މާފަރު ކައުންސިލްގެ ބައި-އިލެކްޝަން 28 އެޕްރީލްގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި.

މިއަންނަ ހޮނިހިރު ދުވަހު ވެސް މާފަރު ކައުންސިލްގެ ބައި އިލެކްޝަނެއް އޮންނާނެ

ނ. މާފަރު ކައުންސިލުގެ ކުރީގެ ރައީސް އަންވަރު ޢަބްދުލްޣަނީ އެމްޑީޕީން ވަކިކުރުމާ ގުޅިގެން އެ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން 28 އޭޕްރީލް 2012 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައި އެކަން އިޢުލާނުކޮށްފިއެވެ.

މާފަރު ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރުކަމުގެ މަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 ން ފެށިގެން މި މަހުގެ 27 ވާ އަންގާރަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކު ހެނދުނު 9:00 ން ހަވީރު 3:00 އާ ހަމައަށް އަދި ހުކުރު ދުވަހު މެންދުރުފަހު 2:30 ން ހަވީރު 5:00 އަށް އިލެކްޝަންސް ކޮމިޝަނުގެ 5 ވަނަ ފަންގިފިލާގައެވެ.

ނ.މާފަރު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އެމްޑީޕީގެ މެންބަރު އަންވަރު ޢަބްދުލްޤަނީ އެމްޑީޕީން ވަކިކޮށްފައިވަނީ އޭނާ ތަކުރާރުކޮށް އެމްޑީޕީގެ އަސާސީ ގަވައިދާއި، ޕާޓީގެ އުސޫލުތަކާއި ޚިލާފަށް އަމަލުކުރަމުން ދިއުމުގެ ސަބަބުން ނެވެ.

ނ. މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަކަށް މެންބަރަކު އިންތިޚާބުކުރުމަށް 17 މާޗް 2012 ވާ ހޮނިހިރު ދުވަހުވެސް ބައި-އިލެކްޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.

މާރޗް 17 ވަނަ ދުވަހު ބާއްވާ ޕްރައިމަރީ އަކީ ލޯކަލް ކައުންސިލްގެ ގާނޫނުގައި ބުނާ ޝަރުތުތައް ނ. މާފަރު ރަށު ކައުންސިލްގެ ޑީއާރުޕީ މެންބަރު މއ. އަބާ، އިބްރާހިމް މަނިކުގެ ހަމަނުވާ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން 30 ޖެނުއަރީ 2012 ވަނަ ދުވަހު ހުކުމްކުރުމާ އެކު އޭނާގެ ގޮނޑި ގެއްލުމުގެ ސަބަބުން އެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަނެކެވެ.