ބަޣާވާތަށް ޚަރަދުކުރި ވިޔަފާރިތަކާ ދެކޮޅަށް އެމްޑީޕީން ސުލްހަވެރި ހިނގާލުމެއް ބާއްވައިފި

7 ފެބްރުއަރީ 2012 ވަނަ ދުވަހު ދިވެހި ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއްގެ މަދަދާއި އެކު ރާއްޖެއަށް ގެނައި ބަޣާވާތަށް ޚަރަދުކުރި ކަމަށް ބެލެވޭ ވިޔަފާރިތަކާ ދެކޮޅަށް މިއަދު ހަވީރު އެމްޑީޕީން ހިނގާލުމެއް ބާއްވައިފިއެވެ.

ރާޅުގަނޑު ސަރަހައްދުން ފެށި މި ހިނގާލުމުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، މި ސުލްހަވެރި ހިނގާލުމުގެ ބައިވެރިންވަނީ ބަޣާވާތަށް ޚަރަދުކުރި ކަމަށް ބެލެވޭ ވިޔަފާރިގެތައް ހުންނަ ސަރަހައްދު ތަކުން ހިނގައި، އެ ވިޔަފާރިތަކާ ދެކޮޅަށް އަޑުއުފުލާފައެވެ. އެ ގޮތުން ” ބާޣީ ޓީވީ، ނުބަލާ”، “ބާޣީން ވިއްކާ ކޮފީ ނުބޮއެ،” ” ބާޣީ ފިހާރަތަކުން، ވިޔަފާރި ނުކުރޭ،”، “ބާޣީންގެ ކެފޭތަކަށް، ނުދޭ،” ފަދަ ޝިއާރުތައް ހިނގާލުމުގެ ބައިވެރިންވަނީ ބޭނުންކޮށްފައެވެ.

މި ހިނގާލުން ނިންމާލާފައިވަނީ އަމީނީ މަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެއަށެވެ.