މިހާރުގެ ސަރުކާރަކީ ބާޣީ ސަރުކާރެއް ކަމަށް މާފަރު ރައްޔިތުން ބުނެފި- މަނަދޫ ޠޯރިޤް

ރާއްޖޭގައި މިހާރު ހިނގަމުން މިދާ ސަރުކާރަކީ ބާޣީ ސަރުކާރެއް ކަމަށް މާފަރު ރައްޔިތުން ބުނެފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠޯރިގް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މާފަރު ރަށު ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކުރުމާ ގުޅިގެން އެމްޑީޕީ ވެބްސައިޓުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޠޯރިގް ވިދާޅުވީ އެމްޑީޕީން ކެމްޕެއިން ކުރީ ވެސް މި ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއް ކަމަށާއި މި ސަރުކާރު ގަބޫލު ނުކުރާކަން ދެއްކޭނީ މި ވޯޓު އެމްޑީޕީއަށް ކާމިޔާބުކޮށްގެން ކަމަށެވެ.

” ބާޣީ ސަރުކާރަށް މާފަރު ރައްޔިތުން ނޫނެކޭ ބުނެފި. މިއަދު ނެގި ވޯޓުން އެކަން އެ ސާބިތުވީ. އަޅުގަނޑު މާފަރު ވެސް އެ ދާއިރާއެއްގައި ހިމެނޭ މަނަދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ހައިސިއްޔަތުން، މާފަރު ރައްޔިތުން ބާޣީ ސަރުކާރާ ދެކޮޅަށް އެމްޑީޕީއާ އެކު ތިބީތީ ވަރަށް އިޚްލާސްތެރިކަމާއެކު މާފަރު ރައްޔިތުންނަށް ޝުކުރު ދަންނަވަން.” ޠޯރިޤް ވިދާޅުވިއެވެ.

ޠޯރިޤް ވިދާޅުވީ އެމްޑީޕީން މާފަރު ކެމްޕެއިންގައި “ވިއްކި ހަމަ އެކަނި އެއްޗަކީ މިއީ ބާޣީ ސަރުކާރެއްކަން” ކަމަށެވެ.