ނޫސް ބަޔާން: ފުލުހުންނާ ދެކޮޅަށް ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރާ ދުވަހު އެމްޑީޕީއިން ބާއްވާ ހިނގާލުމުގައި 18 އަހަރު ނުފުރޭ ކުޑަކުދިން ބައިވެރިނުކުރުމަށް އިލްތިމާސް ކުރުން

18 އަހަރު ނުފުރޭ ކުޑަކުދިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިކުރުމަކީ އެދެވިގެން ނުވާ ކަމެއްކަމުން މާދަމާ 15 މާރޗް 2012 ގައި ފުލުހުންނާ ދެކޮޅަށް ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރާ ދުވަހު އެމްޑީޕީއިން ބާއްވާ ހިނގާލުމުގައި 18 އަހަރު ނުފުރޭ ކުޑަކުދިން ބައިވެރިނުކުރުމަށް މި ޕާޓީއިން އިލްތިމާސް ކުރަމެވެ.

15 މާރޗް އަކީ ފުލުހުންގެ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީގޮތުން ފާހަގަ ކުރާ ދުވަހެކެވެ. މިދުވަހާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އިސްނަގައިގެން ފުލުހުންގެ އަނިޔާއާ ދެކޮޅަށް ސުލްހަވެރި ހިނގާލުމެއް މާދަމާ، 15 މާރޗްވާ ބުރާސްފަތި ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

7 ފެބްރުއަރީ 2012ވަނަ ދުވަހު ފުލުހުންނާއި ސިފައިންގެ ތެރެއިން މަދު ބަޔަކުގެ ބައިވެރިވުމާއެކީގައި ދިވެހިރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރު ވަނީ ބަޣާވާތަކުން ވައްޓާލާފައެވެ. އަދި ޖެހިގެން އަައި ފެބްރުއަރީ 8 ވަނަ ދުވަހު މިޕާޓީގެ ޤައުމީ މަޖިލިހުގެ ބައްދަލުވުމަށްފަހު މިޕާޓީއަށް ތާޢީދު ކުރާ މީހުންނާއި އަދި ބަޣާވާތް ކުށވެރި ކުރާ އެތައް ހާސް ދިވެހި ރައްޔިތުން ބައިވެރިވި ޞުލްޙަވެރި ހިގާލުން ބާރުގެ ބޭނުންކޮށްގެން ވަރަށް އަނިޔާވެރި ގޮތަކަށް ފުލުހުންނާއި ސިފައިން ވަނީ ރޫޅާލާފައެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކުގައިވެސް ފުލުހުން ބާރުގެ ބޭނުންކޮށް އެތައް ބަޔަކަށް އަނިޔާ ލިބި ހައްޔަރުކުރިއެވެ. އަދި ހަމަމިއާއެކު ޣައިރު ޤާނޫނީ ސަރުކާރުގެ ލީޑަރު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ވަހީދު އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެކަމާ ނުރުހުން ފާޅުކުރި އެސިޓީގެ އެތައް ބަޔަކަށް ފުލުހުން އަނިޔާކުރިއެވެ. މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ ގޮތުން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްކަމަށްވާ އެމެނެސްޓީ އިންޓަނޭޝަނަލްއިން ވަނީ މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ހަރުކަށި ޢިބާރާތުން ފުލުހުންގެ އަނިޔާތަށް ކުށްވެރިކުރައްވާފައެވެ. އަދި ހަމަމިއާއެކު ރައީސް އޮފީސް ކައިރިއަށް އެއްވި އަންހެނުންގެ އެއްވުން ވެސް ރޫޅާލާފައިވަނީ ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައެވެ. މިޢަމަލުތައް ހިޔުމަން ރައިޓްސް ކޮމިޝަންނުންވެސް ވަނީ ކުށްވެރިކޮށްފައެވެ.

މާދަމާ 15 މާރޗް 2012 ވާ ބުރާސްފަތި ދުވަހު ބާއް ހިގާލުމަކީ ސުލްޙަވެރިގޮތުގައި ފުލުހުންގެ އަނިޔާއާ ދެކޮޅަށް ބޭއްވޭ ހިނގާލުމެކެވެ. އަންހެނުންނާއި އުމުރުން ދުވަސްވީ އެތައް ދިވެހި ރައްޔިތުންނެއް މިއެއްވުމުގައި ބައިވެރިވާނެއެވެ. އެމް.ޑީ.ޕީން އަބަދުވެސް ބޭނުންވަނީ މިފަދަ މުޒާހަރާތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމެވެ. 18 އަހަރު ނުފުރޭ ކުޑަކުދިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިކުރުމަކީ އެދެވިގެން ނުވާ ކަމަކަށް ވާތީ، މިފަދަ ކަންކަމަށް ކުޑަކުދިން ނުގެނައުމަށް މިޕާޓީއިން އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް