އެމްޑީޕީން ކުރިޔަށް ގެންދާ ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގައި މީގެ ކުރިވެސް ހުންނާނީ ބައިވެރި ވެފައި އަދި ކުރިޔަށް އޮތްތާނގައިވެސް އެފަދަ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާނަން – ޑރ.ޑީޑީ

އެމްޑީޕީން ކުރިޔަށް ގެންދާ ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގައި މީގެ ކުރިން ވެސް ބައިވެރިވެވަޑައިގެންފައިވާނޭ ކަމަށާއި އަދި ކުރިޔަށް އޮތްތާގައިވެސް އެފަދަ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނޭ ކަމަށް އެޕާޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޓީވީ ސްޓޭޝަނުން ރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ.ޑީޑީ ވިދާޅުވީ، އެއްވެސް މީޑިޔާއެއްގައި އެފަދަ ހަރަކާތްތަކުގައި ސީދާ ބައިވެރިވެވަޑައިނުގަންނަވާނޭ ކަމަށް ވިދާޅުވެފައި ނޯންނާނެ ކަމަށާއި، އެކަމާ ގުޅޭ ގޮތުން ބައެއް ލަފާތައް ޕާޓީގެ އެކި ގުނަވަންތަކަށް ދެއްވާފައިވާނެ ކަމަށެވެ. އަދި 12 ގެ ފަހުން ބާއްވާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގަންނަވާނަމޭ އެއްވެސް މީޑިޔާއެއްގައި ވިދާޅުވެފައި ނުވާނެ ކަމަށްވެސް ޑރ.ޑީޑީ ވިދާޅުވި އެވެ.

“ކަނޑައެޅިގެން އެއްވެސް މުޒާހަރާއެއްގައި ބައިވެރި ނުވާނަމޭ އަޅުގަނޑު ނުބުނަން. މީގެ ކުރިން ކިތަންމެ ސުލްހަވެރި ހިނގާލުންތަކެއްގަ އަޅުގަނޑު ހުންނާނެ ބައިވެރި ވެފަވެސް. އެހެންނަމަވެސް ވާގޮތަކީ ބައެއް މީޑިޔާތަކުން އަޅުގަނޑުމެންނަށް ފޯން ކޮށްލާފަ، އަޅުގަނޑުމެންގެ ފަރާތުން ހޯދާ ބަސްތައް އެބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް އަތުރާ ލައްވަނީ. އެގޮތަށް ކަންކުރުމުން ވަރަށް ސެންސިޓިވް ޚަބަރެއް ގޮތުގަ ވެގެންދަނީ. އެހެންވީމަ އެކަހަލަ ގޮތަކަށް ގޮސްފައިވާ ޚަބަރެއް ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވެނީ” ޑރ.ޑީޑީ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޑރ.ޑީޑީ ވިދާޅުވީ، ޑރ.ވަހީދުގެ ސަރުކާރުގެ ވުޒާރާތަކާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކާއި އަދި ވަހީދުގެ ސަރުކާރާއެކީ ބައެއް މަޝްވަރާތައް ކުރައްވާ ކަމަށް އަޑުފެތުރުނު ކަމުގައިވިޔަސް އެއީ މުޅިން ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.