ނޫސް ބަޔާން: ރާޅުގަނޑު ސަރަހައްދަށް ބާޣީ ސަރުކާރުގެ ފުލުހުންނާއި ސިފައިން އަރައިގަތުމާއި ގުޅިގެން އެމްޑީޕީން ނެރޭ ބަޔާން

އެމްޑީޕީން އިންސާފުގެ ދަތުރުގެ ކެމްޕެއިންގައި ބޭނުންކުރަމުން އައި ރާޅުގަނޑު ސަރަޙައްދަށް ފުލުހުންނާއި ސިފައިން އަރައިގަތުން ކުށްވެރިކުރުން

ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި އެމްޑީޕީން ފެބްރުއަރީ 17 ވަނަ ދުވަހު ފެށި “އިންސާފުގެ ދަތުރު” ކެމްޕެއިން ހިންގާ ސަރަހައްދަށް މިއަދު ހަވީރު ސިފައިންނާއި ފުލުހުން ވަދެ، އެތަން ރޫޅާލާފައިވާތީ މިކަން އެމްޑީޕީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ރާޅުގަނޑު ސަރަހައްދަކީ މާލެ ސިޓީ ކައުންސިލުން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ދޫކޮށްފައިވާ ސަރަހައްދެކެވެ. ނަމަވެސް އެއްވެސް އިންޒާރެއް ނެތި ފުލުހުންނާއި ސިފައިން އެ ސަރަހައްދަށް ވަދެ، އެމްޑީޕީގެ ސްޓޭޖާއި ޖަގަހަތަކާއި، މީޑިއާ ކޭމްޕްތައް ފަދަ ތަންތަން މުޅިން ރޫޅާލައި، އެމްޑީޕީގެ ނުހަނު ގިނަ މުދަލަށް ބޮޑެތި ގެއްލުންތައްދީ، އިލެކްޓްރޯނިކް ސާމާނުތައް ހަލާކުކޮށް، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަނެފައިވާތީ އާއި، ސިޓީ ކައުންސިލްގެ އިހްތިސާސްތަކުގެ ތެރެއަށް ފުލުހުންގެ ދިގުއަތްބާނާފައިވާތީ، އެކަން މިޕާޓީން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އެމްޑީޕީ އަކީ އަބަދުވެސް ސުލްޙައަށް ލޯބިކުރާ، ސުލްޙަވެރިކަމާއެކުގައި އިޙްތިޖާޖުކޮށް ޤާނޫނީ އިމުގެތެރެއިން އަމަލުތައް ބަހައްޓާ ސިޔާސީ ޕާޓީއެއް ކަން މި ފުރުޞަތުގައި ވެސް ހަނދުމަކޮށް އަރުވަމެވެ. އެހެން ނަމަވެސް 7 ފެބްރުއަރީގައި ފުލުހުންނާއި، ސިފައިންގެ ތެރެއިން މަދުބަޔަކު ނިކުމެ ހިންގި ބަޣާވާތަށްފަހު، ތަފާތު އެކި ބަހަނާދައްކައިގެން އެމްޑީޕީގެ ބޮލުގައި އެކި ޖަރީމާތައް އެޅުވުމަށްފަހު، ޖަންގަލީގެ އުސޫލުން އެމްޑީޕީގެ މެންބަރުންނާއި އެމްޑީޕީއާއި މެދު، ފުލުހުންނާއި ސިފައިން އަމަލުކުރަމުން ދިޔަ ނަމަވެސް އެމްޑީޕީން ފަށާފައިވާ އިންސާފުގެ ދަތުރަށް ކުޑަވެސް މަޑުޖެހުމެއް ނާންނާނޭ ކަމުގެ ޔަގީންކަން މި ޕާޓީގެ ލޮބުވެތި މެންބަރުންނަށް އަރުވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް