ލިޔުނީ : ޙަމްދޫން ރަޝީދު / ގދ. ނަޑެއްލާ ( ނަޑެއްލާ އެމް.ޑީ.ޕީ މެދުމިން ގޮފީގެ ރައީސް )
30 އަހަރުވީ ސަރުކާރެއްގެ އަނިޔާވެރި ވަކިތަކުން ދިވެހިން މިންޖުވުމަށްޓަކައި މީގެ އަހަރުތަކެއް ކުރިން ދިވެހި އަބްތާލުން ތަކެއް ޑިމޮކްރަސީގެ ޖިހާދު ފެއްޓިއެވެ. ދިވެހިން މީގެ 3 އަހަރު ކުރިން 11 ނޮވެމްބަރ 2008 އިން 7 ފެބުރުއަރީ 2012 އަށް ދެކެމުން އައި ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތަށް މި ގައުމަށް ގެނައުމަށްޓަކައި އެތައްބަޔަކު ވަނީ ޖާނާ މާލުން ގުރުބާން ވެފައެވެ. ޖަލުގެ ތޭރި ތަކުގެ ޝިކާރައަކަށްވެ، އާއްމު ކެއުމަކީ ފުޅިތޮށި ކަމުގައިވެ، އަސޭމިރުސް ދުމާއި ކަރަންޓް މުގުރާއި ވަޔަށް ޖައްވަށް ޖެހި އުންޑަތަކާއިއެކު މި ގައުމުގެ ފަސްގަނޑުގެ ތެރެޔަށް ސަތަރިޔަށްލާ ބުޅާފަދައިން ވަޅުލި މި ގައުމުގެ ދަރިންވެސް ތިބިކަމީ މި ގައުމު ހެކިވާކަންކަމެވެ.
ދިވެހިން އިސްލާހަށް ނިކުންނަން ޖެހުނު މައިގަނޑު ސަބަބަކީ ލާއިންސާނީ އަނިޔާއެވެ. ވީނުވީއެއްނޭނގި ގުއަންޓަނާ މޯބޭ ޖަލުން މީހުން ގެއްލޭ އުސޫލުން ދިވެހި ޖަލުތަކުން މީހުން ގެއްލުމެވެ. ޒަމާންތަކަކަށް ފަހު މިނިކަށިތަކެއް ޖަލުތައް ހިމެނޭ ސަރަހައްދުތަކުން ފެނުމުން އެގެއްލުނު ދިވެހި ދަރިންތައްވީ ކޮންތާކު ކަން މިއަދު ރައްޔިތުނަށް ވަނީ ހާމަވެފައެވެ. މިކަންކަމުގެ އިތުރުން ދިވެހިންގެ ދިވެހި ވެރިކަން ހިސޯރު ކޮށް 30 އަހަރު ވެރިކަންކުރި މައުމޫން އަބްދުލް ޤައްޔޫމް ގެ ވެރިކަމުގައި މުޅިންވެސް އަޑުއިވެނީ ބަޖެޓްގެ ފޫގޮސްފައިވާ އަޑެވެ.
މީގެ 30 އެތައް އަހަރެއް ކުރިން މައުމޫނުގެ ވެރިކަމާއެކު އުފެދި އައި ބައެއް ވެރިކަންތަކަށް ބަލާއިރު މިސްރު ، ތައިލޭންޑްގެ ވެރިރަށް ބެންކޮކް ފަދަ ކުރި އަރާފައިވާ ގައުމުތައް ފާހަގަ ކޮށްލެވެއެވެ. އެ އިޤްތިސޯދުތަކަކީ ވެސް މީގެ 30 އަހަރު ކުރިން އެހާ ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާ އިޤްތިސޯދުތަކެއް ނޫނެވެ. ނަމަވެސް މައުމޫންގެ ވެރިކަމުގެ އުފެދުމާއި ހަމައިން މި ގައުމުތަކުގެ ވެސް ވެރިކަން ބަދަލުވެ ޤައުމުތައް ކުރިއަރާ ދިޔައެވެ. އެކި ޤައުމުތައް ކުރިއަރާ ދިޔައީ އެކި ވަސީލަތްތަކުގެ އެހީގައެވެ.
ދިވެހިނަށް ލިބިފައިވާ އެންމެ ބޮޑު ވަސީލަތަކީ މަސްވެރިމާއި ޓުއަރިޒަމް އެވެ. މި 2 ސިނާއަތުންނާއި އެހެނިހެން މަސައްކަތްތެރިކަމުން ދުވާލެއްގެ މައްޗަށް އެތައް ނަފާއެއް ދިވެހި ދައުލަތަށް ވަނަމުން ދިޔަކަމީ ދިވެހި ތަރީޚް ހެކިވާ ކަމެކެވެ. އެގޮތުން ބޮލެއްގެ މައްޗަށް ޖީޑީޕީގެ ގޮތުގައި 2003 ވަނަ އަހަރު 950 ޑޮލަރު ، 2004 ވަނަ އަހަރު 1068 ޑޮލަރު 2005 ވަނަ އަހަރު 976 ޑޮލަރު ، 2006 ވަނ އަހަރު 1167 ޑޮލަރު ، 2007 ވަނ އަހަރު 1290 ޑޮލަރު 2008 ވަނަ އަހަރު 1447 ޑޮލަރު ދިވެހި ކޮންމެ ބޮލަކަށް ލިބިފައިވާ އިރު މީގެ ކުރީގެ ތަފާސް ހިސާބު ތަކުން މިއަދަދު އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ. ސުވާލަކީ މި ފައިސާއިން ދިވެހި ޤައުމުގެ ކުރިއެރުމަށް ކުރެވުނީ ކޮންކަމެއް ބާވައެވެ. ދިވެހިންނަށް ލިބިދެވެންޖެހޭ އަސާސީ ހައްގުތަށް ކަމުގައިވާ ފެނާއި ނަރުދަމާ އަދި ބޯހިޔާވަހިކަން ފަދަ ކަންކަން 30 އަހަރު ވީ އިރު ދިވެހިންނަށް ފޯރުކޮށްދެވިފައި ނުވާކަމީ ދިވެހިން އިސްލާހަށް ނުކުންނަން ޖެހުނު ސަބަބެވެ. 30 އަހަރުވީ އިރު ދިވެހި ދައުލަތުން ރައްޔިތުން އޭރު ކުރަމުންދިޔަ ޝަކުވާތަކަށް ދީފައިވާ ޖަވާބަކީ ދަލަތުގެ މާލިއްޔަތުގައި އެ ކުޅަދާނަކަން ލިބިފައި ނެތްކަމެވެ. ނަމަވެސް އެ ދުވަސްވަރަކީ ދުނިޔޭގެ އިޤްތިސާދުގެ ރަންދުވަސްވަރެވެ. އެމެރިކާ އިންޑިޔާގެ އިޤްތިސާދު ފުރިބާރުވެފައިވާ ދުވަސްވަރެއެވެ. އައި.އެމް.އެފް، ވޯލްޑް ބޭންކް، ފަދަ ތަންތަނުގެ ލޯން އެހީ އާއި ޤައުމުތަކުގެ ހިލޭއެހީ އެކަމަށް އެދޭ ޤައުމުތަކަށް ހިފެހެއްޓުމެއް ނެތި އޮހޮރެމުން ދިޔަ ދުވަސްވަރެކެވެ. އޭރުގެ 30 އަހަރުވީ ސަރުކާރުން ޤައުމުގެ ތަރައްޤިއާއި މެދު ޣާފިލްވެ ތިބެ އަމިއްލަ ފާއިދާ އަށާއި ޝަހުސިއްޔަތުގެ ވަރުގަދަކަންދައްކައި ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޮޑު ގަނޑުވަރު ހަދައި ސައިމާ، މޫނިމާ ، ހުވަދުމާ، ފިނިފެންމާ، ހުރިހާ މަލަކުން ލޯންޗް ތަކުގެ ނަންތައް ހަމަކޮށް ބުލެޓް ޕްރޫފް ކާރުކޮޅުތަކައި ބޮޑެތި ކޮޅުވެއްޓިތަކާއި ޔޮޓްތައް ގަންނަމުން ދިޔައިރު ދުނިޔޭގެ މަޝްހޫރު މަހުޖަނުންނަށް ނުގަނެވިފައިވާ ބޮޑެތި އަރުމާޒުތައް ދިވެހި ސަރުކާރުން ގަންނަމުން ދިޔަކަމީ ދިވެހި އިގްތިސާދުގެ ތަނަވަސް ކަން ދަކުވައިދޭ ކަންކަމެވެ.
