އެމްޑީޕީން ރޭ މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވަގުތެއްގައި ސުލްޙަވެރި އިޙްތިޖާޖުތަކެއްކޮށްފި

ބާޣީ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ރޭ މާލޭގެ ތަފާތު އެކި ސަރަހައްދުތަކުގައި ސުލްހަވެރި އިޙްތިޖާޖުތަކެއް ކޮށްފިއެވެ.

ރޭ އެއްވަގުތެއްގައި އެމްޑީޕީން ބޭއްވި އިޙްތިޖާޖުތަކުގެ ތެރެއިން އެންމެ ފޯރިގަދަ އިޙްތިޖާޖުތައް ބާއްވާފައިވަނީ ބާޣީ ނާޒިމްގެ ގެ ކައިރީގަޔާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ގެކޮޅު ކައިރީގަޔާއި، މާލެ ސިޓީ ކައުންސިލް ހިންގާ ކުރީގެ ކުތުބުޚާނާ ކުރިމަތީގައެވެ.

މި ސަރަޙައްދުތަކުގައި ބޭއްވި އިޙްތިޖާޖުތަކުގައި ގިނަ ޢަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ބައިވެރިވެ، ބާޣީ ވަޙީދުގެ އިސްތިއުފާއަށާއި، ބާޣީ ކެބިނެޓްގެ އިސްތިޢުފާއަށާއި، އަނިޔާކުރުން ހުއްޓާލުމަށާއި، މަޖިލިސް ތަޣައްޔަރުކުރުމަށް ބާޣީ ރައީސް މަޖިލީހަށް ނުވެއްދުމަށް ގޮވާލައި ޝުޢޫރުފާޅުކުރަމުން ދިޔައެވެ.

ބާޣީ ނާޒިމްގެ ގެ މ.ސީނު ކަރަންކާގެ ކައިރިއަށް އެއްވި މީހުން ގޮވަމުން ދިޔައީ އެއްވެސް ޝަރުތަކާއި ނުލާ ބާޣީ ނާޒިމް މަގާމުން އިސްތިއުފާ ދިނުމަށެވެ. އަދި “ފިނޑިވެ، ފިލާ ނޯވެ” އެމްޑީޕީ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދާރީ ވުމަށް ނިކުމެ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރުމަށް ވެސް ގޮވަމުން ދިޔައެވެ. ނަމަވެސް ބާޣީ ނާޒިމް އަކަށް އެމްޑީޕީ ސަޕޯޓަރުންގެ ތެރެއަށް ނިކުންނާކަށް ނުކެރުނެވެ.

އެމްޑީޕީން ރޭ ވަނީ ބަޣާވާތް ރޭވުމުގެ އެންމެ އަޑީގައި ހުރި ކަމަށް އެމްޑީޕީން ތުހުމަތުކުރާ އެކަކު ކަމަށްވާ މުލަކު ދާއިރާގެ މެންބަރު އަދި ކުރީގެ ޚުދުމުޚްތާރުގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމްގެ ކޮއްކޮ،ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެ ކައިރިއަށް ވެސް އެއްވެފައެވެ.