23 މާރޗް 2012 ވަނަ ދުވަހު ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް މުހައްމަދު ނަޝީދު އަރިހުގައި މި ޕާޓީގެ ވަފްދެއް ސްރީލަންކާއަށް ޒިޔާރަތްކުރައްވައި، އެޤައުމުގައި ތިއްބަވާ އެކުވެރި ދައުލަތްތަކުގެ ސަފީރުންނާއި ބައްދަލުކުރައްވައި މަޝްވަރާ ބަދަލުކުރައްވާފައިވެއެވެ.
މިބައްދަލުކުރެއްވުންތަކުން ފާހަގަކުރެވިފައިވާ ގޮތުގައި ރާއްޖޭގައި މިއަދު ހަލަބޮލިވެފައިވާ ސިޔާސީ މާހައުލަށް ހަމަޖެހުމެއް ގެނައުމަށްޓަކައި ޔޫރަޕިއަން ޔޫނިއަނުން ހުށަހަޅާ ހުށަހެޅުންތަކަށް ދިވެހި ސަރުކާރު ހިންގަވަން ތިއްބެވި ފަރާތްތަކުން އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިންވެސް ވަނީ މަރުހަބާ ކިޔާފައެވެ. މިހުށަހެޅުންތަކުގެ ތެރޭގައި މައިގަނޑުތައް ގޮތުގައި ހިމެނެނީ ދިވެހިރާއްޖޭގައި އަވަސް އިންތިޚާބެއް 2012 ވަނަ އަހަރު ބޭއްވުމާއި، ވެރިކަން ބަދަލުވެގެން ދިޔަ ގޮތާއި މެދު އެތެރެ ފެންނަ، މިނިވަން ތަހްޤީޤެއް، ބައިނަލްއަޤްވާމީ ފަރާތްތަކުގެ ބައިވެރިވުމާއި އެކު ހިންގުމާއި އަދި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ މަސައްކަތްތައް އޮމާންކަމާއި އެކު ހިންގެވުމެވެ.
އެހެން ކަމުން އެކުވެރި ދައުލަތްތަކުގެ ސަފީރުންވެސް ދެކެވަޑައިގަންނަވާ ގޮތުގައި އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ދެކޭ ގޮތުގައި ދެން އޮތް މަރުހަލާއަކީ މިކަންކަމުގެ ތަފްޞީލްތައް ކަނޑައަޅައި، އެކަންކަމުގެ ޢަމަލީ މަސައްކަތާއިގެން ކުރިއަށް ދިޔުމެވެ.
ވުމާއި އެކު މިކަންކަމުގެ ތަފްޞީލްތައް، މަޝްވަރާ ބަދަލުކޮށް ކަނޑައެޅުމަށް، ބައްދަލުވުންތައް ބޭއްވުމަށްޓަކައި ސަރުކާރު ހިނގުމާ ހަވާލުވެ ތިބި ފަރާތްތަކުން ކަނޑައަޅާ ކޮންމެ ތަނެއްގަ އާއި ކޮންމެ ވަގުތެއްގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ބައިވެރިވުމަށް ހުރިހާ ގޮތަކުން ތައްޔާރަށް އޮތްކަމުގައި މިޕާޓީއިން ހާމަކުރަމެވެ.