ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަވައްޓެރި ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގެންފިއެވެ.
ރައީސް ނަޝީދު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ސިޔާސީ ފަރާތްތަކާއި، ލަންކާގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުުންނާ ބައްދަލުކުރައްވައި ރާއްޖެއަށް ގެނެސްފައިވާ ބަޣާވާތާއި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި ބެހޭ މައުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދެއްވިއެވެ.
އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި، ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިހާއި، އެ ގްރޫޕްގެ ނައިބު ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ އިތުރުން ބައެއް އިތުރު މެންބަރުންނާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނެވިއެވެ.
ރައީސް ނަޝީދު މިރޭ މާލެވަޑައިގެންނެވި އިރު އެމަނިކުފާނަށް ތާޢީދުކުރައްވާ ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެމަނިކުފާނުގެ އިސްތިޤްބާލުގައި 4 ނަންބަރު ޖެޓީ ސަރަހައްދަށް އެއްވެ އެމަނިކުފާނަށް މަރުހަބާ ދެންނެވިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ގޮތުން އެންމެ ފަހުން ލަންކާގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު އެމަނިކުފާނު ވަނީ މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ކަށަވަރުކުރުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލައްވާފައެވެ.
ލަންކާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، “ދި އައިލެންޑް ޕްރެޒިޑެންޓް” ޕްރެމިއާ ކުރުމުގެ ހަފުލާ އަށް މިފެށޭ ހަފުތާގައި އެމަނިކުފާނު އެމެރިކާ އަށް ވަޑައިގަންނަވާނެ އެވެ. އަދި މި ދަތުރުފުޅުގައި ކޮލަމްބިއާ ޔުނިވަސިޓީގައި އަންނަ ބުރާސްފަތިދުވަހު ރައީސް ނަޝީދު ތަގުރީރު ކުރައްވާނެ އެވެ.