ފެބްރުއަރީ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު ފުލުހުން ހިންގި ޖަރީމާތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅަނީ

މިއަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ހިންގި އަނިޔާވެރި ޖަރީމާތައް، އިންޓަރނޭޝަނަލް ޕާލަމެންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ) އަށް ހުށަހަޅާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އައިޕީޔޫގެ 126 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް އިއްޔެ ފުރާވަޑައިގަންނަވަމުން އީވާ ވިދާޅުވީ މި ދަތުރުފުޅުގައި މިދިޔަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އަދި 8 ވަނަ ދުވަހު މަޖިލިސް މެންބަރުންނަން ލިބުނު އަނިޔާ އައި.ޕީ.ޔޫގެ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅުއްވާނޭ ކަމަށެވެ. އަދި މީގެ އިތުރުން ރާއްޖޭގައި މިހާރު ފުލުހުންގެ ފަރާރުން ލިބެމުންދާ އަނިޔާތައްވެސް ހުށަހަޅުއްވާނެ ކަމަށެވެ. އެ ކޮމިޝަނަކީ އައި.ޕީ.ޔޫގެ ފަރާތުން 1976 ވަނަ އަހަރު، ދުނިޔޭގެ ޤައުމުކުގެ މަޖިލިސް މެންބަރުންގެ އިންސާނީ ހައްޤުތައް ރައްކާތެރި ކުރުމުގެ ގޮތުން އައި.ޕީ.ޔޫއިން އުފައްދަވާފައިވާ ކޮމިޝަނެކެވެ.

އައިޕީޔޫގެ 126 ވަނަ އަހަރީ ބައްދަލުވުމުގައި އީވާގެ އިތުރުން މާފަންނު އުތުރު ދާއިރާ މެންބަރު އިމްތިޔާޒް ފަހުމީ އާއި، ޑީ.އާރް.ޕީއަށް ނިސްބަތްވާ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮންމެ އަހަރަކުވެސް އައި.ޕީ.ޔޫއިންދުނިޔޭގެ ޤައެމުތަކުގެ ރައްޔިތުންގެ މަޖްލިސްގެ މެންބަރުންނަން ބާއްވާ މި ބައްދަލުވުން މި އަހަރު އޮންނާނީ ޔޫގެންޑާގައެވެ.

ފެބްރުއަރީ 7 ވަނަ ދުވަހާއި، 8 ވަނަ ދުވަހުގެ އިތުރުން، 19 މާރޗް ގައި ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވެސް އެމްޑީޕީގެ މެންބަރުންނަށް ވަނީ ބޮޑެތި އަނިޔާތަކެއްދީފައެވެ. އަދި ބައެއް މެންބަރުން ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަން ވެސް ޖެހިވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑަ) އާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް، ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް އާއި، އެ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް ވެސް ހިމެނެއެވެ.