޭޒާރުވެ ހާމަވަމުންނެވެ. އެގޮތުން މުލީއަގެއިން ކުއްލިއަކަށް އުފަންވި ރާފޮށިތަކާއި ރާޅުގަނޑު ސަރަހައްދުން ފާޅުވި ތަކެއްޗަކީ ސަލާމަތީ ބާރުތަކުގެ ދަށަށް އެތަންތަން ގަދަކަމުން ގެންދިއުމަށްފަހު ކުޅެފައިވާ ޑުރާމާތަކެއްކަން ކުޑަކުދީންނަށްވެސް އެބައެނގެއެވެ.

މިގޮތުން ނުވެގެން މިއަދު ފައިސާގެ ދަޅައިގައި ބައެއްމީހުން ޖައްސައި އެމްޑީޕީގެ ތެރޭގައި ފިތުނައާއި ބައިބައިވުން އުފެއްދުމަށް ، ނުވަތަ ޝައްކުތައް އިތުރުކުރުމަށް އެގެންދަނީ ރާވައިގެން މަސައްކަތް ކުރަމުންނެވެ، އެހެނަސް އާޚިރުގައި އެމީހުންގެ އެމަކަރުވެރި ރޭވުންތައް ނާކާމިޔާބުވެ ހައްގާއި އެއްކޮޅަށް ، އެމްޑީޕީއަށް ރައީސް ނަޝީދަށް ﷲގމިންވަރު ފުޅާއެކު ނަސުރު ދެއްވާނެ ދުވަސް މާދުރަކު ދެން ނެތެވެ. ދާދި އަވަހަށް އަނިޔާވެރީންގެ ބަސްހުއްޓި އިސްޖެހި ބިމަށް ތުންވަދެފައި ތިބޭނެ ދުވަސް ﷲ ރުއްސެވިއްޔާ ނުހަނު އަވަހަށް ދިވެހީންނާއި ބޭރުގެ ދުނިޔެއަށް ނިކަންހުރެ ދަށްކަވާނެތެވެ. އެދުވަހުން އަނިޔާވެރީންގެ މަށްޗަށް ފުރިހަމަޔަށް އިންސާފު ކުރެވިގެން ދާތަން ނިކަންހުރެ ދުނިޔޭގައި ތިބިބަޔަކު ދެކޭނެތެވެ. އެމްޑީޕީގެ އަޒުމަކަށް އިރާދަކުރެއްވިއްޔާ އެއްވެސް ބަދަލެއް ނާދެއެވެ. ލީޑަރުން އެތިއްބެވީ ނުހަނު ސާބިތު ކަމާއެކު ދިވެހި ގައުމާއި ރަށްޔިތުންގެ ހައްގުގައި ދެގޮތެއް ނުވެއެވެއެވެ. ބޭނުމީ ޝައްކާއި ވަހުމްތަކުން ދުރުވެ އަނިޔާވެރީންގެ މަޅިތަކުން ރެކިގެން ހޭއަރައި ތިބުމެވެ. ﷲގެ ނަސްރުވަނީ ނުހަނު ކައިރީގައިކަން ޔަގީންކޮށް ދެގޮތެއްނުވެ ތިބެގެން ދުޢާކުރަމުން ކުރިއަށް ދިއުމެވެ. ހާލަތު ބަދަލުވަނީ ކިހިނެއްކަން އޮޅުވާނުލައި ގަބޫލުކޮށް ދެނެގަތުމެވެ. މާޟީގައި ކަންހިނގި ގޮތްތައް ދެނެތިބެ ކުރިމަގު ބައްޓަން ކުރުމެވެ. ދުނިޔޭގެ ކަންކަމުން ފިލާވަޅު ލިބިގަތުމެވެ. އަހަރުމެންގެ ރަސޫލާ ސއވ ކުރެއްވި ހަނގުރާމަ ފުޅުތަކުގައިވެސް ކާމިޔާބާއި ނާކާމިޔާބާ ކުރިމަތި ލެއްވިކަމާ މިއިން ކޮންމެ ކަމަކީވެސް ފިލާވަޅުތަކެއްކަން އެނގިތިބުމެވެ. އަނިޔާވެރީންގެ އަމަލުތަކަކީ ދާއިމަށް ދެމިނޯންނަ އެއްޗެއްކަން ރަނގަޅަށް ގަބޫލުކުރުމެވެ. ހަރުދަނާ އީމާނަކާއެކު އަހަރެމެންގެ ލީޑަަރުންނަށް ފުރިހަމަޔަށް ބޯލަނބައި ޝައްކުތައް ނެތިކޮށްލުމެވެ. އާނއެކެވެ.

ޒާލިމުން އަނިޔާކުރާއިރު ، ބައްލަވަން މިރުސާދުގާ،
ޚާލިގުލް ކައުނައިނި ވާކަން ނޭނގެނީތަ އަޖާބެކޭ،