މިއަދު އޮންނަ އެމްޑީޕީގެ ހިނގާލުން ފެށޭނީ ރާޅުގަނޑުން

ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްޑީޕީން ބާއްވާ ހިނގާލުން ފެށޭނީ ރާޅުގަނޑުން ކަމަށް އެޕާޓީން ބުނެފިއެވެ.

މިއަދު ހަވީރު 4 ޖަހާއިރު ފަށާ މި ހިނގާލުމުގައި، ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެމްޑީޕީން ގޮވާލާފައެވާއިރު، މި ޙަރަކާތުގައި ކުޑަކުދިން ބައިވެރިނުކުރުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

މި ކަމަށް ގޮވާލައި، އެ ޕާޓީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ވާ ގޮތުން 18 އަހަރު ނުފުރޭ ކުޑަކުދިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިކުރުމަކީ އެދެވިގެން ނުވާ ކަމެއްކަމުން މިއަދު ފުލުހުންނާ ދެކޮޅަށް ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރާ ދުވަހު އެމްޑީޕީއިން ބާއްވާ ހިނގާލުމުގައި 18 އަހަރު ނުފުރޭ ކުޑަކުދިން ބައިވެރި ނުކުރުމަށް އެމްޑީޕީން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން ފުލުހުން ދިވެހިރައްޔިތުންނަށް ކޮށްފައިވާ ބައެއް ލާއިންސާނީ އަނިޔާ ދިން ދުވަސްތަކަށް ވެސް މި ނޫސް ބަޔާނުގައި އަލިއަޅުވާފައި ވެއެވެ.

އެ ގޮތުން 7 ފެބްރުއަރީ 2012 ވަނަ ދުވަހު ފުލުހުންނާއި ސިފައިންގެ ތެރެއިން މަދު ބަޔަކުގެ ބައިވެރިވުމާއެކީގައި ދިވެހިރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރު ބަޣާވާތަކުން ވައްޓާލައި، ޖެހިގެން އަައި ފެބްރުއަރީ 8 ވަނަ ދުވަހު އެ ޕާޓީގެ ޤައުމީ މަޖިލިހުގެ ބައްދަލުވުމަށްފަހު ޕާޓީއަށް ތާޢީދު ކުރާ މީހުންނާއި އަދި ބަޣާވާތް ކުށްވެރި ކުރާ އެތައް ހާސް ދިވެހި ރައްޔިތުން ބައިވެރިވި ޞުލްޙަވެރި ހިގާލުން ބާރުގެ ބޭނުންކޮށްގެން ވަރަށް އަނިޔާވެރި ގޮތަކަށް ފުލުހުންނާއި ސިފައިން ރޫޅާލާފައިވާ ކަމަށް މި ބަޔާނުގައި ވެއެވެ.

އަދި ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކުގައިވެސް ފުލުހުން ބާރުގެ ބޭނުންކޮށް އެތައް ބަޔަކަށް އަނިޔާ ލިބި ހައްޔަރުކުރި ކަމަށް މި ނޫސްބަޔާނުގައި ވެއެވެ. އަދި ހަމަ މިއާއެކު ޣައިރު ޤާނޫނީ ސަރުކާރުގެ ލީޑަރު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ވަހީދު އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެކަމާ ނުރުހުން ފާޅުކުރި އެސިޓީގެ އެތައް ބަޔަކަށް ފުލުހުން އަނިޔާކުރި ކަމަށާއި، އެ ކަމާ ގުޅިގެން ބައިނަލްއަޤްވާމީ ގޮތުން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްކަމަށްވާ އެމެނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ކަންބޮޑުވުން ފާޅުކޮށް ހަރުކަށި ޢިބާރާތުން ފުލުހުންގެ އަނިޔާތަށް ކުށްވެރިކޮށްފައިވާ ކަމަށް ވެސް އެ ނޫސް ބަޔާނުގައި ވެއެވެ. އަދި ހަމަމިއާއެކު ރައީސް އޮފީސް ކައިރިއަށް އެއްވި އަންހެނުންގެ އެއްވުން ވެސް ރޫޅާލާފައިވަނީ ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްގެން ކަމަށާއި، އެޢަމަލުތައް ހިޔުމަން ރައިޓްސް ކޮމިޝަންނުންވެސް ކުށްވެރިކޮށްފައިވާކަން އެމްޑީޕީން ފާހަގަކޮށްފައި ވެއެވެ.