ޙައްޤު ހޯދަން އަޑުއުފުލުމަކީ އަޚުލާޤީ ގޮތުން ރިވެތި ކަމެއް

އަލްއުސްތާޛު ޢަބްދުލްމުޢީދު ހަސަން

ހެޔޮ ކަންތަކަށް ގޮވާލުމާއި، ނުބައި ކަންތައް މަނާރުމަކީ، އިސްލާމީ އުންމަތް ހެޔޮ އުންމަތެއްގެ ގޮތުގައި ދެމިއޮތުމުގެ އެއް އަސާސެވެ. ހެޔޮ ކަންތައްތަކުގެ ތެރެއިން އެންމެ ހެޔޮ އެއް ކަމަކީ، ޖިހާދުކުރުމެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވަނީ، “އެންމެ މޮޅުއިތުރު ޖިހާދަކީ، އަނިޔާވެރި ވެރިއެއްގެ ގާތުގައި ބުނާ ޙައްޤު ބަސް” ކަމަށެވެ. އެހެންކަމުން، މުސްލިމުން ވަނީ، އަބަދުވެސް އަނިޔާވެރި ވެރިންގެ ކުރިމަތީގައި ޙައްޤު ބަސް ބުނެ އަޑުއުފުލާފަ އެވެ. އެކަމަކީ، ކީރިތި ޤުރުއާނާއި، ޠާހިރު ސުންނަތުގައި ވެސް، މުސްލިމުންނަށް ދެއްވާފައިވާ ޙައްޤެއް ކަމަށް ވާތީ އެވެ. އަދި އެކަމަކީ، ހެޔޮ ކަންތަކަށް ގޮވާލުމާއި، ނުބައި ކަންތައް މަނާކުރުމުގެ ތެރޭގައި ހިމެނޭ މުހިންމު ތަނބެއް ކަމަށް ވެސް ވާތީ އެވެ.

މިޒަމާނުގައި ގަދަބާރުން ގައުމުތަކުގެ ވެރިކަމަށް އިސްވެގެން އުޅޭ ވެރިންނާ ދެކޮޅަށް ރައްޔިތުން ކުރާ މުޒާހަރާތަކަކީ، ޖިހާދެކެވެ. އެ ޖިހާދު ހިމެނެނީ، އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ޙައްޤު ބަސް ބުނުމުގެ ޖިހާދުގެ ތެރެއިންނެވެ. އެ ޖިހާދަކީ، ހެޔޮ އުންމަތެއްގެ ގޮތުގައި އިސްލާމީ އުންމަތް ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ޖިހާދެކެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، އެންމެ މީހަކު އެ ޖިހާދު ކުރުމަށްވުރެ، ގިނަ ބަޔަކު އެޖިހާދު ކުރުން މޮޅު އިތުރުވެގެންވެ އެވެ. އަދި އާދައިގެ މީހަކު އެ ޖިހާދު ކުރުމަށްވުރެ، ރައްޔިތުން މަޖިލީހުގެ މެމްބަރުން ފަދަ ބާރުހުރި ފަރާތްތަކުން އެ ޖިހާދު ކުރުން މޮޅު އިތުރުވެގެންވެ އެވެ.

އަނިޔާވެރި ވެރިންގެ ކުރިމަތީގައި ޙައްޤު ބަސް ބުނުމަކީ، ކޮންފަދަ ބާރުހުރި ކަމެއްކަން މިޒަމާނުގައި ވަނީ ސާބިތުވެފަ އެވެ. އަނިޔާވެރި، ޚުދުމުޚުތާރު އެތައް ވެރިންނެއްގެ ވެރިކަން ވަނީ ޙައްޤު ބަހުގެ ބާރުން ވައްޓާލެވިފަ އެވެ. ރައްޔިތުންގެ ރުހުމާ ނުލައި، ގަދަބާރުން ވެރިކަމަށް އިސްވެގެން އުޅޭ އެތައް އަނިޔާވެރި ވެރިންނެއް ވެސް ވަނީ، ޙައްޤު ބަހުގެ ބާރުން ވެރިކަމުން ދުރުކުރެވިފަ އެވެ. އެހެންވީމާ، ކީރިތި މާތް ނަބިއްޔާ އުންމަތަށް ދެއްވާފައިވާ އިރުޝާދަކީ، ވަރަށް އަގުހުރި، ވަރަށް މަތިވެރި އިރުޝާދެއްކަން އެބައެނގެ އެވެ.

