ހުކުރު ނަމާދަށް ފަހު ޖުމްހޫރީ މައިދާން ކައިރީގައި އެމްޑީޕީ ސަޕޯޓަރުން އިޙްތިޖާޖުކޮށްފިއެވެ.
މިއަދު އިސްލާމީ މަރުކަޒަށް ހުކުރަށް ދިޔަ އެމްޑީޕީގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު ޖުމްހޫރީ މައިދާން ކައިރީގައި ބާޣީ ސަރުކާރާ ދެކޮޅަށް އިޙްތިޖާޖުކުރަން ފެށުމުން ބާޣީ ސަރުކާރުގެ ސަލާމަތީ ބާރުތަކުން ވަނީ ވަގުތުން އެމީހުން ޗާންދަނީ މަގާ ހަމައަށް ފަހަތަށް ޖައްސާފައެވެ.
މިއަދު ޖުމްހޫރީ މައިދާނުގައި އެމްޑީޕީގެ ސަޕޯޓަރުން އިޙްތިޖާޖު ކުރި އިރު ބާޣީ ރައީސް އިއްޔެ ވިލިމާލެއަށް ވަޑައިގަތުމުން އެރަށުގައި ވެސް ބާޣީ ސަރުކާރާ ދެކޮޅަށް އެމްޑީޕީގެ ސަޕޯޓަރުން ވަނީ ވަރަށް ވަރުގަދައަށް އިޙްތިޖާޖުކޮށްފައެވެ.
މިއަދު ހުކުރު ނަމާދަށްފަހު ސުލްހަވެރިކަމާއެކު ޖުމްހޫރީ މައިދާނުގައި އިށީނދެގެން ތިބި ދިހަ ވަރަކަށް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ. އަދި އެ ސަރަހައްދުން އެ ވަގުތު ދިޔަ، ބާޣީންނަށް ވަފާތެރި ގާޒީއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ، ޖޭއެސްސީގެ ރައީސް އާދަމް މުޙައްމަދުގެ ކާރަށް ގާބުރިއެއް އެއްލުމުގެ ސަބަބުން އެކާރުގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ.
ޑިމޮކްރަސީ އާއި އިސްލާޙަށް މަސައްކަތްކުރާ އެމްޑީޕީގެ ސަޕޯޓަރުންނާއި ބާޣީ ސަރުކާރާ ދެކޮޅު ވަކި ޕާޓީއަކަށް ތާޢީދުނުކުރާ އެތައް ބައެއްގެ ނުރުހުން މިހާރުގެ ސަރުކާރަށް އަމާޒުވަމުންދާތީ ބާޣީ ރައީސް ވަޑައިގަންނަވާ ކޮންމެ ތަނަކަށް ވެސް ވަޑައިގަންނަވަން ޖެހިފައިވަނީ ފުލުހުންނާއި ސިފައިންގެ ބޮޑު ފައުޖެއް ގޮވައިގެންނެވެ. އަދި އަވަސް އިންތިޚާބެއްގެ ތާރީޚް އިއުލާން ނުކުރަނީސް ބާޣީ ސަރުކާރަށް ހަމަޖެހިގެން ސަރުކާރު ހިންގުމުގެ ފުރުސަތު ނުދޭނޭ ކަމަށް އެސަރުކާރާއި ދެކޮޅަށް މަސައްކަތްކުރާ ރިފޯމިސްޓުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.