މާފަރު ބައި އިލެކްޝަންގެ ހުރިހާ ކަމެއް ވެސް ގޮސްފައިވަނީ ވަރަށް އޮމާންކޮށް- އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ މުޤައްރިރު

އެމްޑީޕީގެ އިންސާފުގެ މައިދާނުގައި ރޭ ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިބްރާހީމް ވަޙީދު ވިދާޅުވީ އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ގޮސްފައިވަނީ އެމްޑީޕީން ބޭނުންވާ ގޮތަށް ވަރަށް ސުލްޙަވެރިކަމާ އެކު ކަމަށެވެ. އަދި ބާޣީ ސަރުކާރުން ރާއްޖޭގައި އިލެކްޝަނެއް ބޭއްވޭ ފަދަ މާޙައުލެއްނެތް ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއްކަން އިއްޔެގެ އިންތިޚާބުން ސާބިތުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން މިއަދު މި ބައި އިލެކްޝަން ކާމިޔާބު ކުރުމުގެ އިތުރުން ފާހަގަކޮށްލަން ބޭނުން، މި ބައި އެލެކްޝަނުގެ ހުރިހާކަމެއްވެސް ގޮސްފައިވަނީ ވަރަށް އޮމާންކޮށް، އަޅުގަނޑުމެން މި ބޭނުންވާ ކަހަލަގޮތަކަށް މިހުރިހާ ކަމެއްވެސް ގޮސްފައިވަނީ.” އިބްރާހީމް ވަޙިދު ވިދާޅުވިއެވެ. ” އަޅުގަނޑުމެން ހަމަ މިއަދުވެސް ދަންނަވާލަން ބޭނުންވަނީ މި ސަރުކާރުން އެ ހާމަކުރަމުންގެންދާ، މިއީކީ އިލެކްޝަނެއް ބޭއްވިދާނެ މާހައުލެއް ނޫނޭ، އެއީ ކަނޑައެޅިގެން ދޮގެއް، މިއަދުވެސް ދިވެހި ރައްޔިތުން ވަނީ ސާބިތުކޮށްދީފަ، ދިވެހިރާއްޖޭގަ ސުލްހަވެރިކަމާއެކު އިލެކްޝަންސްތައް ބާއްވާ ކުރިއަށް ގެންދެވޭނެކަން”

ބާޣީ ސަރުކާރު އައުމަށްފަހު ބޭއްވި ފުރަތަމަ އިންތިޚާބު އެމްޑީޕީން ކާމިޔާބުކޮށްފައިވަނީ ބާޣީ ސަރުކާރު ހިމެނޭ އިއްތިޙާދުގެ ހުރިހާ ވެރިން އެ އިންތިޚާބު ޕީޕީއެމްއަށް ކާމިޔާބުކޮށްދިނުމަށް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށްކަން ފާހަގަ ކުރެވެއެވެ. އަދި މި އިންތިޚާބުގެ ނަތީޖާއިން ދައްކައިދެނީ މާފަރު ރައްޔިތުން ވެސް ބާޣީ ސަރުކާރަށް ނޫނެކޭ ބުނުން ކަމަށް އެމްޑީޕީން ބުނެއެވެ.