ހޯމަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރައްޔިތުންގެ މަޖިލީސް ފެށުމުގެ ޖަލްސާއަށް ބާޣީ ރައީސް މަޖިލީހަށް ނުވައްދަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފި އެވެ.
މިއަދު އެމްޑީޕީގެ މައި އޮފީހުގައި ބޭއްވި އެގްރޫޕްގެ ބައްދަލުވުމުގައި އަޣްލަބިއްޔަތުން ފާސްކޮށްފައިވަނީ އެމްޑީޕީން މިހާރުގެ ސަރުކާރު ގަބޫލުނުކުރާތީ ބާޣީ ސަރުކާރުގެ ރައީސަށް ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ދެވިގެން ނުވާނޭ ކަމަށެވެ. އެހެން ނަމަވެސް ޢަބްދުﷲ ޝާހިދަކީ މަޖިލީހުގެ ރައީސް ކަމަށް ވުމާއެކު އެމަނިކުފާނަށް މަޖިލީހަށް ވަދެވަޑައިގަތުމުގެ ފުރުސަތު ދިނުމަށް މިއަދުގެ ބައްދަލުވުމުގެ އަޣްލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
މާރޗް 1 ވަނަ ދުވަހު ވެސް ބާޣީ ރައީސް ވަނީ ގަދަފައި ވިއްދައިގެން ރިޔާސީ ބަޔާން އިއްވަން މަސައްކަތްކޮށްފައެވެ. އެ ގޮތުން 10 ގަޑިއިރު ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވުމުން އެންމެ ފަހުން ބާޣީ ރައީސަށް ޖެހުނީ ރިޔާސީ ބަޔާން ހިފައިގެން ގެއަށްދާށެވެ.