އިންސާފުގެ މައިދާން ހަލާކުކޮށްފައިވަނީ ޤާނޫނުތަކާއި ޤަވާޢިދުތަކާ މުޅިން ޚިލާފަށް

އއ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަދި އއ.އަތޮޅު ކައުންސިލްގެ މެމްބަރު އަލްއުސްތާޛު ރާމިޒް އިބްރާހީމް
ރޭނިގެ/އއ.އުކުޅަސް

މިހާރު ޢަމަލުކުރަމުންދާ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިވެހި ދައުލަތުގެ ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާއިރު، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއްކަމުގައި މި ދެންނެވި ޤާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާކަން ފާހަގަކުވެއެވެ.

ދިވެހިރައްޔިތުންގެ ޑިމަކްރެޓިކް ޕާރޓީ (އެމްޑީޕީ) އިން “އިންސާފުގެ ދަތުރު”ގެ ނަމުގައި ކުރަމުން އަންނަ ޞުލްޙަވެރި އިހުތިޖާޖުގެ މައިދާން “ރާޅުގަނޑު ސަރަޙައްދު” އަކީ ޤާނޫނު ނަންބަރު: 7010/7 “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު” ގެ 41 ވަނަ މާއްދާާ އިން މާލޭ ސިޓީ ކައުންސިލުގެ ފުރިހަމަ ބާރާއި، ބެލުމުގެ ދަށުގައި އޮންނަ، މާލޭ ސިޓީ ކައުންސިލްގެ ބިމެއްކަމުގައި އެނގެން އޮންނައިރު، ހަމަ މި ދެންނެވި “ރާޅުގަނޑު ޞަރަޙައްދު” އަކީ ލާމަރުކަޒީ ޤާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކުރާ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް މިދެންނެވި ލާމަރުކަޒީ ޤާނޫނުގެ 61 ވަނަ މާއްދާގެ (ޅ) ގެ ދަށުން ލިބިގެންވާ ބާރުގެ ތެރެއިން “މާލޭ ސިޓީ ކައުންސިލްގެ އިޚްޠިޞާޞް” ކަމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު: (IUL)221-AF/221/2012/3 (2012/01/18) އިޢުލާނުން ކަނޑައަޅާފައިވާ، މާލެ އަތޮޅު އުތުރުބުރީގެ އަތޮޅު ދުނީގައި ހިމެނޭ ރަަށްތަކުގެ ތެރެއިން ގިރާވަރު ދެކުނު ކަނޑުން ފެށިގެން ކުޑަކަޅިއާ ދޭތެރޭ ހިމެނޭ ރަށްތައްކަމުގައި ބަޔާންވެ އެނގެން އޮތުމުން މާލޭ ސިޓީ ކައުންސިލްގެފުރިހަމަ އިޚްތިޞާޞް ނުވަތަ ބާރު ހިނގާ ޞަރަޙައްދެއްގެ ގޮތުގައި އޮތް މާލޭ ސިޓީ ކައުންސިލްގެ ބިމެއްކަން ވަރަށް ސާފުކޮށް އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.

މާލޭ ސިޓީކައުންސިލަށް ލިބިގެންވާ ފުރިހަމަ އިޚްތިޔާރާއި ބާރުގެ ދަށުން، މި ދެންނެވި ރާޅުގަނޑު ސަރަޙައްދު މޯލްޑިވިއަން ޑިމަކްރެޓިކް ޕާރޓީ (އެމްޑީޕީ) އަށް ޞުލްޙަވެރި އެއްވުން އެއްވެ ޚިޔާލު ފާޅުކުރުމަށް ދޫކޮށްލާފައިވަނިކޮށް، 19 މާރޗް 2012 ވަނަ ދުވަހު ދިވެހި ފުލުހުންނާއި ސިފައިން އެމްޑީޕީ އިންސާފުގެ ދަތުރުގެ ކެމްޕެއިންގައި ބޭނުންކުރަމުން އައި ރާޅުގަނޑު ޞަރަޙައްދަށް ކުއްލި ގޮތަކަށް ވަދެ، ހިޞޯރުކޮށް، އެތާ ތިިބި އެމްޑީޕީގެ އެތައް ބަޔަކު ވަރަށް އަނިޔާވެރިގޮތަކަށް ފައްސާ ދުރުކޮށް، ކަރުނަގޭސް ޖަހައި، އެހާމެ ރަހުމު ކުޑަ ގޮތަކަށް އެމްޑީޕީގެ މުދަލާއި ތަކެއްޗަށް ގެއްލުންދީ، އެމްޑީޕީގެ ސްޓޭޖާއި، ޖަގަހަތަކާއި، މީޑިއާ ކޭމްޕުތައް ފަދަ ތަންތަން އެކީ އެކައްޗަކަށް ރޫޅާ ސުންނާފަތިކޮށް، އިލެކްޓްރޯނިކް ސާމާނުތައް ހަލާކުކޮށް، އެތަކެތި ސަލާމަތީ ބާރުތަކުގެ އަތްދަށަށް ގެންގޮަސްފައިވަނީ ޤާނޫނާ ޤަވާޢިދަކަށް ބެލުމެއް ނެތި، މިހާރު މި އޮތް ބަޣާވާތަކުން ގެނައި ސަރުކާރުގެ ބާރު ދަމަހައްޓައި، ނެގެހެއްޓުމުގެ މަޤްޞަދުގައިކަން ހިތާމަޔާއެކު ފާހަގަކުރަމެވެ.

