ވިޔަފާރިވެރިންގެ މުއްސަނދިކަމަކީ ރައްޔިތުންގެ ސަރުކާރެއް ގަނެލުމަށް ކޮށާލެވޭ މަގަކަށް ވެގެން ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ވިޔަފާރި ވެރިންގެ މުއްސަނދިކަމަކީ ރައްޔިތުންގެ ސަރުކާރެއް ގަނެލުމަށް ކޮށާލެވޭ މަގަކަށް ވެގެން ނުވާނެކަމަށާއި އެކަން ހުއްޓުވަން ޖެހޭކަމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަވަސް އިންތިޚާބަކަށް ކެމްޕެއިން ކުރުމަށް ބާއްވާ ޑޯރޓުޑޯ ކެމްޕެއިން ފެށުމުގެ ގޮތުން މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ އޮފީސް ކަމަށްވާ، މ. ކުޑަވެޔޮމަތީގޭގައި ބޭއްވި ހަފްލާއެއްގައި ރޭ ވާހަކަފުޅުދައްކަވަމުން، ބަޣާވާތަށް ހަރަދުކުރި ފަރާތްތަކާއި ދެކޮޅަށް ތެދުވުމަށް ގޮވާލައްވައި ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތަށް ޚަރަދުކުރި ވިޔަފާރި ވެރިންނާއިމެދު ރާއްޖޭގެ އެންމެހާ ރައްޔިތުން ވިސްނަންޖެހޭކަމަށާއި އެ ވިޔަފާރި ވެރިންގެ ވިޔަފާރިތަކުން ރައްޔިތުން ޚިދުމަތް ނުހޯދުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ.

ކުރިއަށް އޮތްތަނުގައި ދުވަހަކުވެސް ރާއްޖޭގެ ނުބޭއްވޭވަރުގެ ބޮޑު އިހްތިޖާޖެއް ބޭއްވިގެން ދާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައެވެ.

ރޭގެ ރަސްމިއްޔާތުގައި އެމްޑީޕީ މާފަންނު ހުޅަނގު ދާއިރާގެ އޮފީހުގެ ދިދަ، ރައީސް ނަޝީދުވަނީ ނަންގަވައި ދެއްވާފައެވެ.