ޢަލީގެފާނު މިދުނިޔެ ދޫކުރެއްވުމުގެ ކުރިން އެކަލޭގެފާނުގެ ދެ ދަރިކަލުން ކަމަށްވާ ޙަސަނުގެފާނަށާއި، ޙުސައިނުގެފާނަށް ކުރެއްވި ވަޞިއްޔަތްޕުޅުގައި ވެ އެވެ. “އަނިޔާވެރިވާ ޒާލިމުންނާ ދެކޮޅުހަދާ ޚަޞްމުން ކަމުގައި ތިޔަ ދެދަރިކަލުން ވެވަޑައިގަންނަވާށެވެ! އަދި އަނިޔާ ލިބިފައިވާ މަޒުލޫމުންނަށް ވާގިދޭ ވާގިވެރިން ކަމުގައި ތިޔަ ދެދަރިކަލުން ވެވަޑައިގަންނަވާށެވެ!”

އިސްލާމީ ތާރީޚުގެ ޞަފުޙާތަކަށް ނަޒަރު ހިންގައިލާއިރު، އަނިޔާވެރި ވެރިންނާ ދެކޮޅަށް އުންމަތުގެ ކަމުވޮށިވެގެންވާ ފަރާތްތަކުންނާއި، ދަންނަބޭކަލުން ޙައްޤު ބަސް ވިދާޅުވެ އަޑުއުފުއްލަވާފައިވާކަން އެނގެ އެވެ. އާދޭހެވެ. ޔަޒީދު ބްނު މުޢާވިޔަތު، ގަދަބާރުން ވެރިކަމަށް އިސްވުމުން، ޙުސައިނުގެފާނު ވަނީ ޙައްޤު ބަސް ވިދާޅުވެ އަޑުއުފުއްލަވާފަ އެވެ. ސައްފާޙު، ދިމަޝްޤުގެ މައްޗަށް އަތްގަދަކޮށް، އެރަށުގެ އެތައް ބަޔަކު ޤަތުލުކުރުމުން، އިމާމު އައުޒާޢީ ވަނީ، ޙައްޤު ބަސް ވިދާޅުވެ އަޑުއުފުއްލަވާފަ އެވެ. ޢަލީގެފާނާމެދު، ހިޝާމު ބްނު ޢަބްދުލްމަލިކު ޙައްޤު ނޫން ބަހެއް ބުނުމުން، އިމާމު ޒުހުރީ ވަނީ، ޙައްޤު ބަސް ވިދާޅުވެ އަޑުއުފުއްލަވާފަ އެވެ. އަނިޔާވެރި ވެރިންގެ ކުރިމަތީގައި ޙައްޤު ބަސް ބުނެ އަޑުއުފުލިފައިވާ މިފަދަ އެތައް މިސާލުތަކެއް އިސްލާމީ ތާރީޚުގެ ޞަފުޙާތަކުން ފެނެ އެވެ.

އަނިޔާވެރި ވެރިންނާ ދެކޮޅަށް ނުކުތުމާމެދު އިސްލާމްދީނުގައި އޮތް ގޮތް ބަޔާންކުރައްވަމުން، ފަޟީލަތުއްޝައިޚު ޑރ. ޔޫސުފުލްޤަރަޟާވީ ވިދާޅުވެފައިވެ އެވެ. “(އަނިޔާވެރި ވެރިންނާ ދެކޮޅަށް ނުކުމެ) މުޒާހަރާކޮށް އަޑުއުފުލަނީ، ޝަރުޢީ މަޤުޞަދެއް ޙާޞިލުކުރުމަށްޓަކައި ކަމަށްވަނީނަމަ، އެއީ، އިސްލާމްދީނުގައި ޝަރުޢީ ބާރު ލިބިގެންވާ ކަމެކެވެ. އެފަދަ ކަންކަމުގެ މިސާލަކީ، ޝަރުޢީ ހަމަތަކުގެ މަތިން ވެރިކަން ބައްޓަން ކުރުމަށްޓަކައި ނުކުމެ އަޑުއުފުލުމެވެ. ނުވަތަ ގަދަބާރުން ވެރިކަމަށް އިސްވެގެންއުޅޭ ވެރިންގެ ޚުދުމުޚުތާރު ވެރިކަން ދެމެހެއްޓުމަށްޓަކައި އިޢުލާންކުރާ ކުއްލި ޙާލަތު ހުއްޓުވުމަށްޓަކައި ނުކުމެ އަޑުއުފުލުމެވެ. ނުވަތަ ގައުމުގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްޤުތައް ހޯދުމަށްޓަކައި ނުކުމެ އަޑުއުފުލުމެވެ…. މިއިން އެއްވެސް ކަމަކީ، ދީނުގައި ހުއްދަކުރައްވާފައިވާ ކަމެއް ކަމާމެދަކު އެއްވެސް ފިޤުހުޢިލްމުވެރިޔަކު ޝައްކެއް ނުކުރައްވާނެ އެވެ.”

ޙައްޤު ބަސް ބުނުމަށާއި، ޙައްޤު ހޯދުމަށްޓަކައި މަސައްކަތްކުރުމަށް މާތްވެގެންވާ އިސްލާމްދީނުގައި މަގުދައްކަވައި އެކަމަށް ގޮވާލައްވާފައިވާކަމީ، ވަންހަނާވެގެންވާ ކަމެއް ނޫނެވެ. އެކަން ކުރާ ބަޔަކު އެކުރަނީ އަޚުލާޤީ ގޮތުން ދަށުދަރަޖައިގެ ކަމެއް ކަމަކަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ. އައްޝައިޚު މުޙައްމަދު ޣަޒާލީ ވިދާޅުވެފައިވެ އެވެ. “އަޚުލާޤަކީ، އުންމަތްތަކަށް ދިރުންދޭ އާދަކާދަތަކެވެ.” އެފަދަ އާދަކާދަތަކުގެ ތެރެއިން އެންމެ މުހިންމު އެއްއާދައަކީ، ޙައްޤު ބަސް ބުނެ، ޙައްޤު ހޯދަން މަސައްކަތްކުރުމެވެ.

މާތްވެގެންވާ އިސްލާމްދީނުގެ މަކާރިމުލް އަޚުލާޤުގެ ތެރޭގައި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ޙިލްމުވެރިކަމާއި، ހިތްވަރުގަދަކަމާއި، މުރޫއަތްތެރިކަމާއި، ކެތްތެރިކަމާއި، އިޙުސާންތެރިކަމާއި، ދީލަތިކަމާއި، އޯގާވެރިކަމާއި، ޢަދުލުވެރިކަމާއި، އިންޞާފުވެރިކަމާއި، މަޝްވަރާކުރުން ފަދަ އެތައް ކަމެއް ހިމެނެ އެވެ. މިހުރިހައި ކަންތައްތަކެއް ވަނީ ޙައްޤާ ގުޅިލާމެހިފަ އެވެ. އެހެންވީމާ، ޙައްޤު ބަސް ބުނުމާއި، ޙައްޤު ބަސް ބުނެ އަޑު އުފުލުމަކީ، އަޚުލާޤީ ގޮތުން ރިވެތިވެގެންވާ، ނުހަނު މާތް ކަމެއްކަން އެބައެނގެ އެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، އިރުޝާދުދެއްވާފައިވާ ފަދައިން، މުސްލިމުން ވަނީ، އަބަދުވެސް އަނިޔާވެރި ވެރިންގެ ކުރިމަތީގައި ޙައްޤު ބަސް ބުނެ އަޑުއުފުލާފަ އެވެ. އެއީ އަޚުލާޤީ ގޮތުން ދަށުދަރަޖައިގެ ކަމެއް ކަމަށްވީނަމަ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ކާފަދަރިކަލުން ޙުސައިނުގެފާނާއި، އިސްލާމީ އުންމަތުގެ މުޢުތަބަރު ޢިލްމުވެރިން އެކަން ނުކުރެއްވީސްކަން ކަށަވަރެވެ.