ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު 3 ޖެހި އިރު، ހިއުމަންރައިޓްސް ކޮމިޝަނަށް ހާޒިރުކުރައްވައި، ސުލޫކީ މައްސަލަ ސާބިތުވެފައިވާ އަބްދުﷲ ގާޒީގެ މައްސަލައާ ބެހޭގޮތުން ސުވާލުކުރެއްވުމުން އޭނާ އެކަހެރިކުރުމަކީ ޑިފެންސް މިނިސްޓްރީގެ ނިންމުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
އެޗްއާރުސީއެމްގެ ބައްދަލުވުމަށްފަހު ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ޢަބްދުﷲ ގާޒީ ހައްޔަރުކުރަން ނިންމި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާގެ ނިންމުމެއް ނޫން ކަމަށެވެ. އެހެންކަމުން އެ މަނިކުފާނު ފަރުދީ ގޮތުން އެ ކަމަށް ޒިންމާވާން ނުޖެހޭނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެޗްއާރުސީއެމް އިން އަބްދުﷲ ގާޒީއާ ބައްދަލުކުރަން އެދުމުން އެކަން ވާނީ ހަމަޖައްސައިދީފައި ކަން ވެސް ރައީސް ނަޝީދު މިއަދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދުގެ އަރިހުގައި މިއަދު އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) އާއި ރައީސް ނަޝީދު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ތަރުޖަމާނު ޢަބްދުﷲ ހަސީން އާއި އެމަނިކުފާނުގެ ކެބިނެޓްގެ ޔޫތު މިނިސްޓަރ ހަސަން ލަތީފް އާއި ލީގަލް ސެކްރެޓަރީ ކަމުގައި ހުންނެވި ހިސާން ހުސައިން އާއި އިތުރު ބައެއް މަޖިލިސް މެމްބަރުން އެޗްއާރުސީއެމަށް ވަޑައިގެންނެވިއެވެ. އަދި އެ މަނިކުފާނުގެ ވަރަށް ގިނަ ސަޕޯޓަރުން ވެސް އެޗްއާރުސީއެމް ހުންނަ އިމާރާތުގެ ބޭރަށް އެއްވެ އެމަނިކުފާނަށް އޮތް ތާޢީދު ހާމަކުރައްވަމުން ގެންދެވިއެވެ.