އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުގެ ކާރުގެ ބިއްލޫރި ތަޅާލައިފިއެވެ.
މި ކާރުގެ ބިއްލޫރި ތަޅާލާފައިވަނީ އަލީ ވަހީދު ދިރިއުޅުއްވާ ގެ ކައިރީގައި ކާރު ޕާކުކޮށްފައި އޮއްވައެވެ. އަދި އަލީ ވަހީދަށް އެކަން އެނގުނީ ވެސް މިއަދު މެންދުރު މަޖިލީހަށްދާން ނިކުމެވަޑައިގަތް ވަގުތުއެވެ.
މިއީ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ކާރަށް ހަމަލަދިން ދެ ވަނަ ފަހަރެވެ. ދާދިފަހުން ވަނީ އެމްޑީޕީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީގެ ކާރުގެ ބިއްލޫރިތައް ވެސް ތަޅާލާފައެވެ.
އަލީ ވަހީދު ވިދާޅުވީ އޭނާއަށް ކާކު ކަން ނޭނގޭ ނަންބަރުތަކަކުން އެސްއެމްއެސްކޮށް ބަޔަކު އިންޒާރުދެމުންދާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީ ދޫނުކުރައްވައިފިނަމަ ފުރާނައަށް ނުރައްކާ ކުރާނޭ ކަމަށާއި، ކާރަށް ހަމަލަދޭފަދަ އިޝާރާތްތައް ވެސް ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅުއްވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.