އަޅުގަނޑު ނުކުމެހުރެ މަޖިލިސް ޣައިރުގާނޫނީ ވިޔަ ނުދިނުމަށް ކުރެވެންހުރި ހުރިހާކަމެއްވެސް ކުރާނަން- ރައީސް ނަޝީދު

ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، ބޮޑެތި ބައެއް ވިޔަފާރިވެރިންގެ އެހީތެރިކަމާއި އެކު ސަލާމަތީ ބާރުތަކުން ހިންގި ބަޣާވާތާއި ގުޅިގެން އުފެދިފައިވާ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފެދިފައިވާއިރު، އެމްޑީޕީގެ އިންސާފުގެ މައިދާނުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބޮޑު ހައިޖާނުގަނޑަކަށް ނުވެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ނުވެ ނުދާނޭ ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ އަތްމަތިން ގެއްލިދާނެކަމަށާއި އެހެން އެކަން ވިޔަ ނުދިނުމަށް ސުލްހަވެރިކަމާއެކު އެޅެންހުރި ހުރިހާ ފިޔަވަޅެއް އެމަނިކުފާނު އަޅުއްވާނެ ކަމަށެވެ. އެގޮތުން ހޯމަދުވަހުގެ މުޒާހަރާތަކުގައި އެންމެ ކުރީސަފުގައި ނުކުމެވަޑައިގަންނަވާނެކަމަށް ވެސް ވިދާޅުވިއެވެ.

“އަޅުގަނޑު އިރާދަކުރެއްވިޔާ މުޒާހަރާއަށްވެސް އެދުވަހު ނުކުންނާނަން. އަޅުގަނޑު އެދުވަހު އެންމެ ކުރީގައި ހުންނާނަން. އެބޭފުޅުން ބަޑިޖައްސަވަންޏާ އަޅުގަނޑު ގަޔަށް ޖައްސަވާފައި އެކަން ކުރިއަށް ގެންދަވަންވީ. އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަން ބޭނުންފުޅުވަނީ އަޅުގަނޑު ނުކުމެހުރެ މަޖިލިސް ޣައިރުގާނޫނީ ވިޔަ ނުދިނުމަށް ކުރެވެންހުރި ހުރިހާކަމެއްވެސް ކުރާނެކަމަށް” ރައީސް ނަޝީދު ވިދާޅުވިއެވެ.

ބުރާސް ފަތި ދުވަހުގެ ރޭ އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވެސް ވިދާޅުވީ ބާޣީ ސަރުކާރުގެ އެންމެ އިސްވެރިޔާ ރައްޔިތުންގެ މަޖިލީހަށްވަދެ ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ދެވެން ނޯންނާނެކަމަށެވެ.

“ކިތަންމެވަރަށް ތިމަންނަ އެކަންކުރާނަމޭ، ވަންނާނަމޭ ބުންޏަސް އެކަމެއް ނުކުރެވޭނެ. އެއީކީ އޭނަ ފައިސާ ދީގެން ބަޣާވާތެއް ގެނެސް، ވެރިކަން ވައްޓާލިއިރު ވެރިވެގަތް މިގައުމުގެ އަސްކަރިއްޔާގެ މައި މަރުކަޒެއް ނޫން. އެއީ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާކުރާ މާލަން. އެތަނަށް ވަދެވޭނީ އަޅުގަނޑުމެން ވެއްދީމަ. އެބޭފުޅާއަށް އެފުރުސަތު ނުދޭނަން” ކަމަށް އީސަ ވިދާޅުވިއެވެ.