މާފަރު ކައުންސިލް ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީ ހޮނިހިރު ދުވަހު

ނ. މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ، އެމްޑީޕީ ޕްރައިމަރީ 24 މާރޗް 2012 ވާ ހޮނިހިރު ދުވަހު އޮންނާނެއެވެ.

2 ކެންޑިޑޭޓުން ވާދަކުރައްވާ މި ޕްރައިމަރީގެ ވޯޓުލުން މާދަމާ މެންދުރުފަހު 2.00 އިން ފެށިގެން އިރުއޮއްސި 6 ގެ ނިޔަލަށް މާފަރާއި، މާލޭގައި އޮންނާނެއެވެ. މާފަރުގައި ވޯޓުލުން އޮންނާނީ އެރަށު ގަސްދޮށުގޭގައި ހުންނަ އެމްޑީޕީ މާފަރު ޖަގަހައިގައެވެ. މާލޭގައި ވޯޓުލުން އޮންނާނީ އެމްޑީޕީގެ މައި އޮފީހުގެ “ގްރައުންޑް ފްލޯރ” ގައެވެ.

މި ޕްރައިމަރީގައި ވާދަކުރައްވާ 2 ބޭފުޅުންނަކީ ކެންޑިޑޭޓް ނަންބަރު 1، ނ. މާފަރު ކަރިޝްމާ، މުޙައްމަދު ސަމީރު އާއި، ހަމަ އެރަށު ހީނާމާގޭ މުޙައްމަދު ޢަބްދުލް ޣަނީ އެވެ.

މާފަރު ކައުންސިލްގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ޓިކެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމަވެފައިވަނީ 22 މާރޗް 2012 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3 ޖެހިއިރު އެވެ.

މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަން، ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވަނީ 28 އެޕްރީލް 2012 ވާ ހޮނިހިރު ދުވަހު އެވެ.