މާފަރު ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކޮށްފި

މިއަދު ބޭއްވި ނ.މާފަރު ރަށު ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.

އެމްޑީޕީގެ މެންބަރު މާފަރު އާއިލާވެހި، އަބްދުލް މާޖިދު އަލީ 240 ވޯޓު ހޯއްދެވި އިރު އޭނާ އާއި އެންމެ ކައިރިން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އެ ރަށު ފީރޯޒުގޭ މުސްލިމް މުހައްމަދު 236 ވޯޓު ހޯއްދަވާފައިވެއެވެ.

މި އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރުމާ ގުޅިގެން މާފަރު ހިމެނޭ މަނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ތޯރިޤް ވަނީ މާފަރު ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމްޑީޕީން ވެސް ވަނީ މާފަރު ރައްޔިތުންނަށް ޝުކުރުއަދާ ކޮށްފައެވެ.

” މިބައި އިލެކްޝަންގައި އެމްޑީޕީކެންޑިޑޭޓަށް ވޯޓް ދެއްވި ފަރާތްތަކަށާއި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ހޯދުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތަތަށް ނުހަނު އިޚްލާސްތެރިކަމާއެކު އެމްޑީޕީގެ ނަމުގައި ޝުކުރު ދަންނަވަމެވެ.” މާފަރު ކައުންސިލްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބުކުރުމާ ގުޅިގެން އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ނެރުނު ކުރު ބަޔާނުގައި ވެއެވެ.

މާފަރު ކައުންސިލްގެ ބައި އިލެކްޝަނަށް ހުޅުވާލީ، އެ ކައުންސިލްގެ މެމްބަރަކަށް ހުންނެވި ޑީއާރުޕީގެ މެންބަރު، މއ. އަބާ އިބްރާހިމް މަނިކުގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވުމާ ގުޅިގެން ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

މާފަރު ކައުންސިލްގެ ކުރީގެ ރައީސް އަންވަރު ޢަބްދުލްޣަނީ އެމްޑީޕީގެ އަސާސީ ގަވައިދާއި، އެ ޕާޓީގެ އުސޫލުތަކާއި ސިޔާސަތުތަކާއި ޚިލާފަށް އަމަލުކުރަމުންދާތީ އޭނާ އެމްޑީޕީން ވަކިކުރުމާ ގުޅިގެން، އޭނާގެ ގޮނޑިވެސް ގެއްލިފައިވާތީ އެ ކައުންސިލުގެ އިތުރު ބައި އިލެކެޝަނެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.