އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް އަނިޔާކޮށް މަޖިލީހުން ނެރެ ރިޔާސީ ބަޔާނުގެ ބައިކުޅަބައި އިއްވައިފި

2.00 ބާޣީ ވަޙީދު ރިޔާސީ ބަޔާން އިއްވާފައިވަނީ އެމްޑީޕީގެ މަޖިލިސް މެންބަރުން އިޙްތިޖާޖުކުރަމުން ދަނިކޮށް، އެ ހަޅޭކުގެ ތެރޭގައި

1.55 ސޯސަން މަގުގައި ކުރަމުންދާ އިހްތިޖާޖު ވަރަށް ފޯރިގަދަ ވެއްޖެ. މުޒާހަރާ ކުރާ މީހުން މިހަރު ތިބީ އެމްޑީޕީ އޮފީހަށް ވުރެ ވެސް ފަހަތަށް ހޮޓެލް ސްކޫލާ ހަމައަށް ޖައްސާފަ

1.49 ފުލުހުން ސޯސަންމަގުގައި ތިބި އިޙްތިޖާޖީންނާ ދެކޮޅަށް މިއަދު ވަނީ ރަބަރު ވަޒަން ވެސް ބޭނުން ކޮށްފަ

1.42 ތަފާތު އެކި ސަރަހައްދުތަކުގައި އެމްޑީޕީން ދަނީ ބާޣީ ރައީސާ ދެކޮޅަށް އިޙްތިޖާޖުކުރަމުން. ސޯސަން މަގާއި، ޕޯސްޓަލް ބިލްޑިންގ އާއި، އޮލިމްޕަސް ކައިރީގައި ވެސް އިޙްތިޖާޖު ފޯރިއާއެކު ކުރިޔަށް އެބަދޭ. މިހާތަނަށް 6 މެންބަރަކު މަޖިލީހުގެ ޗެންބަރުން ނެރެފައިވާ އިރު ފުލުހުން 50 އާ ގާތްކުރާ އަދަދަކަށް އެމްޑީޕީ ސަޕޯޓަރުން ވަރަށް އަނިޔާވެރިކަމާއެކު ހައްޔަރުކޮށްފައިވޭ

13.35 މެމްބަރު ތޯރިގްގެ ނަން އިއްވެވުމަށް ފަހު ޖަލްސާ އަނެއްކާވެސް މެދުކަނޑާލައިފި. ބާޣީ ވަހީދު ޗެމްބަރުން ނުކުމެއްޖެ. މަޖިލިސް މެދުކަނޑާލިކަން މަޖިލީހުގެ ރައީސް އެންގެވި އިރުވެސް ބާޣީ ވަހީދު ދިޔައީ ރިޔާސީ ބަޔާން އިއްވަމުން.

13.32 އެމްޑީޕީ އޮފީސް ކައިރި ސޯސަން މަގުން ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި

13.30 މެންބަރުން ބާޣީ ވަޙީދު ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް އަޑުގަދަކުރައްވަމުން ގެންދަވަނިކޮށް، ބާޣީ ވަހީދު ވަނީ ރިޔާސީ ބަޔާން އިއްވަން ފަށާފައި. ނަމަވެސް މިހާެރު މެދުކަނޑާލައިފި. ރިޔާސީ ބަޔާން އިއްވި އިރު ވެސް މަޖިލީހުގެ ރައީސް ވެސް ގެންދެވީ މެންބަރުންނާ މުޚާޠަބުކުރައްވަމުން

13.15 މަޖިލީސް ފެށުމަށްފަހު އަލުން މެދުކަނޑާލައިފި. މިފަހަރު މެދުކަނޑާލީ މާފަންނު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު މަޖިލީހުގެ ޗެންބަރުން ނެރެންދެން. މެންބަރުން ނެރުމަށް ގިނަ ޢަދަދެއްގެ ސަލާމަތީ ސިފައިން ވަންނަމުންދާ ކަމަށް މެންބަރުން މަޢުލޫމާތު ލިބޭ

12.59 ޢަލީ ރިޒާ ޗެންބަރުން ގަދަބާރާއި އެކު ނެރެފިކަމުގެ މަޢުލޫމާތު ލިބިއްޖެ. މެންބަރުން ނެރުމަށް ގިނަ ޢަދަދެއްގެ ސަލާމަތީ ސިފައިން ވަންނަމުންދާ ކަމަށް މެންބަރުން މަޢުލޫމާތު ލިބޭ

