ބާޣީ ސަރުކާރުގެ ފުލުހުން ތިނަދޫ އެމްޑީޕީ ސަޕޯޓަރުން ހައްޔަރުކުރުމާ ދެކޮޅަށް ތިނަދޫގައި އިޙްތިޖާޖު ކުރަނީ

ބާޣީ ސަރުކާރުގެ ފުލުހުން ގދ. ތިނަދޫއަށް އަރައި ތިނަދޫ އެމްޑީޕީ ސަޕޯޓަރުން ހައްޔަރުކުރަމުންދާތީ އެކަމާ ދެކޮޅަށް ތިނަދޫ ރައްޔިތުން ނިކުމެ އިޙްތިޖާޖުކުރަމުން އެބަދެއެވެ.

ބާޣީ ފުލުހުން އެމްޑީޕީގެ މާރޗްގެ ސުލްހަވެރި އިޙްތިޖާޖުގެ ބައިވެރިން ގާނޫނާއި ގަވައިދާއި، އާންމު އުސޫލުތަކާއި ޚިލާފަށް އެމްޑީޕީގެ އިސްވެރިންނާއި، އާންމު މެންބަރުންނަށް ބޮޑެތި ލާއިންސާނީ އަނިޔާ ދިނުމާއި ދެކޮޅަށް އެ ދުވަހުގެރޭ ދިވެހި ރައްޔިތުން އުތުރި އެރުމުގައި ތިނަދޫގެ ކައުންސިލް އިދާރާއި ކޯޓާއި، ފުލުހުންގެ އިދާރާ އެރަށު ބަޔަކު ހަލާކުކޮށްލާފައިވާތީ މިއަދު އެރަށުގައި ހަރަކާތްތެރިވާ ބާޣީ ފުލުހުން ތިބެނީ ގެސްޓްހައުސް އެއް ގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެ ގެސްޓް ހައުސް ކުރިމަތީގައި ގިނަ ބަޔަކު ދަނީ ބާޣީ ސަރުކާރާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.
މި ސައިޓަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫން މިއަދު އިރު އޮއްސުމާ ހަމައަށް 13 މީހަކު ހައްޔަރުކޮށްފައި ވެއެވެ. އަދި ބާޣީ ފުލުހުން މީހުން ހައްޔަރުކުރަމުން ދަނީ އެރަށުގެ ޕީޕީއެމަށް ނިސްބަތްވާ މީހުންދީފައިވާ 50 މީހުންގެ ލިސްޓުގައި ހިމެނޭ މީހުން ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. އަދި އެމީހުން މިހާރުވަނީ ފުލުހުން ތިބޭ ގދ ތިނަދޫ ‘ގެލަ’ ގޭގައި ބައިތިއްބާފައެވެ.

މުޒާހަރާކުރާ މީހުން ގޮވާލަމުންދަނީ ހައްޔަރު ކުރި މީހުން ވަގުތުން ދޫކޮށްލުމަށާއި އަދި ފުލުހުން މިހާރުން މިހާރަށް ތިނަދޫ އިން ފޭބުމަށެވެ. މީގެ އިތުރުން ބާޣީ ސަރުކާރާއި ބާޣީ ރައީސް ވަހީދަށް ވަރަށް ބޮޑަށް އިޙްތިޖާޖުކުރާ މީހުން ދަނީ ފާޑު ކިޔަމުންނެވެ.

މިވަގުތު އެސަރަހައްދުގައި ރަޔަޓް ފުލުހުންގެ 30 ވަރަކަށް ފުލުހުން ތިބި ކަމަށް ވެސް ޚަބަރު ލިބެއެވެ.