ސްޕްރިންޓެންޑް އޮފް ޕޮލިސް އަޙުމަދު މުޙައްމަދު، ސިޔާސީ ހަރަކާތްތައް ހިންގުމަށް މާލޭ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދޫކޮށްފައިވާ ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ހުރި އެމްޑީޕީގެ ކޭމްޕުތައް ރޫޅާލާފައިވަނީ ފުލުހުންގެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަަށުން ފުލުހުންނަށް ލިބިދޭ އިޚްތިޔާރާ ބާރުގެ ދަށުން ކަމުގައި ބުނެފައިވަނީ، މިމަހުގެ 19 ވަނަ ދުވަހު މަޖިލިސް ކައިރީގައި ހަމަނުޖެހުން ހިންގާފައިވަނީ ލޮނުޒިޔާރަތްކޮޅު ޞަރަޙައްދަށް ޖަމާވުމަށްފަހު ކަމުގައިވާތީކަމަށް ބުނެ އެ ޞަރަޙައްދު ރޫޅާލުމުގެ މަޤްޞަދުގައިކަމަށް ބުނެފައިވީ ނަމަވެސް އެ ވިދާޅުވާ ދިވެހި ފުލުހުންގެ ޤާނޫނުގެ 10 ވަނަ މާއްދާއަކީ ‘މަގު ޞަރަޙައްދު ވަގުތީ ގޮތުން ބަންދުކުރުން’ ބަޔާން ކުރާ މާއްދާ ކަމަށް ވީ ހިނދު، ފުލުހުންގެ ޤާނޫނުގެ 10 ވަނަ މާއްދާ ގައި ވަނީ “މި މާއްދާގައި ބަޔާންކޮށްފައިވާފަދަ ފިޔަވަޅެއް އެޅުމަކާނުލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިދާނެކަމަށް ޤަބޫލުކުރެވޭނަމަ، ނުވަތަ އެ ޞަރަޙައްދެއްގައި ޤާނޫނާ ޚިލާފު ޢަމަލެއް ހިގާނަމަ ނުވަތަ ހިނގާފާނެކަމަށް ޤަބޫލުކުރެވޭނަމަ، އެ މަގެއް ނުވަތަ ސަރަޙައްދެއް ވަގުތީ ގޮތުން ބަންދުކޮށް، ފުލުހުން ކަނޑައަޅާ ގޮތެއްގެ މަތިން މެނުވީ އެއްވެސް މީހަކު ނުވަތަ ބަޔަކު އެ މަގަށް ނުވަތަ އެ ޞަރަޙައްދަކަށް ނުވަނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެެއެވެ.” މި ފަދައިންނެވެ.

ސުވާލަކީ އެމާއްދާގައި ބަޔާންކުރާ ފަދަ ހާލަތަށް އެ ޞަރަޙައްދު ދިޔަކަމަށް ފުލުހުން އެ ބުނަނީ ކޮން ޙައިސިއްޔަތަކުން ތޯއެވެ؟ ފުލުހުންގެ ދައުރު އަދާކުރުމަށް އެ ސަރަޙައްދު ހުރަހަކަށްވީ ކޮން ސަބަބެއް މެދުވެރި ވީމަތޯއެވެ؟ އެ ޞަރަޙައްދު ބަންދުކޮށް ސާފުކުރަންޖެހޭ ފަދަ ޤާނޫނާ ޚިލާފު ކޮން ޢަމަލެއް އެ ޞަރަހައްދުގައި ހިނގީމަތޯއެވެ؟ އެ ސަރަޙައްދުގައި ހިނގަމުންދަނީ ނުވަތަ ހިންގާފާނެކަމަށް ޤަބޫލުކުރެވޭ ޤާނޫނާ ޚިލާފު ޢަމަލަކީ ކޮބައިތޯއެވެ؟ އަދި އެ ޞަރަޙައްދުގައި އެފަދަ ޢަމަލެއް ހިންގިކަމަށް ނުވަތަ ހިންގަމުން ދާކަމަށް ނުވަތަ ހިންގާފާނެކަމަށް ޤަބޫލު ކުރެވޭނެ އެއްވެސް ސަބަބެއް އެނގެން ނެތް އިރު، ތިޔަ ނެންގެވި ޑިސިޝަން އަކީ އަޅުގަނޑުމެން އެންމެން އެއަށް ޢަމަލުކޮށް ބަރޯސާވާން ޖެހިފައިވާ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 47 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި މުޅިން ޚިލާފު ނިންމެވުމެކެވެ. މި ދެންނެވި ޤާނޫނު އަސާސީގެ 47 ވަނަ މާއްދާގެ (ހ) ގައިވަނީ އެކަށީގެންވާ ސަބަބެއްނެތި އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ފާސްކޮށް، އެމީހެއްގެ އެއްޗެއް ގަދަކަމުން އަތުލައިގެން ނުވާނެކަމަށެވެ.

