އެމްޑީޕީ ޓިކެޓް ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުންގެ ޕްރައިމަރީ އެއް 18 ރަށެއްގައި މިއަދު ކުރިއަށް ދާނެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީ ޓިކެޓް ހޯއްދެވުމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބީ 5 ދާއިރާއަކަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންގެ ޕްރައިމަރީއެއް މިއަދު ރާއްޖޭގެ 18 ރަށެއްގައި ކުރިއަށް ދާނެއެވެ.

އެ ރަށްރަށަކީ ބ އަތޮޅުގެ 4 ރަށްކަމުގައިވާ ބ ތުޅާދޫ އާއި ފެހެންދޫ އާއި ފުޅަދޫ އާއި ގޮއިދޫ އާއި، ކ އަތޮޅުގެ 4 ރަށްކަމުގައިވާ ކ ދިއްފުއްޓާއި ކ ތުލުސްދޫ އާއި ކ ހުރާ އާއި ކ ހިންމަފުއްޓާއި އއ ގެ 5 ރަށް ކަމުގައިވާ އއ ބޮޑުފުޅަދޫ އާއި އއ ފެރިދޫ އާއި އއ މަތިވެރި އާއި އއ ހިމެންދޫ އާއި އއ މާޅޮހާއި ގދ އަތޮޅުގެ 5 ރަށްކަމުގައިވާ ގދ ރަތަފަންދޫ އާއި ގދ ފިޔޯރީ، ގދ ފަރެސް އަދި ގދ މާތޮޑާ އަދި މާލެއެވެ.

ޕްރައިމަރީގައި ވޯޓުލުން ފެށޭނީ މިއަދު މެންދުރުފަހު 2.30 ގައެވެ. ވޯޓުލުން ނިމޭނީ ރޭގަނޑު 8.00 ގައެވެ.

ޕްރައިމަރީގައި ވޯޓުލާނީ އެ އިންތިޚާބީ ދާއިރާއަކަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންނެވެ. މިއަދު ޕްރައިމަރީ އޮންނަ އިންތިޚާބީ ދާއިރާތަކަކީ B1، K2، AA1، G DH3 އަދި M2 ގައެވެ.

މާލޭގައި މިއަދު ޕްރަމަރީ އޮންނާނީ މާފަންނުގެ އިންތިޚާބީ ދާއިރާއެއް ކަމުގައިވާ އެމް 2 ގައެވެ.

މިއަދު ޕްރައިމަރީ އޮންނަ ހުރިހާ ދާއިރާތަކަކަށްވެސް 3 ކެންޑިޑޭޓުންނަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވެއެވެ.