ރާއްޖޭގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ތާއީދުކޮށްދެއްވުމަށް ރައީސް ނަޝީދު އެމެރިކާއަށް ގޮވާލައްވައިފި

ރާއްޖޭގައި އަވަސް މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ތާއީދުކޮށްދެއްވުމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެމެރިކާއަށް ގޮވާލައްވައިފިއެވެ.

އެމެރިކާގެ މަޝްހޫރު ޓީވީ ޗެނަލެއް ކަމަށްވާ ސީބީއެސް އިން ގެނެސްދޭ އެންމެ މަޤްބޫލު އެއް ޝޯ ކަމަށްވާ “ލޭޓް ޝޯ ވިތު ޑޭވިޑް ލެޓަމެން” އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ 7 ފެބްރުއަރީގައި ދިވެހި ފުލުހުންގެ ތެރެއިން ބަޔަކާއި، ސިފައިންގެ މަދު ބަޔަކާއި އިދިކޮޅު ސިޔާސީ ފަރާތްތައް ގުޅިގެން ރާއްޖެއަށް ބަޣާވާތަކުން ގެނައި ސަރުކާރު އެމެރިކާއިން އެހާ ކުއްލި ގޮތަކަށް ގަބޫލުކުރުމާއި ގުޅިގެން ޝޮކެއް ލިބިވަޑައިގެންނެވި ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަމަލުތައް ފަހުން އެހެން ގޮތަކަށް ބަދަލުވެގެން ދިޔަ ކަން ވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެ ބަޣާވާތަކީ ފުލުހުންނާއި ސަރުކާރުން ނާޖާއިޒް ފައިދާތަކެއް ނުލިބުނު ވިޔަފާރިވެރިންތަކެއް ގުޅިގެން ގެނައި ބަޣާވާތެއް ނަމަވެސް އެބަޣާވާތުގެ އެންމެ އަޑީގައި ހުންނެވީ ރާއްޖޭގައި 30 އަހަރު ވަންދެން ޚުދުމުޚްތާރު އަނިޔާވެރި ވެރިކަމެއް ކުރެއްވި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ކަމަށެވެ.

މި ޝޯވްގައި ޑޭވިޑް ލެޓަމެން ކުރެއްވި ތިމާވެއްޓާ ގުޅުންހުރި ބައެއް ސުވާލުތަކަށް ވެސް ރައީސް ނަޝީދު ޖަވާބުދެއްވިއެވެ. އެގޮތުން ރާއްޖޭގެ ރަށްތަކުގެ ތިމާވެށީގެ ނާޒުކުކަން ވަރަށް ފުރިހަމައަށް އެމަނިކުފާނުވަނީ ބަޔާންކޮށްދެއްވާފައެވެ.