މާފަރު ކައުންސިލްގެ އެމްޑީޕީ ޕްރައިމަރީ މުޙައްމަދު ޢަބްދުލްޣަނީ ކާމިޔާބުކުރައްވައިފި

ނ. މާފަރު ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރައްވާނޭ އެމްޑީޕީ ކެންޑިޑޭޓަކު ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީ މުޙައްމަދު ޢަބްދުލްޣަނީ ކާމިޔާބުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު 2 ން އިރު އޮއްސި 6 އަށް ނ.މާފަރާއި، މާލޭގައި ބޭއްވި މި ޕްރައިމަރީ، ނ.މާފަރު، ހީނާމާގޭ މުޙައްމަދު ޢަބްދުލް ޣަނީ ކާމިޔާބު ކުރެއްވީ 96 ވޯޓު ހޯއްދަވައިގެންނެވެ. އޭނާ އާއި ވާދަކުރެއްވި އެރަށު ކަރިޝްމާ، މުޙައްމަދު ސަމީރު އަށް ލިބިލެއްވީ 21 ވޯޓެވެ.

މި ޕްރައިމަރީގެ ވޯޓުލުން މާފަރުގައި ކުރިޔަށް ދިޔައީ އެރަށު ގަސްދޮށުގޭގައި ހުންނަ އެމްޑީޕީ މާފަރު ޖަގަހައިގައެވެ. މާލޭގައި ވޯޓުލުން ކުރިޔަށް ދިޔައީ އެމްޑީޕީގެ މައި އޮފީހުގެ “ގްރައުންޑް ފްލޯރ” ގައެވެ.