ބަޣާވާތަކުން ވެރިކަން ފިރުކާލީ އަޅުގަނޑު އައްޑޫ ސިޓީ ތަރައްޤީކުރަން އުޅުނީތީ – ރައީސް ނަޝީދު

އިދިކޮޅު ސިޔާސީ ފަރާތްތަކުން ބަޣާވާތްކޮށް ދިވެހި ރާއްޖޭގެ ޤާނޫނީ ވެރިކަން ފިރުކާލީ އައްޑޫ ސިޓީގެ ތަރައްޤީއަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާތީ ކަމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރުފަހު ނަސަންދުރާގައި ބޭއްވި އެމްޑީޕީ އައްޑޫ ދާއިރާތަކުގެ އިސް މަންދޫބުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އައްޑޫ ތަރައްޤީ ކުރަން މައުމޫނުގެ ސަރުކާރުން މަސައްކަތްކުރި ނަމަ އައްޑޫ ތަރައްގީ ކުރެވުނީސް ކަމަށާއި، އެހެން ނަމަވެސް އެ ސަރުކާރުން އައްޑޫއާ މެދު އިހުމާލުވެފައިވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް އެމްޑީޕީ ސަރުކާރުން ފަށާފައިވާ ހުރިހާ މަސައްކަތެއް މި ބާޣީ ސަރުކާރުން ހުއްޓުވަމުންދާ ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އައްޑޫ ސިޓީއާއި މާލެ ސިޓީ އަދި މުޅި ދިވެހިރާއްޖޭގައި ވެސް ކުރަމުން މިދާ މަސައްކަތަކީ އަވަސް އިންތިޚާބެއް ހޯދުމުގެ މަސައްކަތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ބަޣާވާތުގެ ކަންކަން ފުރިހަމައަށް ތަޙްގީގުކޮށް ނިންމައި، އިންސާފުވެރި ޝަރީޢަތެއް ގާއިމްކުރެވިގެން ނޫނީ މި ގައުމަށް ހަމަޖެހުމެއް ނުލިބޭނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އަވަސް އިންތިޚާބެއް ހޯދުމަށް އެމްޑީޕީން ކުރާ މަސައްކަތުގައި މާލެ ސިޓީއެކޭ އެއްފަދައިން އައްޑޫ ސިޓީގައި ވެސް ޑޯރޓުޑޯ ޖެއްސުމުގައި ބައިވެރިވެވަޑައިގަންނަވާނޭ ކަމަށް ވެސް ރައީސް ނަޝީދު މިއަދުގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި އެމްޑީޕީގެ ސަރުކާރުން ރާވައި، އަދި ހިންގަން ފަށާފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ ތެރޭގައި އައްޑޫ ސިޓީގެ މަގުހެދުމުގެ މަސައްކަތާއި، ހުޅުމީދޫ އަވަށާއި، ހިތަދޫ އަވަށާއި، ސަރަހައްދީ ބަނދަރު ހެދުމުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫޢާއި، ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަޝްރޫޢާއި، އެއަރޕޯރޓް ރަންވޭ އެކްސްޓެންޝަން ޕްރޮޖެކްޓްގެ މަސައްކަތާއި، ސީޕްލޭން ބޭސް އެއް ހެދުމުގެ މަސައްކަތް ފަދަ ބިޔަ މަޝްރޫޢުތައް ހިމެނެއެވެ. އެހެން ނަމަވެސް މި މަޝްރޫޢުތައް ވަނީ ބާޣީ ސަރުކާރު އައުމާއެކު ހުއްޓުމަކަށް އައިސްފައެވެ.

މީގެ އިތުރުން ވެސް، ބަޖެޓްގެ ބޭރުން ސިފައިންނާއި ފުލުހުންނަށް 400 މިލިއަން ރުފިޔާ ބާޣީ ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެ ފައިށާގެ ތެރޭގައި އައްޑޫ ސިޓީގެ ތަރައްގީއަށް ބަޖެޓުގައި ހުރި ފައިސާ ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“މިދިޔަ ދެ މަސްދުވަހުތެރޭ ސިފައިންނާއި ފުލުހުންނަށް ބަޖެޓުގެ އިތުރުން 400 މިލިއަން ރުފިޔާ ޚަރަދުވެފައިވާނެކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާކަމެއް ނޫން. އެއީ އާސަންދައިގެ ދެބައިކުޅަ އެއްބައި، އައްޑޫ ތަރައްގީގެ ދެބައިކުޅަ އެއްބައި.” ރައީސް ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރަޓިކް އުސޫލެއްގެ ތެރެއިން ވިސްނާފައި ތަރައްގީ ކުރާން ހުރި ކަންތައްތަކެއް ޚުދުމުޚްތާރު ވެރިކަމެއްގެ ތެރެއިން ކުރެވިދާނެ ކަމަށް ނިންމުމަކީ ވަރަށް “ފެންނުހިފޭ ވިސްނުމެއް” ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ ޢާއި އައްޑޫ ސިޓީގެ ބައެއް މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީން އައްޑޫ ސިޓީގައި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމާ ބެހޭ ގޮތުން ވެސް ފުޅާ ދާއިރާ އެއްގައި މަޝްވަރާކުރެވުނެވެ.