ބާޣީ ސަރުކާރުގެ ވެރިޔާ، މުޙައްމަދު ވަޙީދު ޙަސަން މަނިކު ގަދަފައި ވިއްދައިގެން ކަންކަން ކުރައްވަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވުމަށް ފަހު، ހަފްތާއެއް ނުވަނީސް ގަދަފައި ވިއްދައިގެން އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް އަނިޔާކުރުމަށްފަހު، އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ނުދިނުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާޙް ކުރަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.
އިއްޔެ އެމްޑީޕީގެ މައި އޮފީހުގައި ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގެ އަޤްލަބިއްޔަތުން ނިންމާފައިވަނީ، 7 ފެބްރުއަރީ 2012 ވަނަ ދުވަހު ފުލުހުންނާއި ސިފައިންގެ ބައިވެރިވުމާއެކު، އިދިކޮޅު ސިޔާސީ ފަރާތްތަކުން ބަޣާވާތެއް ގެނެސް ވެރިކަން ފޭރިގެންފައިވީ ނަމަވެސް، 2008 ނޮވެމްބަރ 11 އިން ފެށިގެން ހިނގަމުންދާ ވެރިކަމަކީ ގާނޫނީ ގޮތުން އެމްޑީޕީގެ ވެރިކަމެއް ކަމަށް އެ ގްރޫޕަށް ފެންނާތީ ވަހީދުގެ ބަޔާނަށް އެމްޑީޕީން ރައްދު ދޭން ނުޖެހޭނޭ ކަމަށެވެ. އަދި އެ ބަޔާނަށް ރައްދުދޭން ޖެހޭނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަޙުމަދު ތަސްމީން ޢަލީ ނިސްބަތްވާ ޑީއާރުޕީއަށް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމަށްފަހު، މަޖިލީހުގައި އެންމެ ގިނަ މެންބަރުން ތަމްސީލްކުރާ އިދިކޮޅު ޕާޓީން އެ ބަޔާނަށް ރައްދު ދޭން ޖެހެއެވެ. އަދި މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހެޅޭނީ ވެސް ސަރުކާރު ނިސްބަތްވާ ޕާޓީ މެދުވެރިކޮށެވެ. އެހެން ނަމަވެސް ބާޣީ ސަރުކާރުގެ ވެރިޔާ ނިސްބަތްވާ ގައުމީ އިއްތިހާދު ޕާޓީން މަޖިލީހުގައި އެންމެ ގޮނޑިއެއް ވެސް ތަމްސީލެއް ނުކުރެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަޤްލަބިއްޔަތުން އިއްޔެ ނިންމާފައިވަނީ ބަޣާވާތަކުން ވެރިކަން ވައްޓާލިނަމަވެސް ގާނޫނީ ގޮތުން ވެރިކަން ކުރާ ބަޔަކީ އެމްޑީޕީ ކަމަށްވާއިރު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް މެދުވެރިކޮށް ސަރުކާރުން ހުށަހަޅަން ޖެހޭ ބިލްތައް ހުށަހެޅެން ޖެހޭނޭކަމަށެވެ.