ކަންމިހެން އޮތް އިރު، ސްޕްރިންޓެންޑް އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ވިދާޅުދެއްވަބައްލަވާށެވެ. ތިޔަ ވިދާޅުވާ ދިވެހި ފުލުހުންގެ ޤާނޫނުގެ 10 ވަނަ މާއްދާގައި އެއްވެސް މީހެއްގެ އެއްޗެއް އެއްވެސް ހާލަތެއްގައި ހަލާކުކޮށް، އަތުލައި، ނުވަތަ ގެންދިޔުމާބެހޭ އެއްވެސް ވާހަކައެއް ބުނެފަ އޮތްތޯއެވެ؟ ދިވެހި ފުލުހުންގެ ޤާނޫނުގެ 10 ވަނަ މާއްދާއަކީ އެފަދަ އެއްވެސް ކަމެއް ކުރާކަށްވެސް ނުވަތަ ނުކުރާކަށްވެސް ގޮވާލާ މާއްދާއެއް ނޫނެވެ. އަދި ކިއެއްތަ ޤާނޫނީ ހަމަތަކާ އުޞޫލުތަކާ ޚިލާފަށް ޑިސިޝަން ނަންގަވައި، ނިންމުންތަކެއް ސިޔާސީ ބޭނުންތަކަށްޓަކައި ނިންމުމުގެ ނަތީޖާއެއްކަމުގައިވަނީ ބަދަލު ހިފުމުގެ ރޫހު މީސްތަކުންގެ މެދުގައި އަށަގަތުމެވެ. ދުނިޔޭގެ ޓެރަރިޒަމް ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ ޓެރަރިިސްޓް ހަރަކާތްތައް ފެށެނީ އިންސާފު ގެއްލިފައިވާމީހުން ބަދަލު ހިފުމުގެ ރޫހުގައި ނިކުންނަ ނިކުތުމުގެ ސަބަބުން ކަމުގައެވެ.

