ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ކެބިނެޓްގެ ތިން ވަޒީރުން ކަމަށްވާ ހޯމް މިނިސްޓަރ ޙަސަން އަފީފަށާއި، ޔޫތު މިނިސްޓަރ ޙަސަން ލަތީފް އަދި ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިހާބަށް ބަޔަކު ހަމަލަދީ މާރާމާރީ ހިންގައިފިއެވެ.
މިތިން ބޭފުޅުންނަށް ހަމަލާދީ މާރާމާރީ ހިންގީ އެމްޑީޕީން އިންތިޒާމްކޮށްގެން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ފޯރިގަދަ ޙަރަކާތް ނިންމާލުމަށް ފަހު ގެ އަށް ވަޑައިގެންނެވި މަގުމަތީގައެވެ.
ކާމުހޮޓަލާއި ހިސާބުން ހަމަލާދިން މީހުން ޝިހާބުގެ އަނގަމަތީގައި ޖަހައި މާރާމާރީ ހިންގުމުގެ ތެރޭގައި ސައިކަލް ފަހަތުގައި އިންނެވި ޝިހާބްގެ އަނބިކަބަލުންނަށްވެސް ހަމަލާދެއްވާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައިވެއެވެ.
ހަސަން އަފީފަށް ހަމަލާދިން މީހުން އެމަނިކުފާނުގެ ކަރުގައި އެއްޗަކުން ޖަހައި ބުރަކައްޓަށްވެސް ހަމަލާދީފައިވާކަމަށާއި ކަރަށް ހަމަލާދިންކަމުގެ ނިޝާންތައް ފެންނަން އެބަހުރިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި އަފީފް އަށް ހަމަލާދިންއިރު، ފުލުހުންވެސް އެހިސާބުގައި ފެންނަން ތިބިކަމަށާއި ނަމަވެސް ހަމަލާދިން މަންޒަރުން ފުލުހުންނަށް ފެނުނުކަން ނުވަތަ ނޫންކަން ވިދާޅުވާން ނޭނގޭކަމަށް އަފީފް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ޔޫތް މިނިސްޓަރުކަން ކުރައްވައި އަދި މިހާރުވެސް އެމްޑީޕީގެ އިސް ސަފްގައި ހަރަކާތްތެރިވެވަޑައިގަންނަވާ ހަސަން ލަތީފަށްވެސް އެ ސަރަހައްދުން އަނިޔާކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
ކުރީގެ އިދިކޮޅު ފަރާތްތަކުން އެމްއެމްއޭ ސަރަހައްދުގައި މުޒާހަރާކުރި ދުވަސް ވަރުވެސް ހަސަން ލަތީފްގެ ގެއަށް ބަޔަކު ހަމަލާދީ ވަރަށް ބޮޑަށް މުދަލަށް ގެއްލުންދީފައިވެއެވެ. އެމައްސަލާގައި ކޯޓަށް ހާޒިރުކުރި މީހުން ބަންދުގައި ބައިތިއްބާނެ އެކަށީގެންވާ ހެކިނެތްކަމަށް ބުނެ، އެންމެންވެސް ކޯޓުންވަނީ ދޫކޮށްލާފައެވެ.