ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މި މާރޗް މަހުގެ 19 ވަނަ ދުވަހު ބޭއްވި ޖަލްސާ އަކީ ޣައިރު ޤާނޫނީ ޖަލްސާއެއް ކަމަށާއި، އެހެން ކަމުން އެ ޖަލްސާގައި ކޮށްފައިވާ މަސައްކަތަކީ ސައްޙަ މަސައްކަތެއް ކަމަށް ގަބޫލުނުކުރާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފިއެވެ.
އެ ގްރޫޕުން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ ޝާހިދަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީއެއްގައި ބަޔާންކޮށްފައިވާ ގޮތުން، ” ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ދެފަހަރެއްގެ މަތީން ގެންދިއުމަށް މަޖިލީހުގެ ރައީސްކުރައްވާފައިވާ މަސައްކަތުގައި މި އަހަރުގެ މާޗް މަހުގެ 19 ދުވަހުގެ ޖަލްސާ ކުރިއަށް ގެންދަވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާގެ ޤާނޫނުއަސާސީ އާއި ، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުއާއި ކަނޑައެޅިގެން ޚިލާފަށް ކަމުގައި ވާތީވެ، އެޖަލްސާގެ ސައްހަކަމާމެދު އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުން ސުވާލު އުފައްދައި އެމައްސަލަ ހުށަހަޅައި، އަދި އެފަދަ ޣައިރުޤާނޫނީ ޖަލްސާއެއްގައި ކޮށްފައިވާ އެއްވެސް މަސައްކަތަކީ ސައްޚަ މަސައްކަތެއް ކަމަށް ޤަބޫލުނުކުރެވޭ” ކަމަށެވެ.
މި ސިޓީގައި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 25ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ހުށަހަޅަންޖެހޭ ރިޔާސީ ބަޔާން ހުށަހަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާކަމަށްވެފައި، ދިވެހިރާއްޖޭގެ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ، އެމަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މަޖުބޫރީ ހާލަތެއްގައި ކަމަށްވެފައި، ބަޔަކު ހިންގި ބަޣާވާތެއްގެ ސަބަބުން އިސްތިއުފާ ދެއްވި ނަމަވެސް، އެމަޤާމާއި، ކުރީގެ ނައިބު ރައީސް ހަވާލުވެފައިވަނީ ޤާނޫނީ ގޮތުން އެތަކެއް ސުވާލު އުފެދޭ ހާލަތެއްގައި ކަމަށްވެފައި އެހާލަތުގައިވެސް މަޖިލީހަށް ރިޔާސީ ބަޔާން އިއްވަން ޖެހޭނީ ސައްޙަ ރައިސުލްޖުމްހޫރިއްޔާއެއް ކަމުން ކުރީގެ ނާއިބު ރައީސަށް ރިޔާސީ ބަޔާން އިއްވިދާނެކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
އަދި، މީގެ އިތުރުން ވެސް އެމްޑީޕީގެ އިންތިޚާބީ ސަރުކާރު ދެމިއޮތްހާ ހިނދަކު ޤާނޫނީ ގޮތުން މަޖިލީހަށް ހުށަހަޅާ ރިޔާސީ ބަޔާނަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ޖަވާބުދާރީ ވާންޖެހޭނެ ކަމަކަށް ގަބޫލުނުކުރެވޭ ކަމަށް ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ސިޓީގައި ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންގެ ވޯޓުން ފަސްއަހަރު ދުވަހުގެ މުއްދަތަށް ޤާއިމުކޮށްފައިވާ ސަރުކާރަކީ އެމްޑީޕީ ގެ ސަރުކާރެއް ނޫންކަމަށް އެއްވެސް ފަރާތަކުން ކަނޑައެޅޭނެކަމަކަށް ، އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ޤަބޫލުނުކުރާ ކަމަށާއި، ސަރުކާރުން މަޖިލީހަށް ބިލްހުށަހަޅަން ޖެހޭނީ ރައްޔިތުން އިންތިހާބުކޮށްފައިވާ ސަރުކާރު މަޖިލީހުގައި ތަމްސީލުކުރާ އެމްޑީޕީން ކަމުގައި ވެސް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.