ދިވެހި ރައްޔިތުން އެމްޑީޕީއަށް ސަޕޯޓް ކުރަނީ އެ ޕާޓީގެ ސިޔާސަތުތައް ކަމުދާތީ – ރީކޯ މޫސަ

ދިވެހި ރައްޔިތުން އެމްޑީޕީއަށް ސަޕޯޓްކޮށް އެ ޕާޓީއަށް ވޯޓުދެނީ އެ ޕާޓީގެ ސިޔާސަތުތަކަށާއި، އެމްޑީޕީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެ ރައްޔިތުންގެ ފުރިހަމަ ތާޢީދު އޮންނާތީ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި މާފަރުގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކުރުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ހުންނަވައި ފޯނުން އެމްޑީޕީ ވެބްސައިޓަށް ދެއްވި ބަސްދީ ގަތުމެއްގައި މޫސަ ވިދާޅުވީ އެމްޑީޕީއަކީ މޮޅަށް، ދުރާލާ ރާވައިގެން ރައްޔިތުންގެ އަޑުއަހައިގެން ކެމްޕެއިން ކުރަން ދަންނަ ޕާޓީއެއް ކަމަށެވެ. އަދި ޑީއާރުޕީގެ މެންބަރަކު ކުރިން ފުރުއްވި ގޮނޑިއެއް އެމްޑީޕީއަށް ލިބުމުން ރަމްޒުކޮށްދެނީ އެމްޑީޕީގެ ސިޔާސަތުތަކާއި، އެމްޑީޕީގެ ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތައް މާފަރުގެ ރައްޔިތުން ވެސް ބަލައިގެންފައިވާ މިންވަރު ކަމަށް މޫސަ ވިދާޅުވިއެވެ.

” ދިވެހި ރައްޔިތުން މިއަދު އެމްޑީޕީއަށް ތާޢީދުކުރަމުން އެދަނީ، އަދި އެ ތާޢީދު އިތުރުވަމުން އެދަނީ އެ ރައްޔިތުން ބަޣާވާތްކުރުން ގަބޫލުނުކުރާތީ. ބަޣާވާތާ ދެކޮޅަށް ތިބީތީ. އަދި އެމްޑީޕީގެ ސިޔާސަތުތައް ކަމުދާތީ، އެމްޑީޕީގެ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ބަލައިގެންފައިވާތީ. އެމްޑީޕީ ސަރުކާރުން ދިވެހި ނިކަމެތި ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ދިން އެހީތަކަށް ޝުކުރުވެރިވާތީ. އާސަންދަ ތަޢާރަފްކޮށް ސަބްސިޑީ އާއި، އެކި އިނާޔަތް ދިނީތީ.” މޫސަ ވިދާޅުވިއެވެ. ” އިރާދަ ކުރެއްވިއްޔާ ކުރިޔަށް ހުރި ހުރިހާ އިންތިޚާބެއް ވެސް ކާމިޔާބުކުރާނީ އެމްޑީޕީ. ބަޣާވާތަށްފަހު އަދި ޚާއްސަކޮށް މި ބާޣީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ވަރަށް ގިނަ ބަޔަކު މި ބާޣީ ސަރުކާރު ގެންނަން މަސައްކަތްކުރި މީހުންގެ މަތިން ފޫހިވެއްޖެ.”

މީގެ އިތުރުން އެމްޑީޕީއަށް މާފަރު ގޮނޑި ކާމިޔާބު ކުރުމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރުން ފެށިގެން އާންމު މެންބަރުން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، އެ ފަރާތްތަކަށާއި، މާފަރުގެ ރައްޔިތުންނަށް މޫސަ ޝުކުރުއަދާ ކުރެއްވިއެވެ.