ނަމަވެސް މި ދެންނެވި 30 އަހަރުގައި ރައްޔިތުނަށް އަސާސީ ހިދުމަތް ފޯރު ކޮށްދިނުމަށް އެދި ރައްޔިތުން އާދޭސް ކޮށްފި ނަމަ ޝަކުވާއަކީ ދައުލަތުގެ ބަޖެޓުގައި ފައިސާއެއް ނެތެވެ. ރައްޔިތުން މާޔޫސްވެ ކަންބޮޑުވެފައިވާއިރު 2008 ވަނަ އަހަރާއި ހަމަޔަށްވެސް ސިއްހީ ހިދުމަތުން މަހުރޫމް ވެފައިވި އެތައް ރަށްތަކެއް ދިވެހި މުތީއެއްފަދަ ހާރުގެ ތެރޭގައިވާ ކަމީ ހިތާމަކުރާ ކަމެކެވެ.
ކޮންމެ ރިޔާސީ އިންތިހާބަކާއި ދިމާކޮށް ފަޅުތެރޭގައި ކަޑަޖަހާ އެތައް އިމާރާތެއްގެ ބިންގާ އަޅައެވެ. ނަމަވެސް މޮޅުކަމަކީ ކުރިން ފަހަރު އިންތިހާބާއި ދިމާކޮށް ބިންގާއެޅި އިމާރާތް ދެން ޖެހިގެން އަންނަ އިންތިހާބާއި ދިމާކޮށްވެސް ހަމަ އެހެންބިމެއްގައި ބިންގާއަޅާފައި ވާކަމެވެ. މިއީ ތާރީހުގެ ފަތްފުތްތަކުގެ ތަރުތީބެވެ. ފުރަތަމަ އިންތިހާބާއި ދިމާކޮށް ކަޑަޖަހާ ބަނދަރުގައި ދެވަނަ އިންތިހާބާއި ދިމާކޮށް ކަޑަޖަހާކަމީ ދިވެހިން ދަންނަ ހަޤީގަތެކެވެ. އަދި ކަޑަޖެހުމަށްފަ އެކަޑަތައް ފީވެ ގޮސްފައިވާ ކަމީ ދިވެހިން ދަންނަ ހަޤީގަތެކެވެ.
މި އީ މާޒީއެވެ. ދިވެހިން މާޔޫސް ކޮށްލި ވެރިކަމެވެ. ދިވެހިން ބިރުފަހަނަޅައި އިސްލާހަށް ނިކުމެ އަސޭމިރުސްދުމާއި، ކަރަންޓް މުގުރާއި ކުރިމަތި ލީ މި ސަބަބު ތަކާއި ލައިގެންނެވެ. ދިވެހިން ކުރި މި ޖިހާދަށް ހިތްވަރުދީ ދިވެންގެ ޑިމޮކްރަސީގެ ދަރުރުގެ ކުޅަދާނަ މާލިމީ އަކީ ގ.ކެނަރީގެ މުޙައްމަދު ނަޝީދެވެ. ނުވަތަ އޭޝިޔާގެ ނެލްސަން މަންޑޭލާއެވެ.
ކޮންމެ އަކަސް އިސްލާހަށް ކުރި މަސައްކަތުން ދިވެހި އެތަކެއް ދަރީނަކަށް އެތަކެއް އަނިޔާތަކެއް މައުމޫން އަބްދުލް ގައްޔޫމް ކުރަމުން ދިޔައެވެ. ނަމަވެސް ހިތްވަރާއެކު ކުރި މަސައްކަތުން މި އަދު މިވަނީ އެ އެނިޔާވެރި ސަރުކާރު ނިމުމަކަށް ގެނެސްފައެވެ. 11 ނޮވެމްބަރ 2011 ވީ އަންގާރަ ދުވަހަކީ ދިވެހިންގެ ހިތަށް އާރޯކަމާއި ހިންހަމަޖެހުން ގެނެސްދިން ދުވަހެކެވެ. ވޯޓްލައި ނިމި ނަތީޖާ އިއުލާންކުރި ދުވަހުގެ ފަތިސް ނަމާދު ފަހުގައި ޝުކުރުގެ ސަޖިދަޔެއް ޖެހިއެވެ. އަނެއް ދިވެހި ރާއްޖެ އަށް އިރު އެރި މަންޒަރު ދިވެހިން ބެލީ އުފާ ފާގަތި ކަމާއެކުގައެވެ.
