ފުލުހުން ރައްޔިތުންނަށް ލާއިންސާނީ އަނިޔާކުރުން މިވަނީ އަނެއްކާވެސް ހައްދު ފަހަނައަޅައި ގޮސްފައި – އިންތި

ބާޣީ ފުލުހުން އަނިޔާވެރިކަމާއެކު ގދ.ތިނަދޫން މީހުން ހައްޔަރުކުރަމުންދާ ކަމަށް އިންތި ވިދާޅުވި

ފުލުހުން ރައްޔިތުންނަށް ލާއިންސާނީ އަނިޔާކުރުން މިވަނީ އަނެއްކާވެސް ހައްދު ފަހަނައަޅައި ގޮސްފައި ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސް ކޮންފަރެންސެއްގައި އިންތި ވިދާޅުވީ ރާއްޖޭގައި ކުރިންސުރެވެސް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ރައްޔިތުންނަށް ލިބެމުން ދިޔަ ކަމަށެވެ. އަދި އެ އަނިޔާތަކަށް ހުއްޓުމެއް އައީ އެމްޑީޕީގެ ސަރުކާރުގައި ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

” އަޅުގަނޑުމެންނަށް ފުލުހުންގެ ފަރާތުން ވަރަށް ބޮޑެތި ލާ އިންސާނީ އަނިޔާތައް ގައުމުގެ ތާރީޚުން، ކުރީގެ ސަގާފަތުން ފެށިގެން އަދި މިއަދުވެސް، މިފެންނަމުންދަނީ. މި އަނިޔާކުރުމަށް ކުޑަ ހުއްޓުމެއް އައިސްފައި މިވަނީ އަޅުގަނޑުމެން އެމްޑީޕީގެ ސަރުކާރު އައިސްގެން. އެމްޑީޕީގެ ސަރުކާރު ހިނގަމުން ދިޔަ ދުވަސްކޮޅު، 3 އަހަރެއްގެ ތެރޭގައި ފުލުހުންކުރާ ލާއިންސާނީ އަނިޔާތައް އިރާދަކުރެއްވީތީ އަޅުގަނޑުމެން ވާނީ ހުއްޓުމަކަށް ގެނެސްފައި. އެހެން ނަމަވެސް އަޅުގަނޑުމެންގެ ވެރިކަން ބަޣާވާތަކުން ފޭރިގަތުމަށްފަހު އަނެއްކާވެސް އެންމެ ކުރިން ކުރި ގޮތަށް މީހުންނަށް ލާއިންސާނީ އަނިޔާކުރުން މިވަނީ ހައްދު ފަހަނައަޅައި ގޮއްސަ.” އިންތި ވިދާޅުވިއެވެ. ” މި ވާހަކަ މިއަދު އަޅުގަނޑު ދައްކާ އިރުގައި، މިހާރު ވެސް ގދ.ތިނަދޫގައި ފުލުހުން ގޮސް 8 މީހަކު ވަރަށް އާބިޓަރީ ގޮތެއްގައި ވަނީ ހައްޔަރުކޮށްފަ. އެހެން ވީމާ މިއީ ރައްޔިތުންނަށް ކުރާ ވަރަށް ބޮޑު ބޭއިންސާފް އަނިޔާތަކެއް.”

ފުލުހުންނަކީ ރައްޔިތުން ބިރުގަންނަ ބަޔަކަށް ހަދާނޭ ކަމަށް ބާޣީ ސަރުކާރުގެ ހޯމް މިނިސްޓަރ މުޙައްމަދު ޖަމީލް ވިދާޅުވި ކަމަށާއި، މިފަދަ ބަސްތަކުން އެ މީހުންނަކީ ވަރަށް ބިރުވެރި، މީހުންނަށް އަނިޔާކުރާނޭ ބައެއް ކަން އެނގޭ ކަމަށް އިންތި ވިދާޅުވިއެވެ. އެހެން ނަމަވެސް ފުލުހުންނަކީ ހަގީގަތުގައި ރައްޔިތުން ބިރުގަންނަން ޖެހޭނޭ ބައެއް ނޫން ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

“ފުލުހުންނަކީ ހަގީގަތުގައި ރައްޔިތުން ބިރުގަންނަން ޖެހޭނޭ ބައެއް ނޫން. އެއާ ޚިލާފަށް ފުލުހުން ފެނުނީމަ މީހުންނަށް އަމާންކަން ލިބެންޖެހޭނީ. އެއީ އަޅުގަނޑުމެން ރައްޔިތުން ގަބޫލުކުރާ ގޮތަކީ. މުޖުރިމަކު ވެސް ފުލުހުން ދެކެ އަސްލު ހަގީގަތުގައި ބިރުގަންނާކަށް ނުޖެހޭނެ. ސަބަބަކީ މުޖުރިމުން ވެސް ބިރުގަންނަން ޖެހޭނީ އެމީހަކު އަތްދަށުވުމަށްފަހު ތަޅައި އަނިޔާކޮށްފާނެތީވެ. ގާނޫނީ ގޮތުގައި ހުންނަ މީހަކު އެއީ ހަގީގަތުގައި ބިރެއް ގަންނަން ޖެހޭނެ މީހެއް ނޫން. އެމީހަކަށް އިނގޭނެ ގާނޫނީ ހަމަތަކުގެ މަތިން އަދަބު ލިބެންޏާ އެ އަދަބު އެއީ ލިބެންޖެހޭނެ އެއްޗެއްކަން. އެއް އިންސާނަކު އަނެއް އިންސާނަކު ދެކެ ބިރުގަންނާނީ ހަގީގަތުގައި އަނިޔާކޮށްފާނޭތީވެ. އެހެންވީމާ ފުލުހުންނަކީ މީހުން ބިރުގަންނަން ޖެހޭނޭ ބަޔަކަށް ވެގެން ނުވާނެ.” އިންތި ވިދާޅުވިއެވެ.

ފުލުހުން އަނިޔާކުރާކަން ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ވީޑިއޯ ކުރެވިގެން މިމަހުގެ 8 ވަނަ ދުވަހާއި 7 ވަނަ ދުވަހު ފެނިފައިވާ ކަމަށް އިންތި ވިދާޅުވިއެވެ. އެންމެ ފުރަތަމަ 7 ވަނަ ދުވަހު ހެނދުނު މިއުޓިނީ ކުރި ފުލުހުން ވަނީ އެންމެންގެ ކުރިމަތީގައި ރައްޔިތުންނަށް އެތައް ގިނަގުނަ އަނިޔާތަކެއް ކޮށްފައި ކަމަށާއި، “މީހުން ގައިގައި މުގުރުންތަޅައި، އަސޭމިރުސް ދުން ޖަހައި، މިފަދަ ވަރަށް ބޮޑެތި އަނިޔާތަކެއް ކޮށް މީހުން ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރެވި ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ދާންޖެހި މި ހުރިހާ ކަމެއް ކުރެވިފައިވާ” ކަމަށް އިންތި ވިދާޅުވިއެވެ. އަދި ފުލުހުންގެ “ބަހުރުވަ ހުންނަ ގޮތަކީ އިންސާނުންނާ މުޚާތަބުކުރަން ހުންނަ ބަހުރުވައެއް ނޫން” ކަމަށާއި، އެ ކަންކަމަކީ އަޅުގަނޑުމެން އިންސާނުންނަށް ވީތީ ކުށްވެރިކުރާ ކަންތައް” ކަމަށް އިންތި ވިދާޅުވިއެވެ.

8 ވަނަ ދުވަހު ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން 23 މީހެއްގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު ފުލުހުން މީހުން މެރުމުގެ ގަސްދުގައި ބޮލަށް އަމާޒުކޮށް ރައްޔިތުންނަށް ދިން އަނިޔާތައް ބަލާނޭ ފަރާތެއް ނެތް ކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް އިންތި ވިދާޅުވިއެވެ. އަދި އެ އިން އެއްވެސް މައްސަލައެއް ބެލިފައި ނެތް އިރު، ބަޣާވާތް ގެނައި ފުލުހުންގެ މައްސަލަ ވެސް ބެލިފައި ނެތް ކަމަށް އިންތި ވިދާޅުވިއެވެ.

މީގެ އިތުރުން މާދަމާ އެ ފާހަގަކުރަނީ މިފަދަ އަނިޔާތަކާއި ދެކޮޅު ދުވަސް ކަމަށާއި، އެ ކަމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބެމުންދާ ކަމަށް އިންތި ވިދާޅުވިއެވެ.