މިމަހު 19 ވަނަ ދުވަހު ހިނގި ހަމަނުޖެހުމަކީ ލޮނުޒިޔާރަތްކޮޅު ޞަރަޙައްދަށް ޖަމާވުމަށްފަހު އިޙުތިޖާޖުކުރުމަށް ބައިބަޔަށް ބެހި އައިސް އިޙުތިޖާޖުގައި ބައިވެރިވި ބައެއްގެ ތެރެއިން ހިނގި ހަމަ ނުޖެހުމެއްކަމުގައި ވާތީ، ރާޅުގަނޑު ޞަރަޙައްދު ކުރިން އޮތް ގޮތައް ރުޖޫޢަކުރުމަށް އެމްޑީޕީގެ އިންސާފުގެ މައިދާން ދޮވެ ސާފުކޮށްލަންބޭނުންވާކަމުގައި ސްޕްރިންޓެންޑް އޮފް ޕޮލިސް އަޙުމަދު މުޙައްމަދު، ތިޔަ ވިދާޅުވަނީ ކޮން ޤާނޫނީ ހަމައަކުންތޯއެވެ؟ އެހެންކަމަށް ވެއްޖެނަމަ، ރާޅުގަނޑު ސަރަޙައްދު އޮތް ރަށުގައި ހުރި ގެތަކުގެ މީހުންނާއި، އެ ޞަރަޙައްދަށް ހިނގާލަން ދިޔަ މީހުންނާއި، އެސަރަޙައްދަށް ކުޅި ބަލަން ދިޔަ މީހުންނާއި، ރާޅުގަނޑު ޞަރަޙައްދު އޮންނަ ރަށްކަމުގައިވާ މާލެ އޮންނަ އަތޮޅާއި، އެ އަތޮޅު އޮންނަ ޤައުމުގައި ދިރިއުޅޭ މީހުންނަކީ ތިޔަވިދާޅުވާ ކުށުގައި ޝާމިލްވާނެ ބައެކެެވެ. ނަމަވެސް ކުރިކުށާ، ކުށުގެ މާހައުލާ، ކުށްކުރި ފަރާތާ، ކުށުން ނިކުތް ނަތީޖާއާ، ކުށްކުރަން މެދުވެރިވި ސަބަބާ ގުޅުން ނުވެސް ނެތް ތަނެއް އެއްވެސް ޤާނޫނީ ހަމައެއް ނެތި ހަލާކުކޮށް، ސުންނާފަތިކޮށް، އެތަނުގައިވާ މީހުން އަނިޔާވެރިގޮތެއްގައި ފައްސާލާ އެތަން ބަންދުކޮށް ތިޔަ ހެއްދެވީ ދުނިޔަވީ އެއްވެސް ޤާނޫނަކުން ސާބިތުކޮށްދެވޭނެ ހަމައަކުންނޫނެވެ. ‘ރޫލް އޮފް ލޯ’ ހިމާޔަތްކޮށް ނަގަހައްޓާ ‘ޤާނޫނުގެ ވެރިކަން’ ދިފާޢުކުރުމުގެ ނަމުގައި ބާޣާވާތަކުން ސަރުކާރުވައްޓާލިކަމަށް ތުހުމަތުކުރެވޭ ބަޔަކަށް ވެތިބެ، އެފަދަ ދަށު ދަރަޖައިގެ ޢަމަލެއް ހިންގީތީ އެކަމާ އަޅުގަނޑު ލަދުގަނެ، ނުހަނު ކަންބޮޑުވަމެވެ.
މިއަދު އަޅުގަނޑަކީ އއ.އަތޮޅުގެ ލޮބުވެތި ރައްޔިތުން އއ.އަތޮޅު ކުރިއަރުވާ، ތަރައްޤީއަށް މަސައްކަތްކުރުމަށް އއ.އަތޮޅު ކައުންސިލަށް ހޮވާފައިވާ މީހެއްކަމުގައިވީ ހިނދު، އއ.އަތޮޅާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ޙައްޤު ބަސް ބުނުމަކީ އަޅުގަނޑުގެ ވާޖިބެއްކަމުގައި ދެކެމެވެ. ހަމަ މިނޭވާގައި ދިވެހި ސަލާމަތީ ބާރުތަކުން މިމަހުގެ 19 ވަނަ ދުވަހު ތިޔަ ހިންގެވި ޤާނޫނާ ޤަވާޢިދާ ޚިލާފު، ލާއިންސާނީ ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެފަދަ ޢަމަލެއް ތަކުރާރު ވިޔަ ނުދިނުމަށް ދިވެހި ސިފައިންނާއި ފުލުހުންނަށް ނަޞޭޙަތްތެރިވަމެވެ.

ފުލުހުންނާއި ސިފައިންނަކީ ޤާނޫނާއި ޤަވާޢިދު ނަގަހައްޓާ، ޤާނޫނާ ޤަވާޢިދު ހިމާޔަތްކޮށް، ދަޢުލަތާއި ސަރުކާރު ހިމާޔަތްކޮށް، މީސްތަކުންގެ މެދުގައި ސުލްޙަ މަސަލަސްކަން ޤާއިމްކުރުމަށް މަސައްކަތް ކުރަންޖެހޭނެ ބައެެކެވެ. ފުލުހުންނާއި ސިފައިންނަކީ ފަހަރެއްގައިވެސް ސިޔާސީ މަޤްޞަަދު ތަކެއް ހާޞިލްކުރުމަށް ވަކި ބަޔަކު ބުނުމުން އެއްވެސް ޤާނޫނަކަށް ޤަވާޢިދަކަށް ބެލުމެއްނެތި ހިތައް އެރި ޢަމަލެއް ކޮށްގެންވާނެ ބައެއްނޫނެވެ. ފުލުހުންނާއި ސިފައިން ތި ކުރައްވާ މިފަދަ ދަށު ދަރަޖައިގެ ޢަމަލުތަކުން މިއަދު މިދަނީ ފުލުހުންނާއި ސިފައިންގެ ޤަދަރާއި، ޢިއްޒަތާއި، އިތުބާރާއި، އަގު ވެއްޓި މުޅި ޤައުމުގެ ރައްޔިތުންގެ މެދުގައި ފަޟީޙަތްވަމުންނެވެ. އެފަދަ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އަޅުގަނޑު ދިވެހިރާއްޖޭގެ ފުލުހުންނާއި ސިފައިންނަށް އިޚްލާޞްތެރިކަމާއެކު އިލްތިމާސްކުރަމެވެ.