އެމް.ޑީ.ޕީ އިން ތެދުވީ ރައްޔިތުނަށް ހިދުމަތް ކުރާށެވެ. ރައްޔިތުނަށް ބޯހިޔާވަހިކަމާއި، ބޭސް ފަރުވާ ޔަށް ސަލާންޖެހުން ނައްތާލުމާއި، ޑްރަގުގެ ވަބާ ފޮހެލުމާއި، ތަކެތީގެ އަގު އަތް ފޯރާއަގުގައި ފޯރުކޮށްދިނުމާއި، ދަތުރުފަތުރުން ރާއްޖޭގެ ރައްތަށް ގުޅާލުމުގެ ވައުދު ތަކާއި އެކުގައެވެ. އޭޝިޔާގެ ނެލްސަން މަންޑޭލާ ކަމަށް ސައުތު އޭޝިޔާގެ ގިނަބަޔަކު ގަބޫލް ކުރާ ދިވެހި ރާއްޖޭގެ މަލްޓި ޕާޓީ އިލެކްޝަން ކާމިޔާބުކުރެއްވި ފުރަތަމަ ރައީސް މުހައްމަދު ނަޝީދު މި ދެންނެވުނު ވައުދުތަކާއި އެކު ރައްޔިތުންގެ ހިދުމަތަށް ނިކުންނެވީ ފިސާރި ހިތްވަރާއެކު ގައެވެ. ވަރުބަލި ކަމެއް ނެތި ޗުއްޓީތަކާއި އާއިލީ އުފާތަކުން އެއްކިބާ ވެވަޑައިގެން 03 އަހަރާއި 03 މަހާއި 28 ދުވަހުގެ ތެރޭގައި އެމަނިކުފާނު ވެވަޑައިގަތް 5 ވައުދު ދިވެހި ރައްޔިތުނަށް ފުއްދަވައިދެއްވިއެވެ. އޭގެ ފޮނިމީރުކަން ދިވެހިން މިއަދު ދަނީ ލިބިގަންނަމުންނެވެ. ރަށުބަންދުން ވީއްލައި -/20 އަށް މިއަދު ކަނޑު ދަތުރު ކުރެވެއެވެ. 2012 ވަނަ އަހަރު ފެށިފައިވަނީ ޑިޔުޓީ ފްރީ މުދަލާއި އެކުގައެވެ. ތަކެތީގެ އަގު ތިރިވަމުންނެވެ. 03 އަހަރާއި 03 މަހާއި 28 ދުވަހުގެ ތެރޭގައި ވަނީ ޑްރަގުގެ އެތައް ހާއްޔެއްގައި ފޮރުވިފައިތިބި އެތައް ބަޔަކު ހިފާ ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ހުށަހަޅާފައެވެ. ބޭސްފަރުވާއަށް ސަލާން ޖަހަމުން ދިޔަ ސަގާފަތް ނައްތާލާ އަބުރުވެރި ގަދަރުވެރި ދިރިއުޅުމެއް 01 ޖެނުއަރީ 2012 ގައި ވަނީ ދިވެހި ރައްޔިތުންގެ ހެލްތް އިންޝިއުރެންސް ނިޒާމު ” އާސަންދަ ” އިގެ ދަށުން ދިވެހި ކޮންމެ ރައްޔިތަކަށްމެ ހޯދައި ދެވިފައެވެ. ދިވެހި ރައްޔިތުނަށްޓަކާ އެމް.ޑީ.ޕީ އިން އަޅައިދިނުމަށް ވައުދުވީ 10000 ހައުސިން ޔުނިޓުގެ ތެރެއިން 8000 ހައުސިން ޔުނިޓުގެ ބިންގާ ވަނީ އެޅިފައެވެ. އަނެއް 2000 ހައުސިން ޔުނިޓުގެ ކޮންޓްރެކްޓްގައި ވަނީ ސޮއި ކުރެވިފައެވެ. ބަޖެޓް ނެތް ވާހަކަޔެއް އެންމެ ފަހަރަކުވެސް ރަޢީސް ނަޝީދު ވިދާޅެއް ނުވެއެވެ. އަވަދި ނެތިއުޅުއްވީ ރައްޔިތުނަށް ތަނަވަސް ދިރިއުޅުމެއް ހޯދަވައިދެއްވާށެވެ. އެތަކެއް ބަނދަރުތަކެއް ވަނީ ހައްދަވާފައެވެ. އެއަރޕޯޓް ތަކެއް ވަނީ ހައްދަވާ ފައެވެ. އަނެއްބައި އެއަރޕޯޓްތަކުގެ އަމަލީ މަސައްކަތް ކުރިޔަށްދަނީ އެވެ. ސާފު ބޯފެން ފޯރުކޮށްދިނުމަށް ވަނީ އެތަށްރަށެއްގައި ފެށިފައެވެ. ނަރުދަމާ ވަނީ ބަޔެއް ރަށްރަށުގައި އެޅިފައެވެ. އަނެއްބައި ރަށްރަށުގައި މަަސައްކަތް ދަނީ ކުރިއަށެވެ. އަނެއް ރަށްތަކުގައި އެއްބަސްވުން ތަކުގައި ވަނީ ސޮއި ކުރެވިފައެވެ. ބަޔެއް ރަށްތަކުގެ މަގުހެދުން ދަނީ ކުރިއަށެވެ. އަނެއްބައި ރަށްތަކުގެ އެއްބަސް ވުން ތަކުގައި ވަނީ ސޮއި ކުރެވިފައެވެ.
މިއީ 30 އަހަރާ ނުބައްދަލު ތަރައްޤީއެވެ. މި ކަންކަމުގެ ސަބަބުން ސީދާ ރައްޔިތު މީހާއަށް މި ކަމުގެ ފައިދާ ދަނީ ލިބެމުންނެވެ. ރަޢީސް ނަޝިދުގެ ވެރިން ބަލައިގަންނަނީ ހަމައެކަނި ދިވެހި ރައްޔިތުންނެއް ނޫނެވެ. މުޅިދުނިޔެ އެމަނިކުފާނަށްޓަކައި ފަހުރުވެރިވެއެވެ. ރައީސް ނަޝިދު ތިމާވެށިގެ ދާއިރާއިން ކުރެއްވި މަސައްކަތް ތަކަކީ ދުނިޔެ އެކަމަށް ފަހުރުވެރިވާ މަސައްކަތް ތަކެކެވެ. އެމަސައްކަތް ތަކުގެ އަގުވަޒަންކޮށް މި ކުރު މުއްދަތުގެ ތެރޭގައި އިންޓަރ ނޭޝަނަލް ޖަމާއަތަކާއި ޤައުމު ތަކުން ވަނީ ގިނަ ގުނަ އެވޯޑް ތަކެއް ރަޢީސް ނަޝީދަށް އަރުވާފައެވެ. ނަމަވެސް މި ކަންކަމަކީ ސިޔާސީ ގޮތުން ކުފޫހަމަނުވާ ބަޔެއް ސިޔާސީ ލީޑަރުންނަށް ބަލައިގަންނަން އުދަގޫވި ކަންކަމެވެ. ނަތީޖާއަކަށްވީ ސިޔާސީ ލީޑަރުން ރަޢީސް ނަޝިދުގެ އިޙްލާސް ތެރިކަންފެނި ރައްޔިތުން އެމަނިކުފާނުގެ އިހްލާސްތެރި ހިދުމަތް ބަލައިގަތް މިންވަރުފެނި އެކަމާ ކެތް ނުކުރެވިގެން ހުދު އެމް.ޑީ.ޕީ ގެ ލޯގޯގައި ނިކުންނަވައި ރަޢީސުލް ޖުމްހޫރިއްޔާގެ ނާއިބް ގެ މަޤާމަށް ވަޑައިގެންނެވި ޑރ. ވަޙީދު ( ބާޢީ ވަހީދު ) އަދި ކުރީގެ 30 އަހަރުގަ މި ގައުމަށް ގައްދާރުވި ކުރީގެ ރައީސް މައޫން އަޑީގައި ހުންނަވައި ދިވެހި ވެރިކަމާއި ތޮޅި ޤާނޫނީ ވެރިކަން ވައްޓާލުމުގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ޤައުމަށް ޤައްދާރުވީ މަދު ބަޔެއްގެ އެހީ ހޯދައި ޤާނޫންތަކާއި ގަވާއިދުތައް މުގުރާލައި ސިޔާސީ ލީޑަރުންނާއި މަދަނީ އިއްތިހާދުގެ ނަމުގައި ނުއުފަންނަ ޖަމްއިޔާއެއްގެ ހިމާޔަތުގައި އުޅޭ 2 މީހެއްގެ މަދަދާއިއެކު މަޝްހޫރު ވިޔަފާރި ވެރިޔާ އަދި ވިލާގުރޫޕްގެ ޗެއަރމަން މަހުޖަނު ޤާސިމް އިބްރާހިމްގެ އެހީއާއި ވާގި ހޯދައި ދިވެހި ވެރިކަން ވަނީ 07 ފެބުރުއަރީ 2012 ގައި ފޭރިގެންފައެވެ. ޤާނޫން އަސާސީގެ ރޫހާއި ހިލާފަށް ގައުމުގެ ވެރިކަން ފޭރިގަނެ. މި މީހުން މިވަނީ ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ރައްޔިތުންގެ ބަހެއް ނެތި ގަނެފައެވެ.
07 ފެބުރުއަރީ 2012 ގައި ގައުމަށް ވެރިވެގަތް ބާޢީން މިވަނީ ޤައުމަށް ގައްދާރުވެފައެވެ. ސަރުކާރައި ދެކޮޅަށް އަޑު އުފުލާ ކޮންމެ މީހަކަށް ލާއިންސާނީ އަނިޔާތަށް ކުރަމުން ދާއިރު ސުލްހަވެރި މުޒާހަރާތަކުގައި ރައްޔިތުނަށް ބޮނޑެތި އަނިޔާތަށް ދަނީ ކުރަމުންނެވެ. ބަޔެއް މުވާތިނުން އެ މީހުންނަށް ކުރި އަނިޔާ ތަކާއެކު މި ފަނާވަނިވި ދުނިޔެ ދޫކޮށްފައިވާ އިރު ޤައުމުގެ ޒުވާން ޖީލު ބިނާ ކުރައްވާ މުދައްރިސުނަށް ދަނީ ބިރުދައްކަމުންނެވެ. ދިވެހި ގެތަކުގެ އޮޅިގަޑު ކަމުގައިވާ ދިވެހި އަންހެނުންނަށް ދަނީ ބޮނޑެތި އަނިޔާތަށް ކުރަމުންނެވެ. އެކަންބަލުންގެ ޖިންސީ ގުނަންތަކަށް އެއްވެސް ރަހުމެއްނެރި ފުލުހުންނާއި ސިފައިން އަނިޔާ ކުރަމުންދާކަމަށް އެކަނބަލުން ބުނަމުންދާއިރު ނާޒުކު ގުނަވަންތަކުގައި ފުލުހުންނާއި ސިފައިނުން ހިފަމުން ދާކަމީ ރޯމާ ދުވާލު މި ޤައުމުގެ މަގުތަކުގައި ފާހިޝް ކަންކަން އާއްމުވެ އިސްލާމްދީނުގެ ހިމާޔަތުގައި ނިކުތް މީހުންގެ މަގުސަދު ހާމަވަމުންދާ ކަމެކެވެ. ޤައުމުގައި ލާއިންސާނީ އަނިޔާ އާއްމުވެ ގަދަބާރުން ވެރިކަން ކުރުމުގެ ސިޔާސަތު ގާއިމްވެ، އަރާކޮންމެ ރަށަކަން 200، 300 ސިފައިން ގޮވައިގެން ފުރިހަމަ ހަތިޔާރާއި އެކު ރައްޔިތުނާއި ދެކޮޅަށް ވެރިކަން ކުރަމުންދާއިރު ގަދަބަސް ބުނަމުން ދާކަމީ މިއަދު ދުނިޔެ ދަންނަ ހަޤީގަތެކެވެ.
%95 ތާޢީދު އޮތްކަމަށް ބުނަމުންދާއިރު އިންތިހާބަކަށް އެހާމެ ބިރުގަނެއެވެ. ކަންމިހެން ހުރިއިރު ރައްޔިތުން ގަބޫލް ކުރާގޮތުގައި ސަރުކާރަކަށް ވިޔަސް ދައުލަތަކަށްވިޔަސް ވެރިކަން ކުރަން ޖެހޭނީ ރައްޔިތުންގެ ހެވާއި ލާބައަށެވެ. ކުރިއެރުމާއި ތަމަދުން އަށެވެ. ނަމަވެސް މިއަދު ޤައުމަށް ގައްދާރު ވުމަށްފަހު ރައްޔިތުނަށް ގައްދާރު ވީތީ ހިތާމަކުރާ ރައްޔިތުންގެ އަދަދު %95 އަރާނެއެވެ. މިއަދު ދިވެންނަށް އަޑުއިވެމުން މިދަނީ 03 އަހަރާއި 03 މަހާއި 28 ދުވަހު ވެރިކަންކޮށް ދިވެހި ރައްޔިތުންގެ ހެވާލާބަޔަށް ހިދުމަތް ތަކެއް ކޮށްދެއްވި ރަޢީސް ނަޝީދުގެ ސަރުކާރުން ފޯރުކޯށްދެމުންދިޔަ ހިދުމަތްތަށް ހިންގެން ނެތް ވާހަކައެވެ. އާސަންދަ ހިންގެން ނެތް ވާހަކައެވެ. ތަދުރު ފަތުރުގެ ނިޒާމް ހިންގެން ނެތް ވާހަކައެވެ. ބޯހިޔާވަހިކަމަށް އަޅަމުންދިޔަ ހައުސިން ޔުނިޓް ތަަކައި ފްލެޓް ތަކާއި ރޯހައުސް ތަކުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ގާބިލް ކަމެއް ބަޖެޓްގައި ނެތް ވާހަކައެވެ. ނަމަވެސް މިއަދު ފެންނަމުން ދާ މަންޒަރަކީ -/000،25 މުސާރައާއި -/000،15 އިނާޔަތާއި އެކު ދުވާލަކަށް 20 ، 30 ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓި މިސްޓަރުން އައްޔަން ކުރާތަނެވެ. އަދި ރައްޔިތުންގެ ނުރުހުމާއި ޝަކުވާ ލިބެންދާއިރުވެސް ރައްޖޭގެ ރަށްތަކަށް ބޮޑުހަރަދު ކޮށް ދަތުރު ކުރަމުން ދާއިރު އަރިހުގައި 200، 300 ސިފައިންނާ އެކު ދަތުރުކުރައްވާއިރު އެ ބޭފުޅުންގެ ކެއުމާއި ހުރުން އަދި ދަތުރު ހަރަދު ބައްލަވާށެވެ. މިއީ ފޫގޮސްފައިވާ ސަރުކާރުގެ ބޭކާރު ހަރަދު ތަކެވެ. ދުވާލެއްގެ މައްޗަށް ހަރަދުވާ ޓިޔަގޭސް ، ކަރަންޓް މުގުރު ، ޕެޕަރ ސްޕްރޭ، އަދި އެ ބޭނުން ކުރުމަށް ތެޅިބާލާ ސިފައިންނައި ފުލުހުންގެ އިތުރުގަޑީގެ ފައިސާ ކޮބާ ބާވައެވެ. ޖުމްލަ އަދަދު ބާޣީ ވަހީދާއި އޭނަގެ ފެންފުވައް މިނިސްޓަރުންނަށް ހަމަ ރަނގަޅަށް އިނގޭނެއެވެ. މި ގައުމަށް ޓުއަރިޒަމްގެ ގޮތުގައި ދުވާލެއްގެ މައްޗަށް ވަންނަ ފައިސާ އާއި ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އާއި މަސްފެކްޓްރީތަކަށް ލިބޭ އާމްދަނީ ކޮބާ ބާވައެވެ. 2009 ވަނަ އަހަރު 1379 ޑޮލަރު ޖީ.ޑީ.ޕީ ގެ ގޮތުގައި ލިބިފައިވާއިރު 2010 ވަނަ އަހަރު 1458 ޑޮލަރު އަދި 2011 ވަނަ އަހަރު 1567 ޑޮލަރު ޖީޑީޕީ ގެ ގޮތުގައި ލިބިފައި ވެއެވެ. އެހެންކަމުން ރައްޔިތުނަށް މި ހިދުމަތް ތަށް ދިނުމަށް އުޒުރުވެރިވާ ސަބަބަކީ ކޮބާބާވައެވެ. މަތީގައި ދެންނެވުނީ ހަތްތަހާވެސް ބޭކާރު ހަރަދު ތަކެވެ. މަތިބަރު ނުވާނޭ ކަމަށް ބުނެ އެހެން މީނުންނަށް ފާޑު ވިދާޅުވަމުން ވެރިކަން ފޭރިގަތް ބާޣިންގެ ސަރުކާރުގެ މަތިބަރުވާއިރު ބުރަދަނެއް ހުރި އެކަކުވެސްނެތެވެ. ގިނައީ އޯލެވް ފެންވަރުގެ ވަޒީރުންނެވެ. މި މީސް މީހުންނަށް ޤައުމު ހިންގޭނެ ކަމައި މެދު ސުވާލު އުފެދެއެވެ. މީގެއިން ކޮންމެ ފެންފުވަށް ވަޒީރަކަށް މަހެއްގެ މައްޗަށް -/000،40 ދިވެހި ރުފިޔާ ހަރަދު ވާއިރު ދިވެހި ރައްޔިތުންގެ ބޭސް ފަރުވާގެ ނިޒާމް ” އާސަންދަ ” އުވާލީމަ ދިވެހިންގެ ހާލަތަކީ ކޮބާ ބާވައެވެ. ދިވެހިރައްޔިތެގެ އައިޑީ ކާޑަށް މިހާރު ލިބެމުންދާ 000،100 ރުފިޔާ ރައްޔިތުންގެ އަތުން އުނިވާއިރު ކޮންމެ ފެންފުވައް ވަޒީރަކަށް މަހެއްގެ މައްޗަށް -/000،480 ލިބޭނެއެވެ. އެބޭފުޅުންނަށް އޭގެއިން -/000،100 ބޭސްފަރުވާ އަށް ހަރަދު ކުރެވުނަސް ރައްޔިތުންނަށް އެހަރަދެއް ނުކުރެވޭނެއެވެ. މިއީ ހަތްތަހާވެސް ހިތާމަކުރަންޖެހޭ ކަންކަމެވެ. މިފަދަ ގޮތަކަށް ރައްޔިތުނަށް ގައްދާރު ނުވުމަށް އަދުގެ ސަރުކާރަށާއި ބާޣީންނަށް އަޅުގަޑު ގޮވާލަމެވެ. އަދި އަވަސް އިންތިހާބަކަށް ވަޑައިގެން ރައްޔިތުންގެ ރުހުމައި ލޯތްބާއި އެކު ވެރިކަމެއް ގާއިމް ކުރުމަށް ގޮވާލަމެވެ. އަވަހަށް ވޯޓް ކަރުދާސް ދެއްވާށެވެ. އަޅުގަޑުމެންގެ ހިޙްތިޔާރު ކުރާނީ ހަމަ ރައީސް ނަޝީދެވެ. ސައުތު އޭޝިޔާގެ ނެލްސަން މަންޑޭލާ އެވެ. މި ހާރު ވޯޓް ކަރުދާހެއް ދެއްވިޔަސް ބާޣީ ވަޙީދު ފަހާލަން އަޅުގަނޑުމެން މިތިބީ ތައްޔާރަށެވެ.