ރައީސް ނަޝީދު އެމެރިކާއަށް ފުރާ ވަޑައިގެންފި

ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނު އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅަކީ “ދި އައިލެންޑް ޕްރެޒިޑެންޓް” ޕްރެމިއާ ކުރުމުގެ ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ކޮލަމްބިއާ ޔުނިވަސިޓީގައި އަންނަ ބުރާސްފަތިދުވަހު އެމަނިކުފާނު ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދު ވަނީ މިދިޔަ ހަފްތާގައި އަވައްޓެރި ލަންކާއަށް ވެސް ވަޑައިގެންފައެވެ. އެމަނިކުފާނު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ސިޔާސީ ފަރާތްތަކާއި، ލަންކާގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުުންނާ ބައްދަލުކުރައްވައި ރާއްޖެއަށް ގެނެސްފައިވާ ބަޣާވާތާއި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި ބެހޭ މައުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދެއްވިއެވެ.

މިދަތުރުފުޅުގައި ރައީސް ނަޝީދުގެ އަރިހުގައި ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި ރައީސް އޮފީހުގެ ކުރީގެ އަންޑަރ ސެކްރެޓަރީ ރުގިއްޔާ އަހުމަދުދީދީ އާއި ރައީސް އޮފީހުގެ ކުރީގެ އަންޑަރ ސެކެޓްރީ އައިމިނަތު ޝައުނާ ވަޑައިގެންނެވިއެވެ.