12.55 ނަން އިއްވާފައި ތިން މެންބަރުން ނެރުމަށް ސަލާމަތީ ސިފައިން ވަދެއްޖެ. ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒްގެ މަޖިލީހުގެ ޗެންބަރުން ނެރެން އުޅުމުގެ ތެރޭގައި މެއަށް ވަރަށް ގެންލުން ވެފައިވާ ކަމަށް މެޑިކަލް ރިޕޯޓްތަކުން ދައްކާ ކަމަށާއި އަދި ރިޔާޒުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ރިޔާޒުގެ އެހީތެރިންނާއި ހަވާލާދީ ޚަބަރުތައް ލިބޭ

12.47 ނަން އިއްވާފައި ތިން މެންބަރުން ނެރުމަށް ސަލާމަތީ ސިފައިން ވަދެއްޖެ. ސޯސަންމަގު ވީޓީ ކަންމަތީގައި ގިނަ ޢަދަދެއްގެ ބަޔަކު ދަނީ މުޒާހަރާ ކުރަމުން

12.38 މަޖިލިސް މެދުކަނޑާލާފައިވަނީ ތިން މެންބަރެއްގެ ނަން އިއްވާ އެ މެންބަރުން މަޖިލީހުގެ ޗެންބަރުން ނެރެންދެން. ނަން އިއްވާފައިވާ މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ މެންބަރުން ޢަލީ ވަހީދު. މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ކުބޭ) އަދި މަޑަވެލީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް.

12.35 .ރިޔާސަތުގެ މޭޒުގައި އިށީނދެގެން އިނުމަށް ފަހު މަޖިލީހުގެ ތެރޭގެ އިޙްތިޖާޖާ ހެދި ބަޔާން އިއްވޭ ގޮތް ނުވެގެން ބާޣީ ވަހީދާއި ޝާހިދު ޗެމްބަރުން ނުކުމެފި

12.26 މަޖިލިސް އަލުން ފަށަން އުޅޭ ކަމުގެ މަޢުލޫމާތު ލިބިއްޖެ

12.20 ގިނަ ޢަދަދެއްގެ އަންހެނުން ތަކެއްގެ ތެރެއަށް ސިފައިންނާއި ފުލުހުން އަރައިގެންފި. ބާރަށު ދާއިރާގެ މެންބަރު މިހާރުވަނީ އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި. ދާންދޫ ދާއިރާގެ މެންބަރު ރިޔާޒު އޭޑީކޭއަށް ގެންގޮސްފި. ރިޔާޒުގެ ކޮނޑުހުޅަށާއި ގައިމައްޗަށް ވަނީ ސަލާމަތީ ފުލުހުން އަރައިފައިވާ ކަމަށް މައުލޫމާތު ލިބޭ. އަދި ސަލާމަތީ ސިފައިންނަށް އިތުބާރު ނުކުރެވޭތީ ރިޔާޒު އޭޑީކޭއަށް ގެންގޮސްފައިވަނީ އެމްޑީޕީގެ މެންބަރުން ކަމަށް މައުލޫމާތު ލިބޭ.

12.07 ދާންދޫ ދާއިރާގެ މެންބަރު ނެރެފި ކަމުގެ މައުލޫމާތު ލިބިއްޖެ. އެމްޑީޕީގެ މެންބަރުންނަށް ވަނީ އެތަކެއް އަނިޔާ ތަކެއް ލިބިފައި. ބައެއް މެންބަރުން ވަނީ ޗެންބަރުގެ ތެރެއަށް ވެއްޓީފައި. ބައެއް މެންބަރުންގެ ގައިން ލޭވެސް ކޮށާލައިފައި ކަމަށް މައުލޫމާތު ލިބޭ

12.00 ޢަބްދުލް ޣަފޫރަށް އަދި ނާޒިމް ރަޝާދަށް ވެސް ވަރަށް ބޮޑަށް އަނިޔާކޮށްފި ކަމުގެ މައުލޫމާތު ލިބޭ.

11.59 ބާރަށު ދާއިރާގެ މެންބަރުން ސްޓްރެޗަރެއްގައި އޭޑީކޭއަށް ގެންގޮސްފި. ސިފާޒްގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބޭ. ޝިފާޒުގެ ކަރުގައި ހިފައިފާވައިކަމަށާއި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން މަޖިލީހުގައި ވެއްޓިފައި އެބަތިބި ކަމަށް މައުލޫމާތު ލިބޭ.

11.57 ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ޝިފާޒަށް މަޖިލީހުގެ ޗެންބަރު ތެރޭގައި އަނިޔާ ކުުރުމުގެ ސަބަބުން އޭނާ ވަނީ ހޭނެތިފައި ކަމަށް މައުލޫމާތު ލިބިއްޖެ.އަދި ޝިފާޒްގެ ކަކުލުހުޅުން ވެސް ނެއްޓިފައިވާ ކަމަށް މަޢުލޫމާތު ލިބޭ. ނާޒިމް ރަޝާދުއަށް ވަރަށް އަނިޔާވެފައިވާ ކަމަށް މެންބަރުން ވިދާޅުވެއްޖެ. މިނިވަން ނޫހުގެ ރިޕޯޓަރަކަށް ވެސް ވަރަށް ބޮޑަށް އަނިޔާވެއްޖެ

11.55 ސޯސަން މަގުގައި މުޒާހަރާ ކުރަމުންދާ މީހުންގެ ތެރެއިން ބައެއް މީހުން އަނިޔާވެރި ކަމާއެކު ފުލުހުން ހައްޔަރު ކުރަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެ

11.50 މަޖިލީހުގެ ބައެއް ސާމާނުތަކަށް ގެއްލުން ލިބިފައިވާ ކަމަށް މައުލޫމާތު ދަނީ ލިބެމުން.

11.47 ސޯސަން މަގުން ދެ މީހަކު ހައްޔަރުކޮށްގެން ގެންގޮއްސި

11.45 ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެއްވެސް ވަރަކަށް ފުލުހުންވެސް އަދި ސިފައިންވެސް މަސައްކަތް ކުރަމުން ނުގެންދާ ކަމަށާއި އަދި އަލިފާން ނިއްވާ ލޯރިތައްވެސް އެތަނަށް ގޮސްފައި ނުވާކަމަށް އެހިސާބުގައި ހަރަކާތްތެރިވާ އާއްމުން ދަނީ ތުހުމަތު ކުރަމުން.

11.37 މުޒާހަރާ ރުޅާލުމަށް ވަރަށް ބައިވަރު ޕެޕަރ ސްޕްރޭ ޖަހައިފި. އެއްވެސް މީހަކު ފަހަތަކަށް ނުޖެހޭ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުންގެ ހަމަލާގައި އަނިޔާވެގެން އޭޑީކޭއަށް ގެންދިޔަ މީހުންނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ކުރަމުން އެބަދޭ.

11.25 ފުލުހުންގެ މީހަކު ދުއްވާގަންނަން އުޅުމުގެ ތެރޭގައި ފުލުސް މީހާ ވެއްޓި އޭނާ އަތުގައި އޮތް ޝީލްޑް އަތުން ދޫވެ މުޒާހަރާގެ ބައިވެރިންގެ އަތަަށް އަރައިފި. މިހާރު ޝީލްޑްވަނީ މުޒާހަރައިގެ ބައިވެރިންގެ އަތުގައި.

11.22 މަޑަވެލީ ދާއިރާގެ މެންބަރު ނާޒިމްއަށް މަޖިލީހުގެ ޗެންބަރު ތެރޭގައި އަނިޔާ ކޮށްފި ކަމަށް މެންބަރުން ވިދާޅުވެއްޖެ. ދާންދޫ ދާއިރާގެ މެންބަރު މަޖިލީސް ޗެންބަރުން ނެރުމަށް އަނިޔާވެރި ކަމާއެކު މަސައްކަތް ކުރާކަމަށް މެންބަރުން މައުލޫމާތު ދީފި.

11.20 ސޯސަންމަގުގައި ހަރަކާތްތެރިވަމުން ގެންދިޔަ އެމްޑީޕީގެ ޕިކަޕްގައި ތިބި މީހުންނާއި މެދު ވަރަަށް އަނިޔާވެރިކޮށް ކަންތައް ކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބޭ

11.17 މުޒާހަރާ ކުރަމުންދާ މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް މުގުރުން ޖަހާ ބޯފަޅައިލާގެން ހަތަރު މީހަކު އަދި ޕޭޕަރ ސްޕްރޭ ޖަހައިގެން ނޭވާލާން އުނދަގޫވަގެގެން ހަތް މީހަކު އޭޑީކޭއަށް ގެންގޮސް ފަރުވާ ދެމުން އެބަގެންދޭ

11.10 ގިނަ ޢަދަދަކަށް ޕެޕާރ ސްޕްރޭ ޖެހުމުގެ ސަބަބުން އެމްޑީޕީގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަންދީ ޒުބައިރަށް ނޭވާލާން އުނދަގޫވެ އެޑީކޭގައި މިހާރު ދަނީ ފަރުވާ ދެމުން.

11.08 ސޯސަން މަގުގައި ކުރިއަށްދާ މުޒާހަރާ ހޫނުވެފައިވާ ކަމަށް ޚަބަރުތައް ދަނީ ލިބެމުން.

11.07 ހަތްވަނަ ދުވަހު ހިނގާދިޔަ ކަންތައްތަކަކީ އެއްވެސް ހާލެއްގައި ޤަބޫލު ކުރާ ކަންތައްތަކެއް ނޫން ކަމަށާއި މަޝްވަރާ ކުރެވިގެން އެކަން ނިމިގެން ދާންޖެހޭނެ ކަމަށާއި އަދި އޭރުވެސް ސަރުކާރުގެ އިސްވެރިން ސަލާމަތުން ތިބިކަމަށާއި އެހެން ވުމާއެކު އެއްވެސްހާލެއްގައި ފެބްރުއަރީ ހަތްވަނަ ދުވަހުގެ ކަންތައްތައް ހިނގާގެން ނުވާނެ ކަމަށް ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރ ރިޝްވާން ދެންމެ ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެއްޖެ.

11.05 ޕެޕަރ ސްޕްރޭ ޖަހައި ފުލުހުން އަނިޔާކުރުމުގެ ސަބަބުން ބައެއް އަންހެނުން ހާލު ދެރަވެ އަތުލަފިކޮށްގެން އެމްޑީޕީ އޮފީހަށް ވައްދައިފި

11.00 އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނަަށް މަޖިލީހުގެ ޗެންބަރު ތެރޭގައި ބޮޑަތި އަނިޔާތައް ކޮށްފައިވާ ކަމަށް އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ. 15 ވަރަކަށް ސިފައިން ވަދެ އަލްހާން މަޖިލީހުން ނެރެފައިވާ ކަމަށް ވެސް މައުލޫމާތު ލިބޭ. އަދި ރިޔާޒް އަނިޔާވެރިކަމާއެކު ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބޭ

10.58 މެންބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށް ވަރަށް ގިނަ އަދަދެއްގެ ސަލާމަތީ ސިފައިން ޗެންބަރަށް ވަދެފައިވާ ކަމަށް މެންބަރުން ދަނީ ބުނަމުން. އަދި އެވަގުތުގައި ހަމަނުޖެހުން ހިންގާފައިވާ ކަމަށް މެންބަރުން ވިދާޅުވޭ

10.56 މަޖިލިސް ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގައިގާ ތަޅާ ބޮޑަތި އަނިޔާ ދެމުންދާ ކަމަށް މަޖިލީހުގެ މެންބަރަކު ވިދާޅުވެއްޖެ

10.50 އެމްއެންޑީއެފްގެ 2 ސެކިއުރިޓީއަކު މަޖިިލިސް ޗެންބަރުގައި އެބަ ޙަރަކާތްތެރިވޭ

10.45 ސިފައިން މަޖިލީހުގެ ޗެންބަރަށް ވަދެފައިވާ ކަމަށް މަޢުލޫމާތު ލިބޭ

10.35 ދާންދޫ ދާއިރާގެ މެންބަރު ރިޔާޒް އާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާންގެ ނަން އިއްވައި، މަޖިލީހުން ނިކުމެވަޑައިގެންނެވުމަށް މަޖިލީހުގެ ރައީސް ވިދާޅުވި ނަމަވެސް އެ 2 ބޭފުޅުން ބޭރަކަށް ވަޑައެއް ނުގަންނަވާ. އެހެން ކަމުން އެ 2 ބޭފުޅުން ނިކުމެވަޑައިގަންނަވަންދެން ކަމަށް ވިދާޅުވެ މިވަގުތު މަޖިލިސް އޮތީ ހުއްޓިފައި

10.15 މަޖިލިސް ފަށައިގެން ކުރީގެ ފޮރިންގ މިނިސްޓަރ ފަތުހުﷲ ޖަމީލުގެ ހަނދާނުގައި ގެނެވުނު ސުކޫތަށް ފަހު މަޖިލިސް ވަނީ ހަލަބޮލިވެފަ. އެމްޑީޕީން ކުރިން ވެސް ނިންމާފައިވަނީ ސުކޫތު ގެނައުމަށް ފުރުސަތު ދޭ ގޮތަށް

9.40 ބާޣީ ރައީސް މަޖިލީހުގައި ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް އެމްޑީޕީން ނިކުމެއްޖެ. ގިނަ އަދަދެއްގެ ބަޔަކު ވަނީ މަޖިލިސް ވަށައިގެންވާ ސަރަހައްދުތަކަށް ނިކުމެފަ. އެމްޑީޕީގެ މަޖިލިސް މެންބަރުން މިއަދު ވެސް ވަޑައިގެންނެވީ އެންމެން އެކުގައި ރައީސް ނަޝީދުގެ ގެކޮޅުން ނިކުމެވަޑައިގެން