އެޕްރީލް 14 ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންގައި ތިމަރަފުށީ ދާއިރާގެ ގޮނޑި ތަނަވަސް އަޤްލަބިއްޔަކަތުން ކާމިޔާބުކުރައްވާނީ އެމްޑީޕީގެ ކެންޑިޑޭޓް ތިމަރަފުށީ މުސްތަފާ ކަމަށް ރާއްޖޭގެ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ތިމަރަފުއްޓަށް އެމްޑީޕީން ކުރިމަތި ލައްވާފައިވާ ކެނޑިޑޭޓް މުހައްމަދު މުސްތަފާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިޖަލްސާގައި ރައީސްނަޝީދު ވަނީ އެމްޑީޕީ ސަކުކާރުން ތިމަރަފުށީ ދާއިރާގެ ތަރައްޤީއަށް ކުރަމުން ގެންދިޔަ މަސައްކަތާއި އަދިވެސް އެސަރަހައްދުގައި ކުރެވިދާނެ ތަރައްޤީޤެ މަސައްކަތްތަކަށް ބައްލަވާލައްވާފައެވެ.
“ތިމަރަފުއްޓާއި ގުރައިދޫއާއި ދެމެދުގައިވާ ފަޅަކީ ރާއްޖޭގެ ބޮޑެތި ފަޅުތަކުގެ ތެރެއިންވާ ފަޅެއް. އެފަޅުން ކުރާނެ ފައިދާއާއި ލިބޭނެ މަންފާ ނުހަނު ގިނަކަން އަޅުގަނޑުމެން އެންމެނަށްވެސް އިނގޭ. އަޅުގަނޑު ހަނދާންވާގޮތުގައި އެދެމެދު ސޯޅަ ސަތާރަ ރަށް ހިމެނޭ. ފަންސަވީހަކަށް ކިލޯމީޓަރުހުރޭ” ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި ތިމަރަފުށީ އެއަރޕޯޓްގެ ބޭނުން ހިފަން ފެށުމުން ކޮޅުމަޑުލު ރައްޔިތުންނަށް ނުހަނު ފައިދާކުރާނެކަމަށާއި އެއަރޕޯޓްގެ ތަރައްޤީއާއި އެކު ތިމަރަފުއްޓާއި ގުރައިދޫއާއި ދެމެދު ދަތުރުރު ފަތުރުން ގުޅާލެވޭ މަގުގެ މަސައްކަތްވެސް ފެށިގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ތިމަރަފުއްޓާއި ގުރައިދޫއާއި ގާދިއްފުއްޓަށް އެމްޑީޕީގެ ތެރެއިން ވިސްނާފައިވާ ވިސްނުންއެއީ އެދާއިރާގެ ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ރަނގަޅަށް ބަލައި ގަނެވޭ ޤަބޫލްކުރެވޭ ވިސްނުމެއްކަމަށާއި ބަޣާވާތުގެ ސަބަބުން މީގެ ކުރީގައި ގުރައިދޫ ރައްޔިތުންގެ ތެރެއިން އެމްޑީޕީއަށް ތާއީދު ނުކުރާ އެތައްބައެއްގެ ތާޢީދު ލިބިގެން ހިނގައްޖެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑު ދަންނަވާނީ ވަރަށް މަދު މީހެއް ނޫނިއްޔާ، ޢާއިލާއެއް ނޫނިއްޔާ ބަޣާވާތުން އުފައްދާފައިވާ ސަރުކާރާއި އެއްބަސްވެ އެކައްޗެއްކިޔާ ބަޔަކުނެތް. އަޅުގަނޑަށް ޔަޤީން ކަށަވަރު ތިމަރަފުށިން ވިހި މީހުން ނުނެރެވޭނެ މިސަރުކާރާއި އެއްބަސްކިޔައި. އަދި މީގެ ކުރިން މުސްތަފާއާއި ވާދަކުރީ ކުރީގެ ރައީސްގެ ދަރިކަލުން. މިހާރު މުސްތަފާއާއި ވާދަކުރުމަށް މި ނުކުންނަވަނީ ކުރީގެ އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް. ފަހަރުގައި ވޯޓްދޭ މީހުންގެ ނަންލިސްޓް އެބޭފުޅާއަތުގައި އޮވެދާނެ. އެހެން ނަމަވެސް ވޯޓްދޭ މީހުންގެ ހިތެއް އެބޭފުޅާޔާއިއެކު ނުވާނެ” ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި ތިމަރަފުށީ ދާއިރާގެ ތަރައްގީއަށް އެމްޑީޕީ ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތް ތިމަރަފުށީ ދާއިރާގެ ރައްޔިތުން ބަލައިގަތް މިންވަރުވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.