ސުލޫކީ މައްސަލަތަކެއް ސާބިތުވެފައި ވުމާއި ގުޅިގެން ޖޭއެސްސީން ފިޔަވަޅުއަޅަން ނިންމާފައިވާ، ޢަބްދުﷲ ގާޒީ ސިފައިން އެކަހެރިކުރީ ގައުމީ ސަލާމަތާ ގުޅޭ ކަމެއްގައި ކަމަށްވުމުން އެ މައުލޫމާތު ކޮމިޝަނަށް ނުދެއްވާނެ ކަމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ކެބިނެޓްގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހީމް ކަލޭފާނު ވިދާޅުވެއްޖެއެވެ.
އިއްޔެ ހިއުމަން ރައިޓްސް ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ތޮލްހަތު އިތުރަށް ވިދާޅުވީ ޢަބްދުﷲ ގާޒީ އެކަހެރިކުރި މައްސަލައަކީ ގައުމީ ސަލާމަތާ ގުޅޭ މައްސަލައަކަށްވުމުން ކޮމިޝަންގައި އެކަމާ ބެހޭ ގޮތުން އެއްވެސް ވަރަކަށް އެމަނިކުފާނު ޖަވާބުދާރީވެފައި ވެސް ނުވާނެ ކަމަށެވެ.
މީގެ އިތުރުން ވެސް ޢަބްދުﷲ ގާޒީ އެކަހެރިކުރި މައްސަލައިގައި އިންސާނީ ހައްގުތަކާ ފުށުއަރާ އެއްވެސް ކަމެއް ހިނގާފައިވާ ކަމަށް ތުހުމަތުކުރެވި އެފަދަ ސުވާލެއް ހުށަހެޅުމުން އެކަމަށް ޖަވާބުދާރީވެވަޑައިގަންނަވާނޭ ކަމަށް އެޗްއާރުސީއެމްގައި ވިދާޅުވި ކަމަށް އެމަނިކުފާނު މީޑިއާގައި ވިދާޅުވިއެވެ. އަދި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށާއި، ޢަބްދުﷲ ގާޒީއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ވެސް ދެއްވާފައިވާނެ ކަމަށް ތޮލްހަތު ވިދާޅުވިއެވެ.
ތޮލްހަތު އިއްޔެ ހިއުމަން ރައިޓްސް ކޮމިޝަނަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ވަކީލާ އަލްއުސްތާޛާ ނޫރުބާން ފަހުމީއާ އެކުގައެވެ.