އެމްޑީޕީއަކީ ރައްޔިތުންގެ ފިކުރާއި ވިންދާއި އެއްގޮތަށް މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގައި ޕީއެޗްޑީ ލިބިފައިވާ ޕާޓީއެއް – މާރިޔާ ދީދީ

އެމްޑީޕީއަކީ ރައްޔިތުންގެ ފިކުރާއި ވިންދާއި އެއްގޮތައް މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގައި ޕީއެޗްޑީ ލިބިފައިވާ ޕާޓީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަބްގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން މާރިޔާ ދީދީ ވިދާޅުވީ އެމްޑީޕީއަކީ އެންމެ މެންބަރުންގިނަ ޕާޓީކަމަށާއި އެޕާޓީއަކީ ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުންގެ ވިންދާއި، އިޙްސާސްތަކާ އެއްގޮތަށް މަސައްކަތްކުރާ ހަމައެކަނި ޕާޓީކަމަށެވެ. އަދި އެމްޑީޕީ ގްރޭޑްކުރާނަމަ މިހާރު އެމްޑީޕީއަށް ލިބޭނީ ޕީއެޗްޑީއެއް ކަމަށް ވެސް މާރިޔާ ދީދީ ވިދާޅުވިއެވެ.

“އަޅުގަނޑު ދަންނަވާނީ އެމްޑީޕީއަކީ ރައްޔިތުންގެ ފިކުރާއި ވިންދާއި އެއްގޮތައް މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގައި ޕީއެޗްޑީ ލިބިފައިވާ ޕާޓީއެއް.”، މާރިޔާދީދީ ވިދާޅުވިއެވެ.

ދެހާސް އަށްވަނަ އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ރައްޔިތުން އިންތިޚާބްކުރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަޤާމުން އިސްތިޢުފާދެއްވީ ރައްޔިތުން އެދިގެން ނޫންކަމަށާއި އެކަން ކުރެއްވީ މަޖުބޫރީ ހާލަތެއްގައިކަމަށެވެ. އަދި ރައީސް ނަޝީދު މަޤާމުން އިސްތިޢުފާ ދެއްވިނަމަވެސް އެކަން އެގޮތަށް ކުރައްވަން ރައްޔިތުން ނޭދޭކަމަށް ވެސް ރޭ މާރިޔާ ވިދާޅުވިއެވެ.

“ރައީސް ނަޝީދު އިސްތިޢުފާދެއްވީ ރައްޔިތުންގެ އެދުމަކަށްނޫން. ބަޔަކު މަޖްބޫރުކޮށްގެން ފުރާނަފުޅު ސަމާމަތް ކުރެވޭނެ އެހެންގޮތެއް ނެތުމުން އިސްތިޢުފާދެއްވީ”، މާރިޔާ ދީދީ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ތާޢީދު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދާއިރު މައުމޫންގެ ކޮއްކޮ އަބްދުﷲ ޔާމީނަކީ ވެސް މާލެއަށް އުފަން މާލޭގައި އުޅުއްވި، މާލޭ ބޭފުޅަކަށްވާއިރު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހޯއްދެވުމަށް މުލަކަށް ކުރިމަތިލެއްވީ ކީއްވެތޯ ރޭގެ ޕްރޮގްރާމްގައި މާރިޔާ ސުވާލުކުރެއްވިއެވެ.