އެމްޑީޕީން އުސްފަސްގަނޑުގައި ރޭ ޖަލްސާއެއް ބާއްވައިފި

އެމްޑީޕީގެ އިންސާފުގެ ދަތުރުގެ ޖަލްސާއެއް ފުރަތަމަ ފަހަރަށް އުސްފަސްގަނޑުގައި ބާއްވައިފިއެވެ.

ދަރުބާރުގޭ ފުރަގަހުން އޮތް އުސްފަސްގަނޑުގައި ބޭއްވި މި ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވާހަކަދެއްކެވިއެވެ. އޭގެ ތެރޭގައި އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު ޢަބްދުﷲ އާއި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރަޝީދު އާއި، ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު ޢާއި، އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން އެމްޑީޕީގެ ބައެއް އާންމު މެންބަރުންނާއި، ޔުނިވަރސިޓީގެ ޗާންސެލަރ ކަމަށް ރައީސް ނަޝީދު ޢައްޔަންކުރައްވާފައިވާ ޑރ.މުސްތަފާ ލުތުފީ ވެސް ވާހަކަދެއްކެވިއެވެ.

އުސްފަސްގަނޑުގައި އެމްޑީޕީގެ ޖަލްސާތައް ބާއްވަން ފަށާފައި މިވަނީ ރާޅުގަނޑުގައި ޖުލައި މަހުގެ ނިޔަލަށް ގާއިމމްކޮށްފައިވާ އެ ޕާޓީގެ އިންސާފުގެ މައިދާން ބާޣީ ސަރުކާރުގެ ފުލުހުންނާއި ސިފައިން މިމަހުގެ 19 ވަނަ ދުވަހު ތަޅާ ސުންނާފަތިކޮށްލައި، އެ ސަރަހައްދު އެމްޑީޕީގެ އަތުން ފޭރިގަތުމާއި ގުޅިގެންނެވެ.