އެމްޑީޕީގެ އިޙްތިޖާޖުތައް ރޫޅާލުމުގައި ފުލުހުންނާއި ސިފައިން ދައްކާފައިވާ ހަރުކަށިކަން ކުޑަފަރީ ކައުންސިލުން ކުށްވެރިކޮށްފި

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ބާޣީ ލީޑަރު މުހައްމަދު ވަހީދު ހަސަންމަނިކު ވަދެ ރިޔާސީ ބަޔާން ދިނުމާއި ދެކޮޅަށް ސުލްހަވެރިކަމާއި އެކު ދިވެހި ރައްޔިތުން ކުރަމުން ގެންދިޔަ އިހްތިޖާޖު ރޫޅާލުމުގެ ނަމުގައި ސިފައިންނާއި ފުލުހުން ރައްޔިތުންނަށް ކޮށްފައިވާ އަނިޔާތައް ނ.ކުޑަފަރީ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

މީގެ އިތުރުން އެ ކައުންސިލްގެ އެޑްވައިޒަރީ ބޯރޑްގެ ވައިސް ޗެއަރޕާރސަން އަބުދުލް މުހުސިން ގެ ބޯ ފަޅާލައި އެބޭފުޅާއަށް ދީފައިވާ އަނިޔާ ކުށްވެރިކޮށް، އެ އަނިޔާ ދިން ފަރާތް ހޯދައި، ހައްޔަރުކޮށް މިހާރުން މިހާރަށް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ވެސް، ސަލާމަތީ ބާރުތަކުގެ އަނިޔާތައް ކުށްވެރިކޮށް ކުޑަފަރީ ކައުންސިލުން އިއްޔެ ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ..

“މިފަދަ ސުލްހަވެރި އިހްތިޖާޖެއް ކުރަމުން ގެންދާ ފަރާތަކަށް ކުރެވޭ ކޮންމެ އަނިޔާއަކީ މުޅި ދިވެހިރާއްޖޭގެ އިންސާފަށް ލޯބިކުރާ ހުރިހާ ރައްޔިތުންގެ މައްޗަށް ކުރެވޭ އަނިޔާއެއްކަން ހަނދާންކޮށްދީ މިފަދަ ހަޑިމުޑުދާރު އަމަލުތައް ތަކުރާރު ނުކުރުމަށާއި މި އަމަލުތަކަށްޓަކައި ރައްޔިތުންގެ ކިބައިން މިހާރުން މިހާރަށް މާފަށް އެދި މި ކަންކަމުގައި ބައިވެރިވީ މީހުން ހިފާ ހައްޔަރުކުރުމަށް މި ގައުމުގެ ދިފާއީ ބާރުތަކަށް ގޮވާލަމެވެ.” ކުޑަފަރީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

އަދި، ކުޑަފަރީގެ ރައްޔިތުން ތިބީ ދިވެހިރާއްޖޭގެ ފުރަމާލެއާއި މުޅިރާއްޖޭގެ ކަންކަޅޮތަކުގައި ބަޣާވާތާ، އަނިޔާ އާއި ދެކޮޅަށް އަޑުއުފުލަމުން ގެންދާ، އިންސާފުގެ ދަތުރުގެ ބައިވެރިންނާއި އެކުގައިކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.