ބާޣީ ވަހީދު ކީ އެކައްޗެއް ވެސް އަޅުގަނޑަކަށް ނޭނގެ – އެމްޑީޕީގެ ޗެއަރޕާސަން

ރިޔާސީ ބަޔާނުގެ ބައިކުޅަބައި އިއްޔެ އިއްވި ބާޣީ ވަޙީދު ބައިކުޅަބައި ރިޔާސީ ބަޔާނުގައި ކީ އެކައްޗެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީން އެ ޕާޓީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނައިބު ރައީސްގެ އެންމެ ކައިރީގައި މޫސަ ހުންނެވި ނަމަވެސް “ތިންހަތަރު ބަހުން އޭނާ ކީ އެއްޗެއް” އެނގިވަޑައިނުގެންނެވި ކަމަށެވެ. އަދި އިއްޔެއަކީ މަޖިލީހުގައި މީހަކު ތަގުރީރުކުރާ ހިތުން ހުއްޓާ ފެނިވަޑައިގެންނެވި ފުރަތަމަ ދުވަސް ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

“އޭނާ ތިން ހަތަރު ބަހުން އެކީ އެއްޗެއް ކީ. އަޅުގަނޑުމީ އެތާ ކައިރީ ހުރި މީހެއް. އަޅުގަނޑަކަށް ނޭނގެ ކީ އެކައްޗެއް ވެސް. މީހަކު މަޖިލީހުގަ ތަގުރީރެއް ދޭހިތުން ހުއްޓާ ފެނުނު ފުރަތަމަ މީހާ މިއީ. ނަސީބެއް އޭނައަށް އެކަން ކުރެވުނު ކަން. އެހެން ނޫން ނަމަ ބަޔާން ނުއިއްވިގެން މީހަކު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރާތަން ބަލަން ހުރުމަކީ އަޅުގަނޑަށް ލާހިކު ކަމެއް ނޫން.” މޫސަ ވިދާޅުވިއެވެ.

ބާޣީ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް މިހާރު ހުރި ނާޒިމަށް ހައިސިއްޔަތެއް ނެތި ޑިފެންސް މިނިސްޓްރީ ތެރެއަށް ވަދެވުނީ ކީއްވެތޯ އާއި، އިދިކޮޅު ސިޔާސީ ލީޑަރުންނަށް ފުލުސް އޮފީހަށް ވަދެވުނީ ކީއްވެގެންތޯ ތަޙްގީގުކުރަން ބޭނުންފުޅުވާ ކަމަށް ވެސް ރޭގެ ޖަލްސާއަށް ހާޒިރުވެތިބި އެތައް ހާސް އެމްޑީޕީ ސަޕޯޓަރުންނާ މުޚާތަބުކޮށް މޫސަ ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ތަޙްގީގުކުރަން ހުށަހަޅާނެ ގޮތެއް ނިންމާނީ އެމްޑީޕީ ގައުމީ މަޖިލީހުން ނިންމާ ގޮތްތަކެއްގެ މަތިން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

“ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެން ވަރަށް ގިނަ ތަހުގީގުތަކެއް ކުރާނަން. މިހާރުގެ ޑިފެންސް މިނިސްޓަރަށް މަގާމު ނެތީސް ކީއްވެގެންތޯ ސިފައިންގެ މަރުކަޒަރަށް ވަދެވުނީ؟ ބުރުމާ ގާސިމާ ދެން ތިބި މީހުންނަށް ކީއްވެގެންތޯ ފުލުހުންގެ މުވައްސަސާގެ ތެރެއަށް ވަދެވުނީ؟ 142 ކޮމެޓީ އާއި އަދި ވެސް އެހެން ކޮމެޓީތައް ބޭނުންކޮށްގެން ސުވާލުތައް ކުރިމަތި ކުރެވިގެން ދާތަން މީޑިއާގަ އަދި ބައިނަލްއަގުވާމީ މުޖުތަމައަށް އަޅުގަނޑުމެން ދައްކަ ދޭނަން.” މޫސަ ވިދާޅުވިއެވެ.

ރޭ އެމްޑީޕީން ފުރަތަމަ ޖަލްސާ ބާއްވަން އުޅުނީ އުސްފަސްގަނޑުގައި ނަމަވެސް ބާޣީ ސަރުކާރުގެ ސަލާމަތީ ބާރުތަކުން ވަނީ އެމްޑީޕީއަށް ތާޢީދުކުރާ ފަރާތްތަކުން އެ ސަރަހައްދަށް ދިޔަ ނުދީ، ދަރުބާރުގެއާ ހަމައިން ޕެޕަރސްޕްރޭ އާ މުގުރުން ހަމަލަދީ އެމްޑީޕީގެ އެތައްހާސް މެންބަރުން ފައްސާލާފައެވެ. އެހެން ކަމުން ރޭ ވަރަށް ދަންވި ފަހުން މި ޖަލްސާ ފެށީ އެމްޑީޕީގެ މައި ހަރުގޭގައެވެ.

ރޭގެ ޖަލްސާއަށް ހުރަސް އެޅުމަށް ބާޣީ ސަރުކާރުން ވަނީ ” މަސްތުވެފައިތިބި ސުލްހަވެރި ޒުވާނުން ކޮޅެއް” ބޮޑެތި ވަޅިތަކަކާއި އެކު ފޮނުވައި، އެމްޑީޕީގެ ސަޕޯޓަރުންނަށް ހަމަލަދީފައެވެ. މި ހަމަނުޖެހުމުގައި އަނިޔާ ލިބުނު ބައެއް ފަރާތްތަކުން ޕޮލިހަށް ރިޕޯޓްކުރި ނަމަވެސް ފުލުސް އޮފީހުން ދިން ޖަވާބަކީ “ގޭގައި ތިބި ނަމަ ތިހެން ނުވާނެއޭ” ކަމަށް އަނިޔާވި ފަރާތްތަކުން ބުނެއެވެ.
މާ ބޮޑުކުރިމަތިލުން ތަކަކަށް ނުދަނީސް އެތަނަށް އެއްވި ގޭންގުންވަނީ އެތަން ދޫކޮށް ގޮސްފައެވެ.