ނޫސް ބަޔާން: އެމްޑީޕީ އަކީ ޓެރަރިޒަމްގެ އަމަލުތަކަށް ހިއްވަރުދޭ ޕާޓީއެއް ކަމަށް މިހާރުގެ ސަރުކާރުން ބުނެފައިވާތީ އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރޭ ނޫސް ބަޔާން

އެމްޑީޕީއަކީ ޓެރަރިޒަމްގެ ޢަމަލުތައް ހިންގައި، އެފަދަ ޢަމަލުތަކަށް ހިއްވަރުދޭ ޕާޓީއެއް ކަމަށް މިހާރުގެ ސަރުކާރުން ބުނާބުނުން ދޮގުކޮށް، އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

އެމްޑީޕީއަކީ ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފްކޮށް، ޑިމޮކްރަސީގެ ރިވެތި ހަމަތަކާއި، އުސޫލުތައް ގާއިމްކޮށް، އިންސާނީ ޙައްގުތަކަށް ވަކާލާތުކޮށް، އިންސާނީ ކަރާމާތް ރާއްޖޭގައި ގާއިމްކުރުމަށް މަސައްކަތްކުރަމުންދާ، އަދި ދިވެހިރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ތަމްސީލްކުރަމުންދާ، އެންމެ ބޮޑު، އެންމެ ގިނަ ބަޔަކު ތާޢީދުކުރާ ސިޔާސީ ފިކުރުގެ މައްޗަށް ބިނާ ވެގެންވާ ޕާޓީއެވެ.

މި ފަހަކަށް އައިސް އެމްޑީޕީން ރާވައި ހިންގާ ސުލްޙަވެރި އިޙްތިޖާޖުތައް ހިނގަމުންދާ ވަގުތު ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރަނީ ކުރިންވެސް އެމްޑީޕީގެ ބޮލުގައި އެފަދަ ތުހުމަތުތައް އެޅުވުމަށް ދުރާލައި ރާވައިގެން އެފަދަ ލާއިންސާނީ ޢަމަލުތައް ހިންގަމުންދިޔަ ފަރާތްތަކުން ކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. އަދި ބަޣާވާތަކުން ގެނެސްފައިވާ ސަރުކާރެއްގެ މޫނުމަތި ރީތިކޮށް، އެ ސަރުކާރު ދެމެހެއްޓުމަށްޓަކައި، މި ފަދަ ލާއިންސާނީ ޢަމަލުތައް ތަކުރާރުކުރާނެ ކަމީ މި ޕާޓީއަށް ވެސް އަދި ދިވެހިރައްޔިތުންނަށް ވެސް އޮޅިފައިވާ ކަމެއް ނޫނެވެ.

އެމްޑީޕީ އަކީ ޓެރަރިޒަމްގެ ޢަމަލުތަކަށް އެއްވެސް އިރެއްގައި ހިއްވަރުދޭ ޕާޓީއެއް ނޫނެވެ. އެމްޑީޕީގެ ސިޔާސީ ޙަރަކާތްތައް އަބަދުވެސް ހިންގަމުން މިދަނީ ސުލްޙަވެރިކަމާއެކު އެވެ. އެހެން ނަމަވެސް އެމްޑީޕީން ހިންގާ ހަރަކާތްތަކާ ދިމާކޮށް، ސިޔާސީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ލާއިންސާނީ ޢަމަލުތަކެއް ހިންގުމަށް ފަހު، އެ ހަރަކާތްތައް އެމްޑީޕީގެ ބޮލުގައި އަޅުވައި، ނުހައްގުން މި ޕާޓީއާއި، މި ޕާޓީއަށް ތާޢީދުކުރާ އެތައް ބަޔަކު ހައްޔަރުކޮށްފައިވާކަން މި ޕާޓީން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި އެފަދަ ހުރިހާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް މި ޕާޓީން ގޮވާލަމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން 7 ފެބްރުއަރީ 2012 ވަނަ ދުވަހު ދިވެހި ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއް ފަރާތްތަކުގެ ބައިވެރިވުމާއެކު ގެނެވުނު ބަޣާވާތެއްގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޚާބުކޮށްފައިވާ ޑިމޮކްރެޓިކް ރައީސް މަގާމުން ދުރުކޮށްފައިވުމާއި، އަދި އޭގެ ފަހުން ވެސް ހަތިޔާރެއް ނެތް އާންމު ރައްޔިތުންނާ މެދު ފުލުހުން އެކަށީގެންނުވާ ބާރު ބޭނުންކޮށް، ދިވެހި ރައްޔިތުންނަށް ބޮޑެތި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ދެމުންދާތީ ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ހިތުގައި ދިވެހި ފުލުހުންނާއި ސިފައިންނާ މެދު ވަރަށް ބޮޑު ރުޅިވެރިކަމަކާއި، ނަފްރަތުގެ ޝުޢޫރުތަކެއް ގެންގުޅޭކަން މި ޕާޓީއަށް ވަނީ ފާހަގަކުރެވިފައެވެ.

އެހެން ނަމަވެސް އެމްޑީޕީން އަބަދުވެސް ގޮވާލަމުން މިގެންދަނީ ސުލްހަވެރިކަމާއެކު އިޙްތިޖާޖުކުރުމަށެވެ. އެއްވެސް ދިވެހިރައްޔިތަކަށް، އެއީ ފުލުހެއް ކަމުގައި ވިޔަސް އަދި ސިފައިންގެ މީހެއް ކަމުގައި ވިޔަސް، އެއްވެސް އަނިޔާއެއް ދިނުމަކީ އެމްޑީޕީން ބަލައިގަންނަ އަދި ހިއްވަރުދޭނޭ ކަމެއް ވެސް ނޫނެވެ.

އަދި ދަންނަވަމެވެ. ރާއްޖޭގައި އުފެދިފައިމިވާ ހަމަނުޖެހުންތައް ހައްލުވެ، ސިޔާސީ ޙައްލެއް ލިބޭނީ މިހާރުގެ ސަރުކާރުން ދިވެހި ރައްޔިތުންގެ އަޑުއަހައި، އެ ރައްޔިތުން ގޮވާލަމުން އެދާފަދަ އަވަސް އިންތިޚާބެއް ބާއްވައިގެން ކަމަށް ވާތީ، އެމްޑީޕީ އާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ އެތައް ދިވެހި ރައްޔިތުން އެދޭފަދަ އަވަސް އިންތިޚާބެއްގެ ތާރީޚެއް، ވީހާވެސް އަވަހަށް އިޢުލާންކުރުމަކީ ރާއްޖޭގައި ހަމަޖެހުން ގާއިމްކުރުމަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމެއް ކަމުގައި މި ޕާޓީން ދެކެމެވެ.

ބަޔާން ނެރުނީ: އެމްޑީޕީގެ ސްޕޯކްސް